މާލޭ ރަށްޔިތުންނަށް ފަސްހާސް ގޯއްޗާއި، ހަތްހާސް ހައުސިން ޔުނިޓް ގެ މަޝްރޫޢު މިދައުރުގައި ކުރިޔަށްގެންދާނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
މާލޭ ރަށްޔިތުންނަށް ފަސްހާސް ގޯއްޗާއި، ހަތްހާސް ހައުސިން ޔުނިޓް ގެ މަޝްރޫޢު މިދައުރުގައި ކުރިޔަށްގެންދާނެ: ރައީސް

މާލޭ ރަށްޔިތުންނަށް ފަސްހާސް ގޯއްޗާއި، ހަތްހާސް ހައުސިން ޔުނިޓް ގެ މަޝްރޫޢު މިދައުރުގައި ކުރިޔަށްގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏، ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު އޮތް 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ގެދޮރުގެ އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު ކަމުގައި ހާމަކުރައްވާފައެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯއްޗާއި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭން ނިންމާފައިވާކަމަށާއި މިމަސައްކަތް މިއަހަރު ޖޫންގައި ފަށައިގެން ކުރިޔަށް ގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭން ނިންމާފައިވާ ކަމަށާއި، ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވެގެންދާނެކަމުގައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯހިޔާވަހިކަމުގައި މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ބޮޑުކަން ހާމަކުރައްވާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭ ކަމުގެ އިޙްސާސް ކުރެވުނު ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިޢުލާނުކުރެއްވި 5,000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިވުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަންތައްކަމުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން ސަރުކާރުން އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، ގެދޮރުވެރިޔާ ލޯންގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

 

މިއަދު އޮންލައިން