ވިލާ ކޮލެޖުން ޓީޗިންގގެ އައު ކޯސްތަކެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 10ސ
ވިލާ ކޮލެޖުން ޓީޗިންގގެ އައު ކޯސްތަކެއް ތަޢާރަފްކޮށްފި

2022 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ވިލާ ކޮލެޖުން ޓީޗިންގގެ އައު ކޯސްތަކެއް ތަޢާރަފް ކޮށްފިއެވެ.

މި ކޯސްތަކަކީ ބެޗެލަރ އޮފް ޓީޗިންގ އިން ކެމިސްޓްރީ އެންޑް ފިޒިކްސް، ބެޗެލަރ އޮފް ޓީޗިންގ އިން ކެމިސްޓްރީ އެންޑް ބައޮލޮޖީ އަދި ބެޗެލަރ އޮފް ޓީޗިންގ އިން ފިޒިކްސް އެންޑް ބައޮލޮޖީ އެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ، މި ކޯސްތައް ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، އަލްފާޟިލާ ޢައިޝަތު އާތިޔާ ނަޞީރެވެ. ޙަފްލާގެ ބައިވެރިންނާއި މުޚާތަބުކޮށް އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ސައިންސް ދާއިރާގެ ޓީޗިންގ ކޯސްތަކެއް ތަޢާރަފް ކުރެވިގެން ދިޔުމަކީ، މި ދާއިރާއިން ދިވެހި މުދައްރިސުން ތަމްރީންކުރުމަށްޓަކައި ފަހިވެގެންދާ ވަރަށް މުހިންމު ފުރުސަތުތަކެއްކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މި ދާއިރާގައި ރަނގަޅު ފެންވަރަކަށް ތަމްރީނުވެފައި ތިބި، ކަމަށް ޤާބިލު ދިވެހި މުދައްރިސުންތަކެއް އުފެއްދުމަކީ ސަރުކާރުގެ އެއް އަމާޒު ކަމުގައިވެސް ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށްޓަކައި ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ.

މި ޙަފްލާގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖުން އަބަދުވެސް ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގައި މަސައްކަތް ކުރަމުންދާނެ ކަމަށާއި، އަދި ރާއްޖޭގައި ދެވޭ އެންމެ ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރުސަތުތައް ވިލާ ކޮލެޖުން ފޯރު ކޮށްދިނުމަކީ އެންމެ މައިގަނޑު އަމާޒު ކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި މިކަން އެންމެ ރަނގަޅަށް ހާމަވާ އެއް ކަމަކީ، މި ފަށާ ޖެނުއަރީ އިންޓޭކު 2022 އިން ފެށިގެން ސަބްޖެކްޓް ޓީޗިންގގެ ދާއިރާއިން ތަފާތު 10 ކޯހެއް ވިލާ ކޮލެޖުން ފުރިހަމަ ކުރެވޭނެ ފުރުސަތު ފަހިވެފައި އޮތުންކަން ޑރ. ނަޖީބު ވިދާޅުވިއެވެ.  

މި ކޯސްތަކުގެ އިތުރުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، އިންކްލޫސިވް އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޤުރުއާން، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގ، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް، ފާމަސީ، މެރިން ސްޓަޑީސް އަދި ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 117 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޖެނުއަރީ 2022 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ކޯސްތައް ހިމެނެއެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 04 ޖެނުއަރީ 2022 އެވެ. ކޯސްތަކުގެ ކިޔެވުން، ޖެނުއަރީ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފެށޭނެއެވެ.

މިއަދު އޮންލައިން