ޞާލިޙް ޢަލައިހިއްސަލާމްގެ ސިޔަރަތު: ޘަމޫދު ބާގައިގެ މީހުންނަކީ ކޮންބައެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 39ސ
ޞާލިޙް ޢަލައިހިއްސަލާމްގެ ސިޔަރަތު: ޘަމޫދު ބާގައިގެ މީހުންނަކީ ކޮންބައެއް!

صالح عليه السّلام

هود عليه السّلام ގެ ޤައުމަށް މާތްالله سبحانه وتعالى ގެ ޢަޛާބު ފޮނުއްވައި ޢާދުބާގައި މީހުން ނެތިކުރެއްވި އިރު، ޢަރަބި ޖަޒީރާގެ އެހެން ސަރަޙައްދުތަކުގައި މީސްތަކުން ދިރިއުޅެމުން ދިޔައެވެ. އޭގެ ތެރެއިން އެއް ސަރަޙައްދަކީ ޙިޖްރުގެ ނަމުން ނަން ދެވިފައިވާ ސަރަޙައްދެވެ. އެއީ ޙިޖާޒް އާއި ތަބޫކާ ދެމެދުގައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދު މިހާރު މަޝްހޫރުވެފައި ވަނީ "މަދާއިން ޞާލިޙް" ގެ ނަމުންނެވެ.

{ސައްޔިދު އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލްޤުރްއާން / معارف القرآن، مفتی شفیع عثمانی{

ޙިޖްރުގައި ވަޒަންވެރިވެގެން އުޅުނު ޘަމޫދުބާގައިގެ މީސްތަކުންނަށް "ޘަމޫދު" ގެ ނަމުން ނަންދެވުނީ، އެބައިމީހުންގެ އިސް ކާފަގެ ނަމަށް ނިސްބަތްކޮށެވެ. އޭނާއަކީ، نوح عليه السّلام ގެ ދަރިކަލުން ސާމުގެ ނަސަބުން އައިސްފައިވާ މީހެކެވެ. ނަސަބުގެ ސިލްސިލާއަކީ  ثمود بن عابر بن ارم بن سام بن نوح އެވެ.

{ޢަބްދުލް ވައްހާބުއް ނައްޖާރު، ޤިޞަޞުލް އަންބިޔާޢު}

ޘަމޫދުބާގައިގެ މީހުންގެ މަސައްކަތްތެރިކަން:

ޢާދުބާގައިގެ މީސްތަކުންނެކޭ އެއްފަދައިން ޘަމޫދުބާގައިގެ މީސްތަކުންނަކީވެސް ވަރަށް މަސައްކަތްތެރި ބައެކެވެ. ވަރަށް ގިނަ ހުނަރުތަކެއްގެ ވެރި ބައެކެވެ. ވިޔަފާރި އާއި ގެދޮރު ފަރުމާކުރުމާއި، ގެވެހިކަންވާރު އުފައްދާނެ ގޮތް އެބައިމީހުން ދަނެއެވެ. ހިލަ ކޮށައި މަށައިގެން ތަކެތި ހެދުމާއި، ފަރުބަދަތައް ކަނޑާނަގައިގެން ގެދޮރު އެޅުމުގެ ފަންނުވެރިކަމުގައި އެބައިމީހުންނާއި ވާދަކުރެވޭނެ އެއްވެސް ބަޔަކު އޭރު ދުނިޔެ މަތީގައި ނުވެއެވެ.[1] އެހެންކަމުން، ޘަމޫދުބާގައިގެ މީހުންނަކީ މި ފަންނުތަކުގައި އެންމެ  ކުރިއަރައި ތިބި މޭސްތިރިންނެވެ. މިކަން ކީރިތި ޤުރްއާނުގެ އެތައް ސޫރަތެއްގައި މާތްالله سبحانه وتعالى ވަނީ ބަޔާން ކުރައްވައިފައިވެއެވެ. މިގޮތުން ކީރިތި ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގެ 74 ވަނަ އާޔަތުގައި މާތ ވަޙީ ކުރައްވައިފައިވެއެވެ.

وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا ۖ فَاذْكُرُوا آلَاءَ اللَّـهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٧٤ 

މާނައީ: "އަދި عاد ބާގައިމީހުންގެ ފަހުން، خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!"

ހަމަ މި މޭރުމުން ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައި ވަނީ މިދަންނަވާ ފަދައިންނެވެ.

وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩

މާނައީ: "އަދި ثمود ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ." 

މި އާޔަތްތަކުން ދޭހަވަނީ ޘަމޫދުބާގައިގެ މީހުން، ހިލަ އާއި ފަރުބަދަތައް ކަނޑައި ކޮށައިގެން ޢިމާރާތް ކުރުމުގެ ފަންނުގައި ކުރިއަރާފައިވާ މިންވަރެވެ. އެބައިމީހުން، ގެދޮރު އަޅައިގެން ދިރިއުޅުނީ، ފަރުބަދަތަކުން ހިލަ ކަނޑައިގެންކަމެވެ. އެހެންކަމުން އެ މީހުންނަކީ ޢާދުބާގައިގެ މީހުންނަށްވުރެވެސް އެ ފަންނުގައި ކުރިއަރާފައިވާ ބައެއް ކަމުގައި ދެންނެވިދާނެއެވެ.

ލިޔުނީ: ޢަލީ އިޙްޞާން ފިޜާޤް

[1] ތަފްހީމުލް ޤުރްއާން އަދި ތަފްސީރު އިބްނު ކަޘީރު

މިއަދު އޮންލައިން