ސުވަރުގެ އެދޭީހާ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރަންވީ ސަބަބުތައް ވަރަށް ގިނައެވެ. އެސަބަބުތަކުގެ ތެރެއިން އެންމެ މުހިންމު ސަބަބުކަމުގައި އަހުރެންނަށް ފާހަގަކޮށްލެވޭ ސަބަބު ބަޔާންކޮށްލާނަމެވެ.
އަހަރެމެންގެ ޢަމަލުތަކާއިމެދު ބެއްލެވުންވަނީ އަހަރެމެން ނިމިދިއަ ގޮތެއްގެ މައްޗަށެވެ. ވީމާ އިން ސީނާއަށް އެންމެ މުހިންމުކަންބޮޑީ ރަނގަޅު ނިމުމެކެވެ. ހެޔޮ ޢަމަލުކުރުންމަތީގައި މަރުގެންދެވުމެވެ. އެކަމަށް އެދޭ މީހާއަށް އޮތީ ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. މިސާލަކަށް އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ސަޖިދައި އޮއްވާ މަރުގެންދެވުމެވެ. އެހެނީ އެވަގުތަކީ ތިމާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. ކޮންމެ މުސްލިމަކުވެސް އެދޭނީ އެޙާލަތުގައި އެމީހާގެ ފުރާނަ ހިއްޕެވުމަށެވެ. އެކަމަށް (ސަޖިދައިގައި) އޮވެ މަރުވުަށް ކިތަންމެ ބޮޑަށް އެދުނު ނަމަވެސް އެކަން ޙާޞިލުކުރެވޭނީ ގިނަގިނައިން ނަމާދުކޮށްގެންނެވެ. ސަޖިދަކޮށްގެންނެވެ.
ދެން އޮތީ އެޢަމަލެއްދެކެ އެންމެ ބޮޑަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ޢަމަލެވެ. އިމެއްނެތި ޘަވާބު ދެއްވަވާ އަޅުކަމެވެ. ރޯދަވެރިއަކު ރޯދައަށް ހުއްޓައި އޭނާގެ ފުރާނަ ގެންދަވައިފިނަމަ އެގެންދެވުނީ އެންމެ ހެޔޮކަން ބޮޑު ޢަމަލުކުރުންމަތީގައި ހުއްޓައެވެ. ކުރިން ބުނި ފަދައިން އެކަންވެސް ޙާޞިލުކުރެވޭނީ ގިނަގިނައިން ރޯދަހިފުމުންނެވެ. މިބަހުގެ މާނައަކީ ތިމާ ރޯދައަށް ހުއްޓައި ތިމާގެ ފުރާނަ ގެންދަވަން އެދޭމީހާއަށް އޮތީ ވީހައި ގިނައިން ރޯދަ ހިފުމެވެ. އެކަމަށް އެދިގެން މަސައްކަތްކުރުމަކީ އެއީއެވެ.
ބުނެލަން ބޭނުންވަނީ ރަނގަޅު ނިމުމެއް ލިބުންވަނީ އެކަމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހަކަށެވެ. ދެއްކުންތެރިކަމާއި ދުރުހެލިވެ ހެޔޮ ޢަމަލުތައްކުރާ މީހަކަށެވެ. ވީމާ ސުވަރުގެ ލިބިގަތުމަށްޓަކައި ހެޔޮ ޢަމަލުތައްކުރުން ގިނަކުރަން އެބަޖެހެއެވެ. އެއީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ހިވާގި، މުރާލި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންނަށް ޙާޞިލުކުރެވޭނެ ކަމެކެވެ. ހަމައެއާއިއެކު ރަނގަޅު ނިމުމެއް ދެއްވެވުން އެދި ވީހާ ގިނައިން ދުޢާކުރަންވެސް ވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން