ޤުރްއާނުގަ ހުރި ޢަމަލުކުރަންޖެހޭ އާޔަތް ފެނިވަޑައިނުގަންނަވާ ރާއްޖޭގެ ތައުލިމީ ވަޒީރަށް ޢަރަބިއްޔާ ސްކޫލް އެހެން ތަނަކަށް ބަދަލުކުރުމުގަ ފެނިވަޑައިނުގެންނެވި ކަންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފެނިވަޑައިގެންފި އެވެ.
ވަޒީރު ވިދާޅުވަމުން ގެންދަވަނީ ދެ ސްކޫލް ޝެއާކުރާ ގޮތަށް ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުން ނޫން އިތުރު އެއްވެސް އޮޕްޝަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ޢިބާރާތާތަކުންނަމަ ޢަރަބިއްޔާ ސްކޫލާ ޒުމްބާ ޑާންސްގެ މާހައުލަކާ މިކްސްކޮށްލައި ޢަރަބިއްޔާ ދަރިވަރުންގެ ތަރުބިއްޔަތު ހުޅަނގަށް ލަންބުވައިލުން ނޫން ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ވިދާޅުވީ ދެސްކޫލެއް އެއްކޮސްގެން ކިޔަވައި ދެވޭނެ ކަމަށް އެމަނިކުފާނުވެސް ޤަބޫލު ފުޅު ނުކުރައްވާ ކަމަށެވެ. ވީމާ މިކަމުން މިފަހަރު މިއެނގުނީ އާޔަތް ވަޒީރަށް ކަންކަމުގައި ލަފާލިބޭ މަގު ވަރަށް ބޮޑަށް ތަފާތު ކަމެވެ.
ޤުރްއާނުގެ އާޔަތްތައް ފޮތްތަކުން ފުހެލަން ބޭނުންވާ އަދި ތިމާ އަމަލުކުރަންޖެހޭ ޢާޔަތްތައް ޤުރްއާނުން ނުފެންނަ މީހަކީ ވަޒީރެއް ނަމަވެސް މިފަދަ ކަންކަން މެދުވެރިވެދާނެކަމަށް ޤަބޫލުކުރަންޖެހެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ބެލެނިވެރިން ބޭނުންވާ ގޮތް އޮޅުންފިލުއްވަވައިފައެވެ. ބެލެނިވެރިން ހުށަހެޅީ 2 ގޮތެކެވެ.
1- ރާވާފަހުރި ދަރުމަވަންތައިގަ މިހާރު ކިޔަވާ ކުދިން އިމާރާތްކުރާ ދަރުމަވަންތައަށް ބަދަލުކޮށް ރާވާ ދަރުމަވަންތަ އަރަބިއްޔާއަށް ދިނުން
2- ކުރިންވެސް ސަރުކާރުން ޢަމަލުކުރިފަދައިން ސްކޫލެއްގެ ޢިމާރާތް ރާވައިދިނުން
ރައީސް ޞާލިޙް ވަނީ ވަރަށް އުފާވެރި ބައެއް ޚަބަރުތައް ދެއްވަވައިފައެވެ.
1- ވެރިކަމުގެ މިދައުރު ނިމުމުގެކުރިން ބައުޖަމާލުއްދީން ހުރިބިމުގައި ޢަރަބިއްޔާއަށް ބޮޑު ސްކޫލެއް އަޅުއްވައިދެއްވާނެކަން
2- ހުޅުމާލޭގައި 65000 އަކަފޫޓު ބިމެއްގައި ޢަރަބިއްޔާގެ ދެވަނަ ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވާކަން
މިއަދުގެ ބައްދަލުވުމުގެ ޚަބަރު ރައީސް އޮފީހުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ މިހާރު އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވައިފައެވެ. އަދި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.