ދަރިފުޅު ލޯފަން އަންހެނަކާ ކައިވެނިކުރުމުން ޖެއްސުންކޮށް އަނިޔާވެރިވަމުން އައި މަންމައެއްގެ ލޯ ކުއްލިއަކަށް އަނދިރިވެ އަނބިމީހާގެ ލޯ އަލިވިގޮތުގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 1ސ
ދަރިފުޅު ލޯފަން އަންހެނަކާ ކައިވެނިކުރުމުން ޖެއްސުންކޮށް އަނިޔާވެރިވަމުން އައި މަންމައެއްގެ ލޯ ކުއްލިއަކަށް އަނދިރިވެ އަނބިމީހާގެ ލޯ އަލިވިގޮތުގެ ވާހަކަ-

އޭނާގެ ދަރިފުޅު ލޯފަން އަންހެނަކާއި ކައިވެނިކުރުމުން އޭނާ ވަރަށް ރުޅި އައެވެ. އަދި އެއީ ދިރިއުޅުން އަމިއްލައަށް ހަލާކުކޮށްލުންކަމަށްބުނެ އޭނާ އަވަހަށް ވަރިކޮށް ފޮނުވާލުމަށް ބުނަމުންދިއައެވެ. ނަމަވެސް ދަރިފުޅު އޭނާގެ މަންމައަށް ޢިޖާބައެއް ނުދެއެވެ. 

ދަރިއަކު ލިބުމުންވެސް ނުކުރާ ޖެއްސުމެއް ނެތެވެ. އޭނާ ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެ ތަނެއްގައި އިށީނދެލާވަގުތު އަސާ ވަގަށް ނަގައެވެ. ދަރިފުޅަށް ބޯންދޭ ބުއްދަޅު ފޮރުވައެވެ. ކަމެއްކުރަން ފަށާއިރަށް ފޯނުކޮށް މަސައްކަތްކުރަން ހުރަސް އަޅައެވެ. 

އިރުއިރުކޮޅުން ފޯނަށް ގުޅައި އުނދަގޫކުރަމުންދިއައިރު މަންމައަށް ނުވިސްނުނު ކަމަކީ އަނބިމީހާގެ ފޯނު ބެލުމުން ގުޅައި ޖެއްސުން ކުރަނީ ކާކުކަން ދަރިފުޅަށް އެނގޭނެ ކަމެވެ. އެހެންކަމުން މަންމަ ކުރާ ކަންކަމުގެ ސަބަބުން އަނބިމީހާއަށްޓަކާ ލޯބި އިތުރުވުން ނޫން ކަމެއް ނުވެއެވެ. 

ދުވަސްތައް މާޒީވަމުން ގޮސް އެއްދުވަހެކެވެ. ހެނދުނު ނިދައިހޭލިއިރު މަންމަގެ ލޯވަނީ އަނދިރިވެފައެވެ. އެހީއަށްއެދި އަޑުގަދަކުރަންފެށުމުން ފުރަތަމަވެސް ދިއައީ މިހައިތަނަށް އޭނާ ޙަސަދަވެރިވެ އަނިޔާވެރިވަމުން އައި އަމިއްލަ ދަރިފުޅުގެ ލޯފަން އަނބިމީހާއެވެ. މަންމައަށް އަސާއެއް ލިބެންދެން ގެންގުޅެން އޭނާގެ އަސާ މަންމައަށް ހަދިޔާކުރިއެވެ. އަދި މަންމައަށް ކަންކަންވެސް ކޮށްދިނެވެ. 

ދަރިފުޅު މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަންދިއައީ އަނބިމީހާވެސް ގޮވައިގެންނެވެ. ދެމައިންވެސް ދައްކައިލުމަށެވެ. ޑޮކްޓަރު ބުނީ މަންމަގެ ލޮލުން ސިކުނޑިއާއި ގުޅިފައިވާ ނާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ނަމަވެސް ކުއްލިއަކަށް މިހައިބޮޑަށް ހަލާކުވެ ކުއްލިއަކަށް ފެނުން ގެއްލުމަކީ އޭނާގެ މުޅި ހަޔާތުގައިވެސް މިހައި ތަނަށް ތަޖުރިބާކުރެވިފައިނެތްކަމެއް ކަމަށެވެ. 

ޑޮކްޓަރު ބުނީ ރަނގަޅަށް ހުންނަ ލޮލަކަށް އެގޮތަށް މެދުވެރިވަނީ ވަރަށް ގިނަދުވަސްތަކެއް ވުމަށްފަހުގައި ކަމަށެވެ. ނޫންނަމަ އުފެދުމުގައިވެސް އެފަދަ ގޮތަކަށް ހުރެއްޖެނަމަ ކަމަށެވެ. އަދި އެކަން ރަނގަޅުކުރަން ޑޮކްޓަރަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. އަދިވެސް ޑޮކްޓަރަށް ބުނެވުނެވެ. "މަންމަގެ ލޯ މިހާރު މިހުރީ އަނބިމީހާގެ ލޯ އޭނާ އުފަންވިއިރު  ޙާލަތުގައި" ކަމަށެވެ.

އަނބިމީހާގެ ލޯބެލުމަށްފަހު ދިނީ ޙައިރާންކުރުވަނިވި ޚަބަރެކެވެ. ހަމަ ވަރަށް ކުޑަކުޑަ ލޭޒަރ އޮޕަރޭޝަނަކުން ރަނގަޅުކުރެވިދާނެކަމުގެ އުންމީދު ބޮޑުކަމަށެވެ. އޮޕަރޭޝަން ކުރަން ބޭނުންކަމަށް ބުނުމުން އަނެއްދުވަހު އޮޕަރޭޝަންކޮށްދިނެވެ. ލޯމަތީގައި އެޅި ކަފަގަނޑު ނެގިއިރު ދެލޮލަށްވެސް ފެނެއެވެ.  އުމުރުން 26 އަހަރުގައި ފުރަތަމަ ފަހަރަށް އޭނާގެ ލޮލަށް ފެނުނީއެވެ. 

އޭނާއަށް ހުރިހާ ޖެއްސުމެއްކުރީ ފިރިމީހާގެ މަންމަކަން އޭނާއަށް އެނގުނީ ފޯނުފެނުމުންނެވެ. ފޯނަށް ކޮންމެ ދުވަހަކު މަންމަ ގުޅާފައިހުރި ކޯލްތަކުގެ ޢަދަދު އެނގުމުންނެވެ. ނަމަވެސް ހިތްބުރަކަމެއް ނުބާއްވައި މަންމައަށް ހެޔޮކޮށްހިތިއެވެ. އޭނާއަށް ޤަބޫލުކުރެވުނީ އޭނާގެ ލޮލަށް ފެނުން ލިބުނީ މަންމަ އޭނާއަށް އެވަރަށް އަނިޔާވެރިވުމުން ބަދަލެއްގެ ގޮތުންކަމަށެވެ. އެހެންކަމުން އެންމެ ރަނގަލު ގޮތަކީ މަންމައަސް ވީހައިވެސް ހެޔޮކޮށް ހިތުން ކަމަށެވެ. 

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑަކީވެސް ލޮލަށް ފެނުނު ނަމަވެސް ހަމަ އެފަދަ މައެއްގެ އަނިޔާވެރިކަމުގައި 10 އަހަރު ހޭދަކުރަންޖެހުނު އަންހެނެއްކަން އެކުވެރިޔާއަށް އެނގޭތީއެވެ. އެކަމުގައި އަޅުގަނޑު ކެތްތެރިވީ މިންވަރުވެސް އޭނާއަށް އެނގޭތީ އެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ދުނިޔެއަށް ފޮނުއްވަވަނީ ވެސް ހަމަ ފުރިހަމަ މީހުންގެ ގޮތުގައި މީހުން ދުނިޔެއަށް ފޮނުއްވަވާ މާތް ﷲ އެވެ. ވީމާ ތިމާއަށް ފުރިހަމަކަން ލިބިފައިވުމަކީ ތިމާގެ މޮޅުކަމުން ވީކަމެއް ނޫނެވެ. މާތް ﷲ ދެއްވެވުމުން ލިބޭ ނިޢްމަތެކެވެ. ވީމާ ޝުކުރުވެރިވުމުގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާވެރިވާނަމަ އެކަލާނގެ ދެއްވެވި ނިޢްމަތްތައް އަނބުރާ ގެންދެވުމަށްވެސް ހަމަ އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަން ހަނދާނުގައި ބެހެއްޓުން ރަނގަޅެވެ. 

- ޙަސީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން