ރައީސް ޞާލިޙްގެ ޚާއްޞަ ޝުކުރެއް: ނަންރީތި ސަލީމަށާ އިދުރީސް އާދަމަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 4ސ
ރައީސް ޞާލިޙްގެ ޚާއްޞަ ޝުކުރެއް: ނަންރީތި ސަލީމަށާ އިދުރީސް އާދަމަށް!

މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ޝުކުރެއް ނަންރީތި ސަލީމަށާ އިދުރީސް އާދަމަށް އަރިސްކުރައްވައިފިއެވެ. 

ރައީސް ޞާލިޙްގެ ވާހަކަފުޅުން: 

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ އިސްވެރިން، މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

މި އަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި، އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން. މި މުނާސަބަތުގައި އިތުރަށް އެއްޗެއް ދެންނެވުމުގެ ކުރިން، ދިވެހި ދައުލަތަށް ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިގެން، މިރޭ އިނާމު ޙާޞިލު ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން

އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައިވެސް، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެވިގެން އެބަދޭ. މި އިނާމަކީ ދައުލަތުގެ އެކި މަޤާމުތަކުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން، މި އިނާމަށް ޝަރުޠު ހަމަވާ ބޭފުޅުންނަށް އަރުވާ އިނާމެއް

މިރޭގެ މި ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދައުލަތަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ދެ ބޭފުޅަކު އެބަ ހިމެނިވަޑައިގަންނަވާ. 

މިހާރު ވަޒީފާއިން ވަކިވެވަޑައިގެންފައިވާ އެއްބޭފުޅަކީ ހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު އިދުރީސް އާދަމް  

ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައެއްނުގެންނެވުނު. އިދުރީސް އާދަމަށް އަވަސް ޝިފާއަކަށް އަޅުގަނޑު އެދެން. އިދުރީސް އާދަމް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ޝަރުޢީ ދާއިރާގައި. އިދުރީސް އާދަމް ފާހަގަކޮށްލެވެނީ، އަތޮޅާއި ރަށުގެ އެކި މައްސަލަތައް ޙައްލުކޮށްދެއްވުމަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި

އަނެއް ބޭފުޅަކީ، މިހާރުވެސް ރާއްޖޭގެ ޚާރިޖީ ދާއިރާގެ ޚިދުމަތުގައި ދެމިހުންނެވި، އެ ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ، ދެންމެ މި ސްޓޭޖުން އިނާމު ޙާޞިލު ކުރެއްވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައި ހުންނެވި މާފަންނު މާހުރާ އަލްފާޟިލް އަޙްމަދު ސަލީމް. އާދެ، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ނަންރީތި ސަލީމް

އަޙްމަދު ސަލީމަކީ، ޚާރިޖީ ދާއިރާގައި އެކިފަހަރުމަތިން މިހާތަނަށް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއް. އަދި ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި، ވަރަށް އިސް މަޤާމުތަކެއްވެސް ފުރުއްވި ބޭފުޅެއް. އެހެންކަމުން، މި ދެބޭފުޅުންނަށް، އާދެ، އިދުރީސް އާދަމަށާއި، އަޙްމަދު ސަލީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މިރޭ މި އިނާމު ޙާޞިލު ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވައި، އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން

މިއަދު އޮންލައިން