ޢަދާލަތު ޕާޓީއަކީ ޕާޓީ އުފެދުނީންސުރެ މިހައިތަނަށްވެސް އިސްލާމް ދީނުގެ ކަންކަމުގައި ޙައްޤުބަސް ބުނެ ރާއްޖޭގައި ހިންގާ އިސްލާމް ދިނާއި ޚިލާފް ކަންކަން ހުއްޓުވަން އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަ ޕާޓީއެވެ. އަދި އެފަދަ ކަންކަމާއި ގުޅިގެން އެއިރެއްގައި އޮންނަ ސަރުކާރަކަށް ޕްރެޝަރު ކުރުވައިގެން ކަންކަން އިޞްލާޙް ކުރުވަން މަސައްކަތްކުރަމުން އަންނަ ޕާޓީއެކެވެ.
އެކަންކަމުގެ ސަބަބުން ﷲ ތައާލާ މިއަދު ވަނީ ވަރަށް ބޮޑެތި ބާރުތަކެއް ޢަދާލަތު ޕާޓީއަށް ދެއްވަވައިފައެވެ. ފުލުހުންގެ މުއައްސަސާއާއި އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިކަން މިއަދުވަނީ އެޕާޓީއަށް ދެއްވަވައިފައެވެ. އިސްލާމިކް މިނިސްޓްރީ ހިންގަނީ އަދާލަތު ޕާޓިންނެވެ. ފުލުހުންގެ ބެލެނިވެރިއަކީ ހޯމްމިނިސްޓްރީ ކަމަށްވާއިރު ހޯމް މިނިސްޓަރަކީ އަދާލަތު ޕާޓީގެ ރައީސްއެވެ. ވީމާ ޖުމުލަގޮތެއްގައި ބަލައިފިނަމަ ޜާއްޖޭގައި ހިންގާ އިސްލާމް ދީނާއި ޚިލާފް ކަންކަން ހުއްޓުވުމުގެ ހުރިހާ ބާރުތަކެއް މިއަދު އޮތީ އަދާލަތު ޕާޓީގެ އަތްމަތީގައެވެ.
ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އިސްލާމް ދިނާއި ދެކޮޅަށް ކުރެވޭ ޢަމަލުތައް މިވަނީ ޢާންމުވެފައެވެ. އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި ބަސްބުނެ ކެންޕޭނު ކުރަމުން ގެންދަނީއެވެ. މިސްކިތްތަކުގެ ޙުރުމަތް ދަނީ ކޮންމެ ދުވަހަކު ކަނޑަމުންނެވެ. ހިނައިޠޯހިރުވެ ނަޖިސްހާލުގައި ކޮންމެ ރެއަކުހެން އެތައް މިސްކިތެއްގައި ނިދައެވެ. މިދިއަ ހުކުރުވިލޭރޭ އެކަނިވެސް މާލެސިޓީގެ 13 މިސްކިތެއްގައި އެފަދަ މީހުން ނިދިކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.
މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވީނަމަވެސް ބަޖެޓުދީފައިވަނީ ކިރިޔާ މިސްކިތްތައް ސާފުކޮށްލެވޭ މިންވަރަށް ކަމަށްވުމުން ސެކިޔުރިޓީ ބަލަހައްޓައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވީނަމަވެސް އެކަމަށް އެބާރުލުން ލިބޭތަނެއް އަދި ނުފެނެއެވެ. މިސްކިތްތަކުގައި ނިދުމުން ދޭނެ ޤާނޫނީ އަދަބެއް ނެތްކަމަށް ބުނެ ބަހަނާ ދެއްކިނަމަވެސް އެވަރަކުން ނުފުދެއެވެ. އެހެނީ ނިދާފައިތިބޭ މީހުން ހޭލައްވައި މިސްކިތްތަކުން ނެރެ ފޮނުވާލައި މިސްކިތްތައް ޠޯހިރުކުރުމަކީ ފުލުހުންނަށް ކުރެވިދާނެ ކަމެކެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ބައަކަށް މިސްކިތުގައި ނިދަން ތިބެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި މިސްކިތްތައް ބަލަހައްޓާނެ ފައިސާ ދައުލަތުން ނުދޭނަމަ އިސްލާމިކް މިނިސްޓްރީގައި ހުރި ޒަކާތު ފަންޑުން ފައިސާ ޚަރަދުކޮށްގެންވެސް ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތައް ސަލާމަތްކުރަން ޖެހޭކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ފައުޅުގައި އިޝްތިހާރުކޮށްގެން މަސާޖުކުރުމުގެ ނަމުގައި ހަށިވިއްކާތަންތަން ހިންގުން މިވަނީ ޢާންމުވެފައެވެ. މިއީވެސް ފުލުހުންނަށް ހުއްޓުވިދާނެ ކަންކަމެވެ. ހޯމް މިނިސްޓްރީއަށް ފިޔަވަޅު އެޅިދާނެ ކަންކަމެވެ.
ﷲ ތަޢާލާއަށް ފުރައްސާރަކޮށް ކުފުރުގެބަސްތައް ބުނެ، މިސްކިތްތަކުގެ ޙުރުމަތް ކެނޑުމުން އެއީ ނަފްސާނީ މީހުން ކަމަށް ފުލުހުން ގެންދަނީ ބުނަމުންނެވެ. އަދި ފަހުން ރައްޔިތުން ނުކުމެ ދެކޮޅު ހެދުމުން އެފަދަ މީހުން ހައްޔަރުކޮށް ކޮންމެވެސް އަދަބެއްވެސް އެބަދެއެވެ. މިސްކިތްތަކަށް ކުޑަކަމު ދިއުމުން އެމީހާގެ ކަންކަން ފާހަގަކުރި ނޫސްވެރިންނަށް ފުލުހުންގެ މީޑިއާއިން ބިރުދެއްކިކަން އެއީ ހިތާމައާއިއެކު ފާހަގަކުރަންޖެހޭ ކަމެކެވެ.
ރާއްޖޭގައި އެހެން ދީންތަކަށް ކުރިއެރުން ލިބޭ ގޮތަށް ކުރާ މަސައްކަތް ހުއްޓުވަން ކޯޓުން ވަނީ އަމުރެއް ނެރެވަފައެވެ. އަމުރަށް މަސްދުވަސްވާން ކައިރިވީއެވެ. އެއިގެފަހުން ކަނޑައެޅިގެން ޞައްހަކަން ސާބިތުވާ، ހުކުރު ޚުޠުބާތަކުގައި ޢާންމުކޮށް ކިޔާ ޙަދީޘްފުޅަކާއި ވަނީ ދެކޮޅުހަދައިފައެވެ. އެއްޖިންސުން ގުޅުން ހިންގުން ޕްރަމޯޓްކުރުމުގެ ޢަމަލުތައް ކޮންމެ ދުވަހަކުހެން ސޯޝަލް މީޑިއާއިން ފެނެއެވެ. ހުއްޓުވަން އަޅާ ފިޔަވަޅެއް ނުފެނެއެވެ. ކޯޓުގެ އަމުރު އޮތީ ފަންގިފިލާމަތީގައި ބޮކްސާކޮށްފައި ބާއްވައިލެވިފައެވެ.
ވީމާ ރާއްޖެއަށް ކުރިމަތިވެފައިވާ މިނުރައްކައުތެރި ޙާލަތުން ރާއްޖެ ސަލާމަތްކޮށް އިސްލާމް ދީން ޙިމާޔަތްކުރުމުގައި އަދާލަތު ޕާޓީ މިހާރަށްވުރެ އިސްދައުރެއް އަދާކޮށް ކަންކަމުގައި ޙައްޤުބަސްބުނެ ފިޔަވަޅު އަޅަން މަސައްކަތްކުރާތަން ފެނުމަކީ ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އުންމީދެވެ.
ހޯމް މިނިސްޓަރު އަބަދުހެން ވިދާޅުވަނީ "ގޮންޖެހުންތައް ވަރަށް ގިނަ" ކަމަށެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. ވަށައިގެންވަނީ ބޮޑެތި ގޮންޖެހުންތަކެވެ. އެގޮންޖެހުންތަކާއި ކުރިމަތިލާން މިއަދު މިވަނީ މަޖުބޫރުވެފައެވެ. އެގޮންޖެހުންތަކަކީ މަޖިލީހުން ދައްކާބިރު ކަމުގައިވާނަމަ އެކަންވެސް ބަޔާންކޮށްދެއްވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. އިސްލާމް ދީން ޙިމާޔަތްކޮށް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ