ހެޔޮލަފާ ޞާލިހުންދެކެ އެންމެންވެސް ލޯބިވެއެވެ. އެކަމަކު އޭނާއަކީ ﷲ ތަޢާލާގެ މަގަށް ގޮވާލައި އިޞްލާޙަށް މަސައްކަތްކުރަންފަށާ ހިސާބުން މީސްތަކުން އޭނާދެކެ ނުރުހުންތެރިވެ ރުޅިއަންނަން ފަށައެވެ. ސަބަބަކީ ﷲ ތަޢާލާގެ މަގުގައި އިޞްލާޙަށް މަސައްކަތްކުރާމީހާ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ އެދުންތަކަކާއި ވިސްނުންތަކާއި ދެކޮޅުހަދާކަމެވެ.
ރަސޫލާ ﷺ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހްލުވެރިން އެކަލޭގެފާނުދެކެ ލޯބިވިއެވެ. ސަބަބަކީ އެކަލޭގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލަކަށްވުމުންނެވެ. ތެދުވެރި އަމާނާތްތެރިޔާގެ ލަގަބު ރަސޫލް ﷺ އަށް އެރުވީ އެމީހުންނެވެ. އެމީހުން އަމިއްލައަށެވެ. ނަމަވެސް އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމާއިއެކު އެބައިމީހުން އެކަލޭގެފާނާއި ދެކޮޅުވެގަޔެވެ.
ސަބަބަކީ އެކަލޭގެފާނު އިޞްލާޙަށް މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެހިސާބުން އެކަލޭގެފާނަކީ ދޮގުވެރިއެކޭ ސިޙުރުވެރިއެކޭ ގޮވަންފެށިއެވެ.
ވީމާ ﷲ ތަޢާލާގެ މަގުގައި ޙައްޤުބަސްބުނާ އަޅުންނަށް ތަކްލީފްތައް ކުރިމަތިކުރުވާނެކަން ޤަބޫލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރާށެވެ! ނަޞްރާއި ކާމިޔާބުލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.