ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދާދިފަހުން އަޅުގަނޑުމެންނާއި ވަކިވެވަޑައިގެން ﷲ ގެ ޙަޟްރަތަށް ދަތުރުކުރެއްވި ޢުމަރު ޒާހިރު ދިވެހި ޤައުމަސް ކޮސްދެއްވި ޚިދުމަތްތައް ވަރަށް ތަފްޞީލްކޮށް ފާހަގަކުރައްވައި ޢުމަރު ޒާހިރަށް ތައްރީފްކުރައްވައިފިއެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
އެއްބައިވަންތަކަމުގެ ދުވަހެއް އަޅުގަނޑުމެން މި ފާހަގަކުރަނީ، މީގެ 17 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ވަގުތުގަޔާއި، އެ ކާރިސާއާ ވިދިގެން ކުރިމަތިވި ދަތި އުނދަގޫ ކަންކަމުގައި، ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބަނޑުއެއްބަފާކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަދި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމުގެ ގޮތުން
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހީންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެއް، މިދިޔަ ހަފުތާގައި އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފި. އާދެ، އަޅުގަނޑުމެން އެންމެންގެ އަޚް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢުމަރު ޒާހިރު.
އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަތިވެރި ރަޙްމަތްފުޅު އެމަނިކުފާނަށް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުން އެދި ދުޢާކުރަން. އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުން، ޢާއިލާގެ އެންމެހައި ބޭފުޅުންނަށް ކެތްތެރިކަމާއި ބާއްޖަވެރިކަން ދެއްވުން އެދި ދުޢާކުރަން.
ދެންމެ ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވި ވީޑިއޯ ރިޕޯޓުންވެސް، ޢުމަރު ޒާހިރު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތައް އަޅުގަނޑުމެންނަށް ވަޒަން ކުރެވިއްޖެ.
އާދެ، ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫން. އެ މަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްޤީގެ އެއް ތަނބު. ޤައުމީ ޚިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިޚްލާޞްތެރިކަމަކީ، އެ މަނިކުފާނުގެ ޠަބީޢަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ޙިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން.
ކިތަންމެ ތަޢުރީފެއް ކުރިޔަސް، އެ މަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތައް. ފެންނަން ހުރީ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ މަލަތައް.
ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއަރޕޯޓަކީ، ޢުމަރު ޒާހިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ޤައުމީ ތަރިކައެއް. ހުޅުލޭ ފަޅު ހިއްކައިގެން ހުޅުމާލެ އުފެއްދުމަކީ، ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން، ޢުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫޢެއް.
މާލޭގައި މިހާރު މި އޮތް އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫޢު ފުރިހަމަކުރެއްވީ، ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން.
ތިލަފަޅު ހިއްކައިގެން އުފެއްދި ތިލަފުށްޓަކީވެސް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި، ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރެއްވި ވަރަށް މުހިންމު ރަށެއް. މިފަދަ ކިތަންމެ މަޝްރޫޢުތަކެއް، އެ މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކާމިޔާބު ކުރެއްވި. މި ދެންނެވި މަސައްކަތްތަކަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތައް.
މަރްޙޫމް ޢުމަރު ޒާހިރާމެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަޚްލާޤް ރިވެތި، އަދި އިޚްލާޞްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ.
މަޖީދިއްޔާ ސްކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޢުމަރު ޒާހިރު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަޚްލާޤުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން. ހަމައެކަނި ކިޔަވައިދީގެން މޮޅެތި ކުދިންނަށް ހެއްދެވީކީ ނޫން. ނާޒިރެއްގެ ގޮތުން އެމަނިކުފާނުގެ އެންމެ އިސް މަސައްކަތަކީ މީހުން މީހުންނަށް ހެއްދެވުން.
ރާއްޖޭގައި ތަފާތު ކުޅިވަރުތަކާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް، ޢުމަރު ޒާހިރު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައި. ކުޅިވަރުގެ ދާއިރާގައިވެސް، އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ކުޅުންތެރިންގެ ކިބައިގައި ކުޅިވަރުގެ އަޚްލާޤު ހަރުލެއްވުމަށް.
މި ދެންނެވި ޤައުމީ ޚިދުމަތްތަކުގެ އިތުރުންވެސް ވަރަށް މުހިންމު ތަރިކައެއް،އެ މަނިކުފާނުވަނީ އަޅުގަނޑުމެންނަށް ދޫކުރައްވާފައި. އެއީ އެ މަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީ. އެމަނިކުފާނު އެ ޑައިރީ ލިޔުއްވަން ފަށްޓަވާފައި އޮތީ، ކިޔަވާވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވި ދުވަހު. އާދެ އެއީ، 1943 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި. އޭރު އެމަނިކުފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ހަތް އަހަރު.
އެ އަހަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެ މަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކު ޑައިރީ ލިޔުއްވަމުން. އެއީ އެއް ފޮތެއް، ދެ ފޮތެއް ނޫން. ސާޅީހަށްވުރެ ގިނަ ފޮތާއި، އެތައް ބައިވަރު ނޯޓްތަކެއް. ސަރުކާރުގެ އެތައް ޒިންމާތަކެއް އަދާކުރައްވަމުން، ދުވަހުން ދުވަހަށް ޑައިރީ ލިޔުއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ.
އެ ޑައިރީ ކިޔައިލުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނު. އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް. އޭގެ އިތުރުން، ޤައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި. އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ޞަފްޙާތަކުން އަޅުގަނޑަށް މުޅިންވެސް ފެނުނީ ޢިބްރަތްތަކާއި ފިލާވަޅުތައް. އެއީ ތާރީޚީ މަޢުލޫމާތުގެ ކަންޒެއް.
އާދެ، މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރި. އަޅުގަނޑުމެން މިއަދު ދައްކަންވީ އެ ވާހަކަތައް އެކަންޏެއް ނޫން. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން. ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި، އެ މަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުން.
އެހެންކަމުން، އެ މަނިކުފާނު ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.
އަޅުގަނޑުގެ އަމިއްލަ ހަނދާނުގައި، ޢުމަރު ޒާހިރާ ދޭތެރޭގައި ހުރި އެއް ދުވަހެއް އަޅުގަނޑު ހަނދާން އެބަހުރި. އެއީ މީގެ 20 އަހަރު ކުރި. ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަސް. މުޅި ދުނިޔެ ސިއްސުވާލި ނައިން އިލެވަން ކުރިމަތިވި ދުވަސް. އެ ދުވަހުގެ ހަވީރުގެ އެ ވަގުތުގައި އަޅުގަނޑަށް އިނދެވުނީ ޢުމަރު ޒާހިރުގެ އަރިހުގައި. ސީ.އެން.އެން. އިން ވަގުތުން ލައިވްކޮށް އެ ބޯޓުތައް ޓުވިން ޓަވަރަށް ވަދެ، ޕެންޓަގަންއަށް ވަންނަމުންދިޔަ މަންޒަރު ވަގުތުން ބައްލަވަމުން ގެންދަވަމުން ވިދާޅުވި އެތައް ވާހަކަތަކެއް، އަޅުގަނޑުގެ ހަނދާނުގައި މިއަދުވެސް ހަރުލާފައި އެބަހުރި. އާދެ، ޢުމަރު ޒާހިރަކީ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ ބޭފުޅެއް ނޫން