އިސްލާމް ދީނުގެ އަލީގަ ފެމިނިޒަމްގެ ފިކުރު- 1

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 34ސ
އިސްލާމް ދީނުގެ އަލީގަ ފެމިނިޒަމްގެ ފިކުރު- 1

ފެމިނިޒަމް” (FEMINISM) މިއީ މިއަދު މީސްތަކުންގެ ދޫމައްޗަށް ފަރިތަވެފައިވާ، އެންމެން ދަންނަ ލަފުޒެކެވެ. ނަމަވެސް، މުޖުތަމަޢުގައި އަޑު ހިއްޕާލާފައިވާ މި ލަފުޒު ގެ މާނަ ފުރިހަމައަށް ދެނެގަތުމަށްޓަކައި އެކި ބޭފުޅުން ފެމިނިޒަމް މާނަ ކުރައްވާ، ތަޢުރީފުތައް ގެންނަވާފައިވާ ގޮތްތަކަށް ނަޒަރު ހިންގާލުން މުހިންމުކަމުގައި ދެކެމެވެ. އެހެންކަމުން “ފެމިނިޒަމް” މި ލަފުޒު އުފެދިގެން އައިސްފައިވާ ގޮތާއި، ލަފުޒީ ގޮތުން ކުރެވޭ މާނައާއި، އިޞްޠިލާޙީ ގޮތުން ކުރެވިފައިވާ ތަޢުރީފުތަކަށް އަލިއަޅުވާލާނަމެވެ.

ބަހުގެ އަޞްލާއި ލަފުޒީ މާނަ:  

"ފެމިނިޒަމް” މި ލަފުޒު އައިސްފައިވަނީ ލެޓިން ބަހެއްކަމަށްވާ "ފެމިން" (femine) މި ލަފުޒުންނެވެ. މި ލަފުޒުގެ މާނައަކީ އަންހެނުންނެވެ. ފަރަންސޭސިވިލާތުގެ ބަހުންނަމަ ކިޔާ އުޅެނީ “ފެމިނިސްމް”  (féminisme)  އެވެ. މި ލަފުޒު ބޭނުންކޮށް އުޅެނީ އަންހެނުންގެ ޙާލަތު އިޞްލާޙުކޮށް، އެންމެހާ ޙައްޤުތަކުގައި ފިރިހެނުންނާ ހަމަހަމަކަން ޙާޞިލުކުރުމަށް ހިންގޭ ހަރަކާތްތަކަށެވެ. 

ހަމަ އެފަދައިން ފަރަންސޭސި ބަހުގެ ލަފުޒު "ފެމިނިން" (féminin) އަދި "ފެމިނިސްތް" (féministe) ވެސް މި ކަލިމައިގެ އަޞްލުގެ ތެރޭގައި ހިމެނެއެވެ. (féminin) ގެ މާނައަކީ އަންހެންވަންތަކަމެވެ.  (féministe) އަކީ ފެމިނިޒަމްއަށް މަސައްކަތްކުރާ، އެކަމަށް ނަޞްރުދޭ މީހާއެވެ. [3] ނުވަތަ އަންހެނުންގެ ޙައްޤުތަކަށް ނަޞްރުދޭ މީހާއެވެ. [4]

އޮކްސްފޯޑް އިންގްލިސް ޑިކްޝަނަރީ” ގައި ފެމިނިޒަމްގެ ގެ މާނަތަކުގެ ތެރޭގައި 3 މާނައެއް ގެނެސްފައިވެއެވެ. އެއީ: 

1.    އަންހެންވަންތަކަން ނުވަތަ އަންހެންވަންތަ ސިފައެވެ.

2.    ފިރިހެނެއްގެ ކިބައިގައި އަންހެނުންގެ ޖިސްމާނީ ސިފަތައް ފާޅުވުމެވެ.

3.    މިންތީގެ ހަމަހަމަކަމަށް ގޮވާލުމާއި، ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް އަންހެން މިންތިއަށް ޤާއިމުކޮށްދިނުމާއި، އެކަމާ ގުޅުން ހުރި ޙަރަކާތްތަކެވެ. 

ފެމިނިޒަމް ގެ އިޞްޠިލާޙީ މާނަ 

މި ލަފުޒަކީ ވަރަށް ބޮޑަށް ފެތުރިފައިވާ، އަދި އެތަކެއް މާހިރުންނާއި ފަލްސަފާވެރިން ބޭނުންކުރަމުންދާ ލަފުޒެއް ނަމަވެސް، މި ލަފުޒުގެ ޝާމިލު، އޭގެ ޙުދޫދުތަކާއި އިންތައް ބަޔާންކޮށްދެނިވި އިޞްތިލާޙެއް ނުވަތަ ތަޢުރީފެއް ހޯދުންވަނީ ދަތިކަމަކަށް ވެފައެވެ. މިކަމުގެ ސަބަބުތައް ބައިވަރެވެ. އޭގެ ތެރޭގައި: 

1.    މިއީ ތަފާތު ގިނަ ދާއިރާތަކާ ގުޅުންހުރި ފިކުރަކަށްވާތީއެވެ.

2.    19 ވަނަ ޤަރުނުން ފެށިގެން މިއަދާ ހަމައަށް އައިއިރު އެކިއެކި މަރުޙަލާތަކުގެ ތެރޭގައި މި ފިކުރަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ.

3.    ވަރަށް ގިނަ، އަދި އެހާމެ ތަފާތު އެކި ޙަރަކާތްތަކާއި އާދަތަކެއް މި ފިކުރަށް ނިސްބަތް ކުރެވޭތީއެވެ.

ފެމިނިޒަމްއަށް ތާއިދުކޮށް އެކަމަށް ވަކާލާތުކުރާ އެތަކެއް ލިޔުންތެރިންގެ ލިޔުންތަކުންވެސް ފެމިނިޒަމްގެ ކަނޑައެޅިފައިވާ ވަކި ތަޢުރީފެއް ގެނައުމަށް ދަތިތަކެއް ހުރިކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެމެރިކާއަށް އުފަން، ފެމިނިޒަމަށް މަސައްކަތްކުރި އެކްޓިވިސްޓެއް އަދި ލިޔުންތެރިއެއް ކަމަށްވާ ގްލޯރިއާ ޖީން ވަޓްކިންސް، އަދަބީ ނަމުން ނަމަ ބެލް ހުކްސް ލިޔެފައިވެއެވެ.

"ފެމިނިޒަމްއާ ގުޅިގެން ދެކެވޭ ވާހަކަތަކުގައި ހިމެނޭ މައިގަނޑު އެއް މައްސަލައަކީ، ފެމިނިޒަމްއަކީ ކޮބާކަމާމެދު އެއްބަސްވުމަކަށް އައުމަށް އަހަރެމެން ނުކުޅެދިފައިވުމެވެ. ނުވަތަ އެކަތިގަނޑަކަށްވުމަށް އެހީއަކަށް ވާނޭފަދަ ތަޢުރީފަކަށް އެއްބަސްވުމަށް ނުކުޅެދިފައިވުމެވެ. އިއްތިފާޤުވެވޭ ތަޢުރީފުތަކެއް ނެތި އެ އެއްޗެއްގެ މައްޗަށް އުޞޫލުތަކާއި ޤަވާޢިދުތަކެއް ބިނާކުރާނެ ނުވަތަ މާނަހުރި މަސައްކަތްތަކެއް ހިންގޭނެ ހަރުދަނާ ބިންގަލެއް އަހަރެމެންގެ ތެރޭގައި ނެތެވެ."  

އެހެންކަމުން، ތަފާތު އެކި އިޢުތިބާރުތަކުން ފެމިނިޒަމް މާނަކުރެވިފައިވާ ތަފާތު ގޮތްތަކަށް ނަޒަރު ހިންގާލަން އެބަ ޖެހެއެވެ.

  • އާންމު މާނައިގައި ފެމިނިޒަމަށް ބޭނުންކުރެވިފައިވާ ބައެއް އިޞްޠިލާޙުތައް.
  • "އަންހެނުންނަށް ނަޞްރު ހޯދައިދިނުން"  ނުވަތަ "އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުން"  
    • މި ދެ ތައުރީފަކީވެސް ތަފާތު މާނަތައް ނެގިދާނެފަދަ ގޮތަކަށް ކޮށްފައިވާ ދެ ތަޢުރީފެވެ. ނުވަތަ މި ދެ ތަޢުރީފުން ބަލާފައި އެ ވަނީ މާނައާއި ވާސިލުވާން ބޭނުންވާ ލަނޑުދަނޑިއާ ގުޅުވައިދިނުމަށްކަމުގައި ވެދާނެއެވެ.
  • "އަންހެނުންނަށް މާޒީގައި ކުރިމަތިލާން ޖެހިފައިވާ ނުވަތަ މިހާރުވެސް ކުރިމަތިލާން ޖެހޭ، އަނިޔާވެރިކަމާއި ނާއިންސާފާއި ނުޙައްޤުން އަންހެނުންގެ ބޭނުން ހިފުންފަދަ ކަންކަމަށް ބިނާވެގެން، ފަރުދީ ގޮތުންނާއި ޖަމާޢީގޮތުން ހިންގޭ ކޮންމެ ޙަރަކާތެއް، ކުރެވޭ ކޮންމެ ތަޙުލީލެއް ނުވަތަ ކޮށޭ ކޮންމެ މަގެކެވެ."
  • "އެއީ، ފިރިހެނުންގެ ރަޢުޔުތަކާއި ކަންބޮޑުވުންތަކަށް އިސްކަންދިނުމަށްޓަކައި ތަރުތީބުވެގެން އައިސްފައިވާ މުޖުތަމަޢުއެއްގެ ތެރޭގައި އަންހެނުންނަށް، ހަމައެކަނި އަންހެނުންނަށް ވީކަމަށްޓަކާ، ހަމަހަމަކަމެއް ނެތި ޢަމަލު ކުރެވޭކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމެކެވެ."
  •  
    • މި ދެ ތައުރީފު ބިނާވެފައި މިވަނީ ފެމިނިޒަމްގެ ފިކުރު ވުޖޫދަށް އަންނަން މެދުވެރިވި ސަބަބުތަކުގެ މައްޗަށެވެ.

ފުރަތަމައީ: މާޒީގައި ނުވަތަ މިހާރުވެސް އަންހެނުން ކުރިމަތިލާންޖެހޭ އަނިޔާވެރިކަމާއި ނާއިންސާފެވެ.

ދެވަނައީ: މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ގެއްލި، ފިރިހެނުންނަށް އިސްކަންދެވި، އަންހެނުންނަކީ ފިރިހެނުންނަށް ފަހު އަންނަ އެއަށް ވުރެ ދަށްބައެއް ކަމުގައި ދެކުމެވެ.

  • އަދި "ފެމިނިސްޓް” މާނަކޮށް ސާރާ ގޭމްބްލް ލިޔެފައިވެއެވެ.

އަންހެނުންނާއި ފިރިހެނުން، ޘަޤާފީ ގޮތުން ނުވަތަ އިޤްތިޞާދީ ގޮތުން ތަފާތު ގިންތިއެއްގައި މިންކުރާ މުޖުތަމަޢުތަކެއްގައި، އަންހެނުންނަށް ލިއްބައިދެނީ ފިރިހެނުންނަށް ވުރެ ދަށު ދަރަޖައެއްކަމަށް ޤަބޫލުކުރާ މީހުންނެވެ. އަދި މި ނަހަމަކަމަކީ ކަނޑައެޅި ނިމިފައިވާ ކަމެއް ނޫންކަމާއި، ޖަމާޢީ މަސައްކަތްތަކަކުން މިފަދަ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ނިޒާމުތައް އަންހެނުންނަށް ބަދަލުކުރެވިދާނެކަމަށް ޤަބޫލުކުރެއެވެ." 

އެހެންކަމުން އޭގެ ޢާންމު މާނަކުރުމުގައި ފެމިނިޒަމްގެ އަމާޒުތަކަކީ:

1.    އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުން.

2.    އިޖުތިމާޢީ ގިއުގަނޑުގައި ހުރި ނިޒާމުތައް މުރާޖަޢާކުރުން ނުވަތަ ސުވާލުއުފައްދާ ޖަވާބުދާރީ ކުރުވުން ނުވަތަ ބަދަލުކޮށް އިޞްލާޙުކުރުން.

3.    މި ފިކުރު ފާޅުވުމަށް މެދުވެރިވި ސަބަބުތައް ބަޔާންކޮށްދިނުން. އެއީ:

o    މާޒީގައްޔާއި މިހާރުވެސް އަންހެނުންނަށް ކުރިމަތިލާންޖެހޭ އަނިޔާއާއި ނާއިންސާފު.

o    ފިރިހެނުންނާ ހަމަހަމަނުވުން.

o        

އަދި މި ކަންކަމުގެ ޙައްލަކީ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ނިޒާމުތައް، ޖަމާޢީ ގޮތެއްގައި ކުރެވޭ މަސައްކަތްތަކަކުން ބަދަލުކުރުންކަމުގައި އެބައިމީހުން ދެކެއެވެ.

 = ނުނިމޭ

އައްޝައިޚް ޙަސަން ޒިޔާން

 

 

މިއަދު އޮންލައިން