ޢަލީ އިޙްޞާން ފިރާޤް
ނަންފުޅާއި ނަސަބުފުޅު
ޠަލްޙަތުގެފާނުގެ އަސްލު ނަންފުޅަކީ އަބޫ މުޙައްމަދު ޠަލްޙަތު ބުނު ޢުބައިދުﷲ ބުނު ޢުޘްމާނުއެވެ. އެކަލޭގެފާނަކީ ޤުރައިޝުވަންހައިގެ ޤަދަރުވެރި ޚާންދާނެއް ކަމުގައިވާ ތައިމުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބފުޅާއި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނަސަބުފުޅު ގުޅެނީ ކަޢުބު ބުނު މުއްރާ އާ ހަމައިންނެވެ.
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުގެ މައިކަނބަލުނަކީ ޔަމަނުގެ ބޭކަނބަލެކެވެ. އެކަމަނާގެ ނަންފުޅަކީ ސުޢުދާ ބިންތު ޚަޟްރަމީއެވެ. އެކަމަނާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިސް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢަލާއު ބުނު ޙަޟްރަމީގެ އުޚުތެކެވެ. އެކަމަނާވަނީ އިސްލާމްވެވެވަޑައިގެން ހިޖުރަ ކުރެއްވުމުގެ ނަސީބުފުޅު ހާސިލު ކުރައްވައިފައެވެ.
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީންގެ ތެރެއިން ޚާއްޞަ އިމްތިޔާޒެއް ހާސިލު ކުރައްވައިފައިވާ ބޭކަލެކެވެ. ކަނޑައެޅިގެން ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގަންނަވާނެ ދިހަ ބޭކަލުންގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ އެއްބޭކަލަކީ ޠަލްޙަތުގެފާނެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢަލީ ބިން އަބީޠާލިބު، ދެވަނަ ޖިލްދު، ޞަފްޙާ 133-134}
އިސްލާމްވެވަޑައިގަތުން
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެންނެވި ވާހަކަ އެކަލޭގެފާނު ވިދާޅުވެދެއްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. ތަލަޙަތުގެފާނު ވިދާޅުވެފައިވެއެވެ. އަހަރެން ބުސްރާގެ ބާޒާރެއްގައި ހުއްޓާ އެތާނގެ ކައިރީގައި ދިރިއުޅޭ ރާހިބަކު އެތަނުގައި ތިބި މީސްތަކުންނާ މުޚާތަބުކޮށް ބުންޏެވެ. [ތިޔަބައިމީހުންގެ ތެރޭގައި ޙަރަމްގެ އަހުލުވެރިއަކު ވޭހެއްޔެވެ؟] ޠަލްޙަތުގެފާނު ވިދާޅުވިއެވެ. ދެން އަހަރެން އަހަރެންނަކީ ޙަރަމުގެ އަހުލުވެރިއެއްކަމުގައި ބުނުމުން އޭނާ ބުންޏެވެ. [އަޙްމަދު ފާޅުވެއްޖެ ހެއްޔެވެ؟] އަހަރެން ބުނެފީމެވެ. [އަޙްމަދަކީ ކާކު ހެއްޔެވެ؟] އެނާ ބުންޏެވެ. [އަޙްމަދަކީ ޢަބްދުﷲ ބުނު ޢަބްދުލް މުއްޠަލިބުގެ ދަރިކަލުންނެވެ. އޭނާ ފާޅުވަނީ މިމަހުގައެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާއެވެ. އެކަލޭގެފާނު ހިޖުރައަށް ވަޑައިގަންނަވާނީ ކަދުރު ރުއްތައް ގިނަ ރަށަކަށެވެ. އެހެން ބަޔަކަށް ވުރެ ކުރީން އެކަލޭގެފާނަށް އީމާންވުމުގެ ނަސީބު ލިބޭތޯ ބަލާށެވެ.]
ޠަލްޙަތުގެފާނު ވިދާޅުވެފައިވެއެވެ. އެ ރާހިބު މީހާގެ ވާހަކަ ތިމަންކަލޭގެފާނުގެ ހިތުގައި ބިންވަޅު ނެގުނެވެ. ތިމަންކަލޭގެފާނު އަވަސް އަވަހަށް މައްކާއަށް އައިސް ބުނީމެވެ. [އެއްވެސް އައު ޚަބަރެއް އެބަ އޮތް ހެއްޔެވެ؟] މީސްތަކުން ޖަވާބު ދިނެވެ. [މުޙައްމަދު އަލްއަމީން ރަސޫލު ކަމަށް ދަޢުވާ ކުރައްވަން ފައްޓަވައިފިއެވެ. މިހާރު އަބޫބަކުރުގެފާނު އެކަލޭގެފާނަށް ތަބާވެއްޖެއެވެ.]
ދެން ތިމަންކަލޭގެފާނު އަވަސް އަވަހަށް އަބޫބަކުރުގެފާނުގެ އަރިހަށް ގޮސް ދެންނެވީމެވެ. [ކަލޭގެފާނު މުޙައްމަދުގެފާނުގެ ރަސޫލުކަމަށް އީމާންވީތޯއެވެ؟] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އާނއެކެވެ. ކަލޭގެފާނުވެސް ވަޑައިގެން އެކަލޭގެފާނާ ބައްދަލު ކުރައްވައި އެކަލޭގެފާނަށް ތަބާވާށެވެ. އެކަލޭގެފާނު ގޮވައިލައްވަނީ ޙައްޤު މަގަށެވެ. އަމުރު ކުރައްވަނީ ހެޔޮ ކަންތައްތަކަށެވެ.]
ޠަލްޙަތުގެފާނު، އަބޫބަކުރުގެފާނުގެ އަރިހުގައި ރާހިބު މީހާ ދެއްކި ވާހަކަތައް ވިދާޅުވެ ދެއްވިއެވެ. އަބޫބަކުރުގެފާނު ތަލްޙަތުގެފާނު ގޮވައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ތަލްޙަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކުރިފުޅު މަތީގައި އިސްލާމްވެވަޑައިގެންނެވިއެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢަލީ ބިން އަބީޠާލިބު، ދެވަނަ ޖިލްދު، ޞަފްޙާ 134}
ޠަލްޙަތުގެފާނާއި އަބޫބަކުރުގެފާނު އިސްލާމްވެވަޑައިގެންނެވުމުން އެ ދެ ބޭކަލުންނަށްވެސް މައްކާގެ މުޝްރިކުންގެ އަނިޔާތައް ބަރުދާސްތު ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ޤުރައިޝުންގެ ސިންގާގެ ގޮތުގައި މަޝްހޫރުވެފައިވާ ނައުފަލު ބުން ޚުވައިލިދު އޭގެ ދެބޭކަލުން އެއް ވާގަނޑަކުން ބަނދެގެން އުޅުނެވެ. އޭގެ ސަބަބުން އަބޫބަކުރުގެފާނާއި ތަލްޙަތުގެފާނަށް އެކުގައި ބަނދެވިގެން އުޅުނު ދެ މީހުންގެ ނަންމުން ނަން ކިޔިގެންވިއެވެ.
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެންނެވުން މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ވަރަށް އަނިޔާ ކުރިއެވެ. އެކަލޭގެފާނުގެ ޢާއިލާގެ އެންމެ ގާތް ފަރާތްތަކުގެ އަނިޔާތަކާވެސް ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެ އެންމެހައި އަނިޔާތަކެއް ނުހަނު ސާބިތު ކަމާއެކު ބަރުދާސްތު ކުރެއްވިއެވެ.{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢަލީ ބިން އަބީޠާލިބު، ދެވަނަ ޖިލްދު، ޞަފްޙާ 134-135}
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް