ޝައިޚްގެ ކަންބޮޑުވުން: އެކާވީސްވަނަ ޤަރުނުގެ ރަންނަމާރީގެ ނުރައްކާ ކުރިން އެރި ރަންނަމާރިއަށްވުރެ މާބޮޑު! އެންމެން ކޮށްޕަމުން ގެންދަނީ ނަރަކައާ ދިމާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 18ސ
ޝައިޚްގެ ކަންބޮޑުވުން: އެކާވީސްވަނަ ޤަރުނުގެ ރަންނަމާރީގެ ނުރައްކާ ކުރިން އެރި ރަންނަމާރިއަށްވުރެ މާބޮޑު! އެންމެން ކޮށްޕަމުން ގެންދަނީ ނަރަކައާ ދިމާއަށް!

މިއީ ޝައިޚް މީގެ އަހަރުތަކެއް ކުރިން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މިލިޔުމުގައި ބަޔާންކުރައްވާފައިވާ ރަންނަމާރީގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އައިސް މިހާރު މިވަނީ އެންމެ "ހައި"ވެފައެވެ. ލިޔުން ނިމެންދެން ިދާޅުވުން ވަރަށް މުހިންމުކަމަށް ދެކެމެވެ.

21 ވަނަ ޤަރުނުގެ ރަންނަމާރީގެ ނުރައްކާތެރިކަން މާބޮޑު!

21 ވަނަ ޤަރުނުގެ ރަންނަމާރިއަކީ ކޮންއެއްޗެއްކަން ދެނެހުރީމުހެއްޔެވެ؟ އެ ރަންނަމާރިއަކީ 21 ވަނަ ޤަރުނުގެ ރަންނަމާރިއެވެ. އެއީ ލޮލަށް ފެންނަ ރަންނަމާރިއެއްނޫނެވެ. އެއީ މިޒަމާނުގައި މުސްލިމު ހުރިހާ ޤައުމުތަކަކަށް އެ ރަންނަމާރިއެއްގެ މުސީބާތުން މުސީބާތް ޖެހެމުންދާ ރަންނަމާރިއެކެވެ. މިރަންނަމާރީގެ ޚާއްޞަކަމަކީ މިރަންނަމާރި އަކީ އޭގެޒާތުގައި އެރުމުގެ ބާރުލިބިފައިވާ ރަންނަމާރިއެއްނޫންކަމެވެ. ނަމަވެސް މިރަންނަމާރި ގެންނަނީ އެގައުމެއްގެ އަހުލުވެރިންގެ ތެރެއިންބަޔެކެވެ. މިކުޑަކުޑަ ދިވެހިރާއްޖެއަށްވެސް އެރަންނަމާރި މިހާރު އަރަން ފަށައިފިއެވެ.

12 ވަނަ ޤަރުނުގެ ރަންނަމާރި: 

12 ވަނަ ޤަރުނު ދިވެހިރާއްޖެއަށް އެރި ރަންނަމާރި އެރީ ކޮންމެ މަހަކުއެވެ. ކޮންމެ މަހަކުވެސް މިރަންނަމާރި އެރުމުގެ ކުރިން ރީތިކުއްޖަކު ނަލަހައްދައި ބުދުކޯލަށް ގެންގޮސް ބައިންދަންޖެހޭ ކަމަށްވެއެވެ. ރަންނަމާރި އަރައި ނިމި ރަންނަމާރިކުރާނެހައި ކަމެއް ކޮށްފައި ދާއިރު އަންހެންކުއްޖާ އޮންނަނީ މަރުވެފައެވެ. މިގޮތުން އޭރު ކޮންމެ މަހަކު ރީތި ކުއްޖަކު ނަލަހައްދައި މަރާލެވެއެވެ. އަދި އެ މަހެއްގައި ރަންނަމާރިއަށް ދޭންޖެހޭ އަންހެންކުއްޖާގެ އާއިލާއަށް އެއީ ދިމާވާ ވަރަށް ބޮޑު ބަދު ނަސީބެކެވެ. ދިވެހި ކޮންމެ އާއިލާއަކަށް ކޮންމެ މަހަކު މިމުސީބާތް ޖެހެމުންދަނިކޮށް އެޤަރުނުގައި ރާއްޖެ ވަޑައިގެން ޢިލްމުވެރިޔަކު ވަނީ އެރަންނަމާރި “އޮބައިގަނެ” މުޅި ރާއްޖެ އިސްލާމްދީނުގެ މައްޗަށް އަނބުރުއްވާފައެވެ. 

21 ވަނަ ޤަރުނާއި 12 ވަނަ ޤަރުނުގެ ރަންނަމާރީގެ ތަފާތަކީ ކޮބާ؟ 

12 ވަނަ ޤަރުނުގެ ރަންނަމާރި އެރީ ކަނޑުންނެވެ. ނަމަވެސް 21 ވަނަ ޤަރުނުގެ ރަންނަމާރި އެރީ ހުޅަނގުންނެވެ. 12 ވަނަ ޤަރުނުގެ ރަންނަމާރި އެރީ އޭތި އަމިއްލައަށެވެ. ނަމަވެސް މީހުން އެއީ އޭރުގެ ވެރިކަމުގެ ފަރާތުން އައި ކަމެއްކަމަށް ޝައްކުކުރެއެވެ. ނަމަވެސް 21 ވަނަ ޤަރުނުގެ ރަންނަމާރި ގެނައި ދިވެހިންގެ ތެރެއިން ބަޔަކު ބޭނުންވެގެންނެވެ. 12 ވަނަ ގަރުނުގެ ރަންނަމާރި ކޮންމެމަހަކު ބޭނުންވަނީ ރީތި އަންހެންކުއްޖެއް މަރާލައި އޭނާގެ ހަޔާތް ބަރުބާދުކޮށްލުމަށެވެ. 21 ވަނަ ޤަރުނުގެ ރަންނަމާރި ބޭނުންވަނީ އެންމެހާ މީސްތަކުން ނަރަކައިގެ ހުޅުގަނޑަށް ކޮއްޕާލުމަށެވެ. 

21 ވަނަ ޤަރުނުގެ ރަންނަމާރީގެ ބައެއް ސިފަތައް: 

1.  މިރަންނަމާރީގެ ދީނެއް ނޯވެއެވެ. އޮންނަ ދީނަކީ އަޤުލަބިއްޔަތެވެ. ނަމާދުގައި އޮންނަނީ ހަތަރު ރަކުއަތްތޯ ބަލަންވެސް މި ރަންނަމާރީގެ އެކުވެރިން ނިންމައިފިއްޔާ ދެން އެކަމެއް އެވާޖިބުވީއެވެ. ނަމަވެސް އިސްލާމްދީނުގެ ކަމެއް އަތުވެއްޖެނަމަ އެއީ ހައްދުފަހަނަ އެޅުމެވެ. ގިނަމީހުން ބޭނުންވިޔަސް އެކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ލާދީނީ މީހުންގެ މަދުމީހުންގެ ބޭނުންވާ އެއްޖިންސުން ގުޅުން ހިންގުމާއި ރާބުއިމާއި ރާވިއްކުމާއި އެހެންދީންތަކުގެ އަޅުކަންކުރާ ތަކެތި ބެހެއްޓުމާއި އަދި އެހެންދީންތަކުގެ އަޅުކަންކުރާ ތަންތަން ހުރުން އެއީ މައްސަލައެއްނޫނެވެ. އެއީ މައިނޯރިޓީ ޙައްޤެވެ. ނަމަވެސް މެޖޯރިޓީ އިސްލާމީ ޝަރީޢަތް ބޭނުންވެއްޖެނަމަ އެއީ ހައްދުފަހަނައަޅައި މެދުމިން ދޫކޮށް ދިޔައީ ކަމަށްވެއެވެ. 

2.  މިރަންނަމާރީގެ އަނެއްސިފައަކީ މެދުމިންކަމަށް ބުނާބުނުމެވެ. ދީނުގެ ބައެއްކަންކަން ދޫކޮށް ފާހިސްކަންކަމަށް އަރައިގަތުމަށް މި ރަންނަމާރި ބޭނުންކުރެއެވެ. މިރަންނަމާރި ނިޒާމަކީ މާމޮޅު ނިޒާމެއްކަމަށް ބުނެއެވެ. މިރަންނަމާރިއަކީ މިރަންނަމާރީގެ އެކުވެރިން ގެންގުޅޭ ރަންނަމާރިއެކެވެ. މިރަންނަމާރި ދީނާ ދެކޮޅަށް ބޭނުންކުރެއެވެ. ރަންނަމާރިއަށް ހަރަދުކޮށް ބަލަހައްޓާ ފަންޑުކޮށް ހަދަނީ ހުޅަނގުގެ މިރަންނަމާރި އުފައްދާ ފެކްޓަރީއިންނެވެ. ނަމަވެސް އެންމެހެއްވާ ކަމަކީ މިރަންނަމާރި އުފެއްދި މީހުން އިސްލާމްދީނާއި ޖެހުނީމާ އެއީ އޮންނަ ހައްޤަކަށް ނުވެއެވެ. ބުރުގާ އެޅުން ރަންނަމާރިބޭނުންކޮށްގެން މަނާކުރެއެވެ. ނަމާދުކުރުމާއި މިސްކިތްއެޅުމާއި އިސްލާމްދީނާއި ގުޅުންހުރި ހުރިހާ ކަމެއް މި ނިޒާމުގެ ދަށުން މަނާވެއެވެ. ނަމަވެސް އެގައުމުތަކުގައި އެނޫންހުރިހާކަމެއް އެއީ ހައްތާހަވެސް ޙައްޤެވެ. 

3.  މިރަންނަމާރި އަކީ އޭގެ އަމިއްލަޒާތުގައި އުޅެވޭ ރަންނަމާރިއެއްނޫނެވެ. މިއީ ބަޔަކުފެންދީގެން ބޮޑުކުރާ ރަންނަމާރިއެކެވެ. އިސްލާމްދީނުގެ ނިޒާމުދޫކޮށް އިސްލާމްދީނާއި ދެކޮޅަށް ހަނގުރާމަކޮށް ޤުރުއާނަށް ޖޯކުޖަހައި ހުކުމްތަށް އަނބުރަން މިރަންނަމާރި އެބައިމީހުން ގެންގުޅެނީ ވަރަށްވެސް މޮޅަށެވެ. އަދި މިރަންނަމާރީގެ އަހުލުވެރިންނަކީ އިސްލާމްދީނަށް ފާޑުކިޔާންވެއްޖެނަމަ ބޮޑެތި ދަންނަ ބޭކަލުންނެވެ. އެއީ ރަޝިޔާއިން ނައިޓުކުލަބު ހިންގުމުގެ މެނޭޖެމަންޓުން ޑިގުރީކޯހެއް ހަދާފައި ހުރިމީހެއްވިޔަސް ވަރިހަމައެވެ. އަދި މިރަންނަމާރި ނިޒާމުގައި ހިތްވަރުދެވެނީ މެދުމިނުގެ ނަމުގައި ބިދުޢަތަކާއި ހުރާފާތްތައް ފަތުރާ މީސްތަކުންނަށެވެ. އެއީ މިސްރުން އަތުލިޔުމުގެ ކޯހަކުން ސެޓިފިކެޓެއް އޮތަސް ވަރިހަމައެވެ. 

4.  މިރަންނަމާރީގެ އަނެއްސިފައަކީ މިރަންނަމާރިއެއްކަން ރަންނަމާރި ގެންގުޅޭ ފަރާތްތަކަށް ނޭންގުމެވެ. އެބައިމީހުން އެޔަށްވަނީ މޮޅުނަމެއް ދީފައެވެ. އެޔަށް އެބައިމީހުން އަޅުކަންކުރެއެވެ. އެބައިމިހުން ފެންބޮނީ އަދި ކަނީ އަދި ހިނގަނީ އަދި ޤާނޫނޫތައް ހަދަނީ މިރަންނަމާރި ހިމާޔަތްކުރުމަށެވެ. މިރަންނަމާރި ވަރުގަދަކުރުމަށެވެ. އަދި މިރަންނަމާރި މޮޅުކޮށް މިރަންނަމާރި އެބައިމީހުން ސަޖިދަކޮށް ހަދައެވެ. އަޅުކަންކޮށް ހަދައެވެ. ނަމަވެސް އެންމެ ހެއްވާކަމަކީ މިބައިމީހުންނަށް މިއީ ރަންނަމާރިއެއްކަން ނޭންގޭ ނޭންގުމެވެ. މިބައިމީހުންނަށް އެއީ ރަންނަމާރިއެކޭ ބުނެދިނަސް ޤަބޫލުނުކުރެވެއެވެ. ސަބަބަކީ އެރަންނަމާރިވަނީ އެބައިމީހުންނަށް އޮޅުވާލާފައެވެ. އެބައިމީހުންގެ ގާތުގައި އެއީ ފެންފަދައެއްޗެކެވެ. އެހާވެސް ބޭނުންތެރިއެއްޗެކެވެ. ނަމަވެސް މިއީ މުސްލިމުތަކުންނަށް 21 ވަނަ ޤަރުނުގައި ޖެހިފައިވާ ބޮޑު މުސީބާތެކެވެ. 21 ވަނަ ޤަރުނުގެ ރަންނަމާރިކިޔެނީ މިސަބަބާއި ހެދިއެވެ. 

12 ވަނަ ޤަރުނުގެ ރަންނަމާރި މަރާލީ ކާކު؟ 

އެރަންނަމާރި މަރާލީ ދީނީ ޢިލްމުވެރިއެކެވެ. އިސްލާމްދީނުގެ ޢިލްމުވެރިއެކެވެ. ޤުރުއާންކިޔަވައިގެންނެވެ. ފުޅިއަކަށް ލީކަމަށްވެސް ބުނެވެއެވެ. ބިއްލޫރި ފުޅިއަކަށެވެ. ނަމަވެސް އޭރު އަދި ބިއްލޫރި ދުނިޔެއިން ނުވެސް ފެނެއެވެ. ވަރިހަމައެވެ. އެރަންނަމާރި އެޔޮތީ ކަނޑުފައްތާފައެވެ. ފެއްތި ދުވަހު އަލުންއަރާނެކަމަށް ބުނިކަމަށްވެއެވެ. އަނެއްކާ މިރަންނަމާރި އަލުން އާ ސިފައެއްގައި އެރީއެއްނޫންބާވައެވެ؟ ކޮންމެއަކަސް ދެން މިހޯދަން މިޖެހެނީ މި 21 ވަނަ ޤަރުނުގެ ރަންނަމާރި މަރާލެވޭނެ ނުވަތަ ކަނޑުފެއްތޭނެ ގޮތެކެވެ. 

21 ވަނަ ޤަރުނުގެ ރަންނަމާރި ކަނޑުފެއްތޭނީ ކިހިނެއް؟ 

21 ވަނަ ޤަރުނުގެ ރަންނަމާރި ކަނޑުފެއްތޭނެ ގޮތަކީ ދިވެހި ހުރިހާ މުސްލިމުން އެއްބައިވަންތަ ވެގެންނެވެ. މިރަންނަމާރިއަށް އަޅުކަންކުރާ މީހުންނާއި ދެކޮޅަށް ހުރިހާ ﷲ އަށް އަޅުކަންކުރާ މުސްލިމުތަކުން ނުކުމެގެންނެވެ. ކީރިތިޤުރުއާނަށް ރުޖޫޢަވެ އެޔަށް އަމަލުކޮށްގެންނެވެ. އެއީ ބިއްލޫރިފުޅިއަކަށް އެކަނީ ލެވޭނީއަކީ ނޫނެވެ. މި ރަންނަމާރި ސައިޒަށްވެސް ކަނޑާލެވޭނެއެވެ. އަދި މިރަންނަމާރިއަށް އަޅުކަންކުރާ މީހުންވެސް ސައިޒަށް ކަނޑާލެވޭނެއެވެ. 

އެންމެހާ ދިވެހިންނޭވެ. ހޭއަރާށެވެ. މިރަންނަމާރީ އަހަރެމެން އެންމެން ނަރަކައަށް ގެންދިޔުމަށް ގަދައަޅައި އެމަސައްކަތްކުރަނީއެވެ. ކާމިޔާބުއޮތީ މިރަންނަމާރީގެ ނިޒާމުން ސަލާމަތްވެ އެޔަށް އަޅުކަންނުކޮށް ﷲއަށް އެއްކައުވަންތަކުރާ ހާލު އަޅުކަންކޮށްގެންނެވެ. މިރަންނަމާރި ނިކަންރީތިކުލައްތައް ދައްކާނެއެވެ. އެއިންކުލައެއްގައި ޖެހޭއިރަށް ކަށިޖަހާނެއެވެ. ކަށިޖަހާއިރު އޮންނާނީ ވާނެ އެއްޗެއް ވެ ނިމިފައެވެ. ޚަލާސްވެފައެވެ. 

ދުޢާއަކީ މި 21 ވަނަ ޤަރުނުގެ ރަންނަމާރިޔާއި އޭރަންނަމާރީގެ އެކުވެރިންކިބައިން އަޅުގަނޑުމެންގެ މި ކުޑަކުޑަ އިސްލާމީ ދީބު ސަލާމްތަކުރެއްވުމެވެ. މިދީބު އެދިގޮވަނީ މިރަންނަމާރި ކުޑަކޮށް ސައިޒަށް ކަނޑާލައި ފުޅިއަކަށް ލާނެ ބަރުބަރީއަކަށެވެ. ނުވަތަ ތަބުރޭޒީއަކަށެވެ. މިފަދަ ބަރުބަރީންނާއި ތަބުރޭޒީން ގިނަކުރައްވައި މާތްﷲ ރަންނަމާރި ނިކަމެއްތިކުރައްވައި ރަންނަމާރީގެ އަހުލުވެރިންގެ ސަފުތައް ބައިބައިކުރައްވައި އެބައިމީހުންގެ ހިތްތަކަށް ނިކަމެތިކަމާއި ބިރުވެތިކަން ވައްދަވައި މުސްލިމުންގެ ހިތްތަކަށް ސަލާމަތްކަން ދެއްވާށިއެވެ. އާމީން ޔާ ޖައްބާރުލް މުތަކައްބިރުލް 

ނިންމުން 

ސުވާލު: މިއީ ކޮންރަންނަމާރިއެއް ހެއްޔެވެ؟

އެހީއެއް: އެއީ މީހެއްނޫނެވެ. ނަމަވެސް ނިޒާމެކެވެ. ބަޔަކުމީހުން އެބައިމީހުންގެ ޕުރޮޕެގެންޑާ ފަތުރަން ގެންގުޅޭ އިސްލާމްދީނާއި ފުށުއަރާ ކާފަރުންގެ ނިޒާމެކެވެ. އިސްލާމީ ޝަރީޢަތަށްވުރެ އެރަންނަމާރި މޮޅުކަމަށް ޤަބޫލުކޮށްފިމީހެއްގެ ކިބައިން މުސްލިމުންވަނީ ބަރީޢަވެގެންވެއެވެ.

ޖަވާބުދިނުން އޮތީ ތިބާގެ މައްޗަށެވެ. 

والله أعلم. وصلى الله وسلم على نبينا محمد و على آله و صحبه أجمعين 

- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން