މިއަދުގެ ދަރިން ހޭލުންތެރީ ހަމައެކަނި ފޯނަކަށް ނޫނެވެ! މަންމަ އާ ބައްޕަގެ މެދުގަ ހިނގާ ހަމަނުޖެހުންތަކަށްވެސް ހޭލުންތެރިއެވެ.!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
މިއަދުގެ ދަރިން ހޭލުންތެރީ ހަމައެކަނި ފޯނަކަށް ނޫނެވެ! މަންމަ އާ ބައްޕަގެ މެދުގަ ހިނގާ ހަމަނުޖެހުންތަކަށްވެސް ހޭލުންތެރިއެވެ.!

ވަރަށް ގިނައިން މީހުން ބުނާއަޑުއިވެއެވެ. އަދި ސޯޝަލް މީޑިއާއިންވެސް ފެނެއެވެ. "މިހާރުގެ ކުދިން ފޯނަށް ވަރަށް ހޭލުންތެރިއެވެ. ފޯނުގެ ހުރިހާ ފަންކްޝަންތައް ބޭނުންކުރަންވެސް މައިންބަފައިންނަށްވުރެ މާމޮޅެވެ." 

އަޅުގަނޑު ބުނެލަން ބޭނުންވަނީ މިއަދުގެ ކުޑަކުދިން ހޭލުންތެރީ ހަމައެކަނި ފޯނަކަށް ނޫނެވެ. މަންމަ ޢާއި ބައްޕަގެ މެދުގައި ހިނގާ ކަންކަމަށްވެސް ހޭލުންތެރިއެވެ. އެކަކު އަނެކަކު ދެކެ ލޯބިން އުޅޭނަމަ އެކަން ދެނެގަންނަންވެސް މޮޅެވެ. އަދި ދެމީހުންގެ މެދުގައި މައްސަލަތައް ޖެހޭނަމަ އެކަންކަން ދެނެގަންނަންވެސް ހަމަ އެހައި މޮޅެވެ. ދެބަސްވެ ޒުވާބުކުރާނަމަ ކުށްވެރިއަކީ ކާކުކަން ދެނެގަންނަންވެސް ދަރިންނަށް އެނގެއެވެ. 

ސޯޝަލް މީޑިއާއިންނާ ނޫސްތަކުން ހުރިހާކުދިން ބަލަނީ ފައިދާނުކުރާނެ ގެއްލުންހުރި ތަކެއްޗެއް ނޫނެވެ. ކުޑަކުދިންނަށް ދިމާވާ ކަންކަންވެސް ބަލައެވެ. މަންމަ ޢާއި ބައްޕަގެ ދިރިއުޅުން ހުންނަ ގޮތުގެ ވާހަކަތަކާއި ބޭވަފާތެރިވުމާއި އެހިސާބުން ކުދިންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަތައްވެސް ބަލައެވެ. ވީމާ އެކުދިންނަށް އެޒާތުގެ ވާހަކަތައް ކިޔައިނުދިންނަމަވެސް ކުދިންނަށް މިއަދު އެފަދަ ކަންކަން ދެނެގަންނަން އެނގެއެވެ. 

އަޅުގަނޑަކީ މިކަންކަމުގެ މާބޮޑު ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް ލޯމަތީގައި ހިނގާ ކަންކަން ފެނެއެވެ. މިސާލަކަށް އަޅުގަނޑު ދައްތައަކީ އެކަނިވެރި މައެކެވެ. ކޯޓަށް ދައްކަންޖެހޭ ފައިސާ ދަރިފުޅުގެ ބައްޕަ ދައްކައެވެ. ދޭތެރެއަކުން ހާލުވެސް ބަލައިލައެވެ. މީގެ 2، 3 ދުވަސްކުރިން ގެއަށް އައެވެ. އައިސް ފުރަތަމަވެސް ފެށީ އާދައިގެ މަތިން ދައްތަ ކުށްވެރިކޮށް ވާހަކަދައްކާށެވެ. ދައްތައާއި ދިމާއަށް ކިޔާނެ ވަރަކަށް އެއްޗެތިކިޔާފައި ދަރިފުޅާއި ވާހަކަދެއްކުމުން އަނގައިންވެސް ނުބުންޏެވެ. ގެނައި ހަދިޔާގަވެސް ނުހިފިއެވެ. އެތައް އިރެއްވަންދެން އިނދެފައި ދިއައިރުވެސް އެންމެ ކުޑަމިނުން ބައްޕައަށް ބަލައިވެސް ނުލިއެވެ. 

އެއީ އެންމެ 12 އަހަރުގެ ކުއްޖެކެވެ. ދައްތަ ދުވަހަކުވެސް ދަރިފުޅުގެގާތުގައި ބައްޕަގެ ނުބައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ބައްޕަ އެހީވާ ވާހަކަވެސް ބުނެއެވެ. ބައްޕަދެކެ ލޯބިވާން ނަޞޭޙަތްވެސް ދެއެވެ. 

މިބާވަތުގެ ކަންކަން މިއަދު ފެންނަނީ މަދަކުންނޫނެވެ. ދަރިންނަށް އެފަދަ ބަދަލުތައް އެއަންނަނީ މައިމީހާ ނުވަތަ ބައްޕަ ކުދިންނަށް ނުބައި ނަޞޭޙަތް ދޭތީ އެކަންޏެއް ނޫނެވެ. ކުދިންނަށް ކަންކަން ދެނެގަންނަން މިހާރު އެނގޭތީއެވެ. މިބުނަނީ ނުބައި ނަޞޭޙަތްދޭ ބައަކު ނޫޅޭ ވާހަކައެއް ނޫނެވެ. ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. ބުނެލަން ބޭނުންވަނީ ނުބައި ނަޞޭޙަތް ނުދިންނަމަވެސް މައިންބަފައިންގެ މެދުގައި ކަންކަން ހިނގާގޮތް މިއަދުގެ ގިނަ ދަރިންނަށް އެނގޭކަމަށެވެ. ވީމާ މިއީ މައިންބަފައިން ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. 

- -ސިޔާމާ އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން