އޮމިކްރޮން ޖެހޭ މީހުންގެ އަދަދު ގިނަވިނަމަވެސް ބަލީގަ މަރުވާ މީހުންގެ އަދަދު ޑެލްޓާއަށްވުރެ މަދު ކަމަށް ޑރ. ޝާހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝާހް ވިދާޅުވީ އޮމިކްރޮން ޖެހޭ މީހުންގެ އަދަދު ގިނަވުމުން ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމަށެވެ. ނަމަވެސް ބަލީގައި މަރުވާނެ ކަމަށް ލަފާކުރެވޭ އަދަދު ޑެލްޓާ ވައިރަންޓަށްވުރެ މަދުވާނެ ކަމަށެވެ.
"މިޙާލަތުގަ ކުރަން އޮތް ކަމަކީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން."
މިފަދަ ޙާލަތެއްގައި ކަންކަން ހުއްޓައި ނާޗަރަންގީ ބޮޑު ޝޯ އާއި ނައިޓް މާކެޓް ބާއްވަން ހުއްދަދިން މައްސަލައިގައި ޑރ. ޝާހް ދެއްވީ ޒިންމާދާރުކަމެއް ނެތް "ލަންބާޗޯޅާ" ޖަވާބެއްކަން ފާހަގަކުރެވެއެވެ.
ޑރ. ނަޒްލާ އެކަން އެޅުއްވީ ޔޫތް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުގެ ބޮލުގައެވެ. ވިދާޅުވީ އެކަންކަންކުރީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް ކަމަށެވެ. އަދި ކަންކަން މަނާނުކުރުމަކީ އެޗްޕީއޭގެ ކަމެއް ނޫންކަމަށާއި އެއީ ކަންކަންކުރާ ފަރާތްތަކުން ބަލަހައްޓަން ޖެހޭނެ ކަމެއް ކަމަށެވެ.
މިފަދަ މޭރުމުން ވާހަކަފުޅު ދެއްކެވިއިރު ޖަމާއަތުގައި ނަމާދުކުރަންވީ ޤަވާއިދު ކަނޑައަޅައި އޮބިއަޅައިގެންވެސް ތަންފީޒުކުރުވަން އެޗްޕީއޭއިން މަސައްކަތްކުރާކަން ވަނީ ފާހަގަކުރެވިފައެވެ.