ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މެލޭޝިއާގެ ކޮލެޖް ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯ (ކޭޔޫއައިއެސް) އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑަޓޯ ޑރ. އަބް ހަލީމް ބިން ތަމުރީ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ވަކިން ޚާއްސަކޮށް ޢިލްމީ ކަންކަމާއި، ތަމުރީނާއި ދިރާސާތައް ކުރުމުގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. އަދި މި ފަހުމުނާމާގެ ބައިވެރިންގެ ދެ ފަރާތުގެ މަސްލަޙަތަށް ރިޢާޔަތް ކުރުމާއެކު، އެއްބާރުލުމާއި އެހީތެރިކަން ދެވިދާނެ އަންނަނިވި ޢާއްމު ދާއިރާތައްވެސް ހިމެނިގެން ވެއެވެ.
1) އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އަދި ސޯޝަލް ފައިނޭންސް ގެ ދާއިރާއިން އެކިއެކި ސެމިނާ، ވެބިނާ އަދި ކޮންފެރެންސް ބައްދަލުވުންތަށް ބޭއްވިގެންދިޔުން
2) އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އަދި ސޯޝަލް ފައިނޭންސް ގެ ދާއިރާއިން އެކިއެކި ރިސާޗް ހަރަކާތްތަށް ހިންގިގެންދިޔުން
3) އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އަދި ސޯޝަލް ފައިނޭންސް ގެ ދާއިރާ އިތުރަށް ފުޅާވެ ކުރިއެރުމަށް މަގުފަހިވެގެންދިޔުން
4) ކުރު މުއްދަތުގެ ކޯސްތަށް ހިންގިގެންދިޔުން
5) މޯބައިލިޓީ ޕްރޮގްރާމްސްތަށް ދެފަރާތުގެ ދެމެދުގައި ހިންގިގެންދިޔުން
6) އެކިއެކި ދިރާސާތަކާއި ރިޕޯޓްސް އަދި މައުލޫމާތު ފޯރުކޮށްދެވިގެންދިޔުން
7) އެކެޑެމިކް ބޭފުޅުންނަށް ވަޒީފާ އާއި ގުޅުން ހުރި ތަމްރީންދިނުން
މިގޮތުން އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި އަދި އިސްފަރާތްތަށް ބައިވެރިވެ ވަޑައިގެންނެވިއެވެ.