ޢަލީ އިޙްޞާން ފިރާޤް
ޖަމަލު ހަނގުރާމަ
އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ ލަޝްކަރުގެ ތެރޭގައި ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުގައި ސީދާގޮތުން ބައިވެރިވި މީހުންވެސް ތިއްބެވެ. އެއީ އިބްނު ސަބާއާ އޭނާގެ އެކުވެރިންނެވެ. އެބައިމީހުންނަށް އެ ރޭ ވީ ޙަޔާތުގައިވެސް އައި އެންމެ ނުބައި ރެޔަށެވެ. އެހެނީ އެ ދެ ލަޝްކަރުގެ ދެމެދުގައި ޞުލްޙަ ޤާއިމުވެއްޖެނަމަ، ހުރިހާ ގެއްލުމަކާ ހަލާކެއް އުފުލަން ޖެހޭނެ ބަޔަކީ އެބައިމީހުން ކަމުގައިވާތީއެވެ.
އެބައިމީހުން އެރޭ ހޭދަކުރީ މަޝްވަރާކޮށް ސައްލާ ކުރުމުގައެވެ. އަލުން ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގާނެ ގޮތެއް ތަދުބީރު ކުރުމުގައެވެ. އެބައިމީހުން މަޝްވަރާ ކުރުމަށްފަހު އަނެއްދުވަހު ފަތިހު މޫނު އަނދިރިކޮށް ހުއްޓައި ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް ޙަމަލަދޭން ފަށައިފިއެވެ. ބަޞަރާގެ މީސްތަކުންވެސް އޭގެ ރައްދުގައި ޙަމަލަދޭން ފަށައިފިއެވެ. ސަބައީންގެ މީސްތަކުން ގެންދިޔައީ ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގާނެހެން ފިތުނަ އުފައްދަމުންނެވެ. ސަބައީންގެ ރޭވުން ވަރަށް ކާމިޔާބެވެ. އެބައިމީހުންގެ ރޭވުމާ އެއްގޮތަށް މުސްލިމުންގެ ބޮޑު ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގަން ފަށައިފިއެވެ. އިސްލާމީ ތާރީޚުގައި މި ހަނގުރާމަ މަޝްހޫރުވެފައިވަނީ ޖަމަލު ހަނގުރާމައިގެ ނަމުންނެވެ.
މި ހަނގުރާމައަށް ޖަމަލު ހަނގުރާމައޭ ކިޔުނީ މި ހަނގުރާމަ ހިނގި މައިދާނަށް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޖަމަލެއްގެ މައްޗަށް ސަވާރުވެވަޑައިގެން ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އެކަމާ ވަޑައިގެންނެވީ މީސްތަކުންނަށް ނަޞޭހަތްދެއްވައި ހަނގުރާމަ ހުއްޓުމަށް ގޮވައިލެއްވުމަށެވެ. ނަމަވެސް ހަނގުރާމަ ހިނގާލެއް ވަރުގަދަކަމުން މީސްތަކުންނަށް އެކަމަނާގެ ވާހަކަފުޅެއް އަޑެއްނީވެއެވެ.
ޖަމަލު ހަނގުރާމާ ހިނގީ ހިޖުރައިން 36 ވަނަ އަހަރުގެ ޖުމާދުލްއޫލާ މަހުގެ ތެރޭގައެވެ.
ހަނގުރާމަ ފެށުމާއެކު ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް ނަޞޭޙަތްދެއްވައި ހަނގުރާމަ ހުއްޓުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ އަޑުފުޅެއް ނޭހިއެވެ. ހަމަ އެފަދައިން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެވެސް އެބޭކަލުންގެ ލަޝްކަރުގެ މީސްތަކުންނަށް ހަނގުރާމަ ހުޓައިލުމަށް އެންގެވިއެވެ. ޢަލީގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު އެބޭކަލުންގެ ލަޝްކަރުގެ މީސްތަކުންނާ މުޚާޠަބު ކުރަވައި ވިދާޅުވަމުން ގެންދެވިއެވެ.
[ހަނގުރާމައިގެ މައިދާނުން ފިލައިގެންދާ މީސްތަކުން ޤަތުލު ނުކުރާށެވެ. ޒަޚަމުވެފައިވާ މީސްތަކުންވެސް ޤަތުލުކޮށްގެން ނުވާނެއެވެ. ހަނގުރާމައިގެ މައިދާން ދޫކޮށްދާ އެއްވެސް މީހެއް ފަހައި ދުވެގެން ނުވާނެއެވެ. އަދި ހަނގުރާމަ ނުކުރާ މީހަކާ ހަނގުރާމަ ކޮށްގެންވެސް ނުވާނެއެވެ.]
މި ހަނގުރާމައިގެ ތެރޭގައި ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާ ދެބޭކަލުން ޝަހީދުވިއެވެ. ޠަލްޙަތުގެފާނު ޝަހީދުވެވަޑައިގަތީ މީހަކު އެކަލޭގެފާނުގެ ހަށިކޮޅަށް އަމާޒުކޮށް ޖެހި ދުންޏެއްގެ ސަބަބުން އުފެދުނު ޒަޚަމެއްގައެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުން ވަރަށް ގިނައިން ލޭފޮދު އޮހެރިގެން ދިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ލިބިވަޑައިގެން ޒަޚަމަށް ފަރުވާދެއްވުމަށްޓަކައި ބަޞަރާގެ ގެއަކަށް ގެންދެވުނެވެ. ޝަހީދުވީ އެގެކޮޅުގައި އޮންނަވައެވެ.
އެހެން ރިވާޔަތެއްގައި އޮންނަނީ ޠަލްޙަތުގެފާނު ޝަހީދުވީ ހަނގުރާމައިގެ މައިދާނުގައި ކަމަށެވެ. އެކަލޭގެފާނު ޝަހީދުވެފައިވާ މަންޒަރުފެނިވަޑައިގެން ޢަލީގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. ޠަލްޙަތުގެފާނުގެ މޫނުފުޅުން ހިރަފުސްފޮޅުއްވަމުން ޢަލީގެފާނު ވިދާޅުވިއެވެ. [އޭ އަބޫމުޙައްމަދުއެވެ. ކަލޭގެފާނު މި ވާދީގެ ތެރޭގައި ޝަހީދުވެފައިވާ މަންޒަރު ބަލަން އަޅުގަނޑަކަށް ކުޅަދާނައެއް ނޫނެވެ.]
އެއަށްފަހު ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުގެ މައްޗަށް ހެޔޮދުޢާފުޅު ކުރެއްވުމަށްފަހު ޢަލީގެފާނު ވިދާޅުވިއެވެ. [މީގެ ވިހި އަހަރުކުރީން އަހަރެން މަރުވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.]
މި ހަނގުރާމައިގައި ޢަލީގެފާނުވެސް ޢާއިޝަތުގެފާނުވެސް ޠަލްޙަތުގެފާނުވެސް ޒުބައިރުގެފާނުވެސް ކުށްވެރި ކުރެވޭނެ ޖާގައެއްނެތެވެ. އެހެނީ ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުވަނީ ހަނގުރާމަ ހިނގި ދުވަހުގެ ކުރީ ދުވަހު ޢަލީގެފާނާ ޞުލްޙަވެވަޑައިގެންފައެވެ. ކުރިން ދެންނެވުނު ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީގެ ފޮތުގައިވެސް ވާގޮތުން އެ ހަނގުރާމަ ފެށިބަޔަކީ ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުގައި ބައިވެރިވި ސަބައީންގެ މީހުންނެވެ.
ޢަލީގެފާނާއި، ޒުބައިރުގެފާނާއި، ޠަލްޙަތުގެފާނަކީ ކަނޑައެޅިގެން ސުވަރުގެ ލިބޭނެކަމަށް ޞައްޙަ ޙަދީޘުން ޘާބިތުވާ ތިންބޭކަލުންނެވެ. ޢާއިޝަތުގެފާނަކީވެސް ސުވަރުގެވަންތަވެރި ބޭކަނބަލެކެވެ. އެހެންކަމުން އެއިން އެއްވެސް ބޭފުޅަކަށް ދެރަބަހެއް ބުނު ހެޔޮނުވާހުއްޓެވެ.
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް