ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި މިހާރު ފަށާއިވާ ދިވެހިން އިސްލާމް ދީނާ ދުރުހެލިކުރުވުމުގެ ޕްރޮގްރާމްގެ ވާހަކަ ދެއްކެވުމުން އެޕްރޮގްރާމަށް ތާއީދުކުރާ މީހުން ޢިލްމުވެރިންނަށް ބުނަނީ އެހެންވީއިރު ކަލޭމެން ރާއްޖެ ޢަރަބި ދުނިޔެއަށް މާކެޓް ކުރުމަށެވެ.
ޢަރަބި ދުނިޔެއަށާއި ޢަރަބި ނޫން ދުނިޔެއަށް ރާއްޖެ މާކެޓްކުރަނީ ކޮންމެ އަހަރަކު އެތައް ބައިވަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކަމެއް އެމީހުންނަކަށް ނުއެނގެއެވެ. އަދި ކުރާ ޚަރަދުގެ ތެރެއިން ޢަރަބި ދުނިޔެއަށް މާކެޓްކުރަން ޚަރަދުކުރަނީ ވަރަށް ކުޑަމިންވަރެއްކަމެއްވެސް އެމީހުންނަކަށް ނުއެނގެއެވެ. އެނގޭނަމަ ނުއެނގޭކަމަށް ހަދައިގެން ތިބެ ޢިލްމުވެރިންނަށް ފުރައްސާރަކުރަނީއެވެ.
ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރާ ސަރުކާރުގެ މައިކުންފުނި، އެމްއެމްޕީއާރުސީއަށް ރާއްޖެ ޢަރަބި ދުނިޔެއަށް މިހާރަށްވުރެ ރަނގަޅަށް މާކެޓް ކުރަން ނުއެނގޭނަމަ ނުވަތަ ނުކުޅެދޭނަމަ ނުވަތަ ލަދުގަންނަނަމަ އެކަން ބީލަމަށްލައިގެން ނަމަވެސް ކުރެވޭވަރުގެ ބައަކާއި ޙަވާލުކުރަންވީ ނޫންތޯއެވެ؟ މިހާރުވެސް އެމަސައްކަތް އަމިއްލަފުޅު ގޮތުން ކުރައްވާ ޢިލްމުވެރިން އެބަތިއްބެވިއެވެ. އެބޭފުޅުންނަށް ހުރީ ބަޖެޓުގެ ދަތިކަމެވެ. އެބޭފުޅުންނަށް ބަޖެޓް ދެއްވަންވީނޫންތޯއެވެ؟
ވީމާ އިސްލާމް ދީނުގެ ދިފާޢުގައި މަސައްކަތްކުރައްވާ ޢިލްމުވެރިންނަށް ހަޖޫ ޖެހުމުގައި ހައްދުފަހަނައަޅާފައިވާ މީހުން ގެންދަނީ މިކަންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަން މަސައްކަތްކުރަމުންނެވެ. ޢަރަބި ދުނިޔެއަށް ރާއްޖެ މާކެޓްކުރަން އެމްއެމްޕީއާރުސީން އެކަށީގެންވާ ވަރާއި ގާތަކަށްވެސް މަސައްކަތްނުކުރާއިރު ޢިލްމުވެރިންނާއި ޝައްކު އުފައްދުވަން މަސައްކަތްކުރުމަކީ ޝައިޠޯނާގެ ބައިވެރިން ނޫނީ ކުރާނެ ކަމެއް ނޫނެވެ. މިފަދަ މީހުން ދައްކާ ޝައިޠޯނީ ވާހަކަތަކަށް ރައްޔިތުން އިތުރަށް ސަމާލުކަންދިނުމުގެ މުހިންމުކަންބޮޑުކަން ފާހަގަކުރެވެއެވެ.