ޙަޤީޤީ ޙާދިސާ: ފަޤީރު ޙާލުގަވެސް ތަޤްވާވެރިވެ ލޯބިން ދިރިއުޅެމުން ފައިސާއަށް ދަހިވެތި ނުވުމުން ތަނަވަސްކަން ލިބުނު ދެމަފިރިއެއްގެ ވާހަކަ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޙަޤީޤީ ޙާދިސާ: ފަޤީރު ޙާލުގަވެސް ތަޤްވާވެރިވެ ލޯބިން ދިރިއުޅެމުން ފައިސާއަށް ދަހިވެތި ނުވުމުން ތަނަވަސްކަން ލިބުނު ދެމަފިރިއެއްގެ ވާހަކަ!

އަހަރެމެން ދެމަފިރިންނަކީ ރަށުގެ އެންމެ ފަޤީރު ދެމަފިރިން ކަމުގައިވެސް ވެދާނެއެވެ. އެކަމަކާއި އަހަރެމެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމުއެވެ. ދެރައެއްވެސް ނުވަމުއެވެ. ހަމަގައިމުވެސް އަހަރެމެން ދެމީހުންނަކީ ލޯބިން ދިރިއުޅެން މަސައްކަތްކުރާ ދެމަފިރިންކަމާއި ތަޤްވާވެރިވާން މަސައްކަތްކުރާ ދެމަފިރިންކަން މާތް ﷲ ދެނެވޮޑިގެންވާނެއެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. 

ފިރިމީހާއަކީ ކުޑް ދޯންޏެއްގައި މަސްވެރިކަންކުރާ މަސްވެރިއެކެވެ. އަހަރެމެންގެ ޙަޔާތަށް ބޮޑު ކަމެއް ކުރިމަތިވީ މަސްވެރިކަމު ގޮސް އުޅެނިކޮށް ކުޑަ މާވަހަރެއް ހޮވުމުންނެވެ. ވިއްކާލައި ލިބުނު ފައިސާ ބެހުމުން މީހަކަށް ލިބުނީ 120،000 ރުފިޔާއެވެ. 

ފައިސާ ލިބުމުން ފިރިމީހާ ނިންމީ ލިބުނު ފައިސާ ދެބައަށް ބަހާށެވެ. އެއްބައި ދެމީހުންގެ ޢާއިލާއަށް ހަދިޔާކުރާށެވެ. އަނެއްބައި އަހަރެމެން ބޭނުންކުރާށެވެ. ފިރިމީހާ އެގޮތަށް ނިންމީ އަހަރެމެން ދިރިއުޅޭނެ ގެއެއްވެސް ނެތް ޙާލުގައެވެ. އެންމެ ކޮޓަރިއެއްގައި ދެމަފިރިންނާއި 2 ދަރިން ނުލާހިކު ދަތިޙާލުގައި ދިރިއުޅެމުންނެވެ. އަދި އަހަރެމެންނަށް ޢާއިލާގެ މާބޮޑު އެހީތެރިކަމެއް ލިބޭތީއެއްވެސް ނޫނެވެ. 

ފިރިމީހާ ބުނީ އެހައި ބޮޑު ނިޢްމަތެއް ދެއްވެވުމުން އެއްބައި ޞަދަޤާތްކުރަންޖެހޭނެ ކަމަށެވެ. އަދި ޞަދަޤާތް އެންމެ ބޮޑަށް ޙައްޤުވާނީވެސް ޢާއިލާގެ މީހުންނަށް ކަމަށެވެ. ފިރިމީހާގެ ނިންމުމަށް ދެކޮޅަށް ނުހަދަމެވެ. ހަމަ ހެޔޮ ހިތުން އާނބަސް ބުނީމެވެ. އަދި އެގޮތަށް އެކަންކުރަން ހިތްވަރުވެސް ދިނީމެވެ. 

ދެން މިބުނަނީ ކަންތައް މެދުވެރިވި ގޮތެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހެން ފަޅުވެރިން، އެމީހުންނަށް ލިބުނު ފައިސާ އެކިކަންކަމަށް ހުސްކޮށްފިއެވެ. ނަމަވެސް އަހަރެމެން އެ ފައިސާ ބޭނުންކޮށްގެން ގެއަށް ކޮޓަރިއެއް އިތުރުކޮށް ބަދިގެ ހެދީއެވެ. ބޮޑެތި ޓީވީ އާ މޮޅު ފަރުނީޗަރެއް ނުހޯދަމެވެ. އަގުބޮޑު ފޯނެއްވެސް ނުގަންނަމެވެ. 

ދެމަފިރިންވެސް ގެންގުޅެނީ ބައްތިފޯނެވެ. އެއިން ފުދެއެވެ. ދެމީހުންނަށް ވާހަކަދެއްކެއެވެ. ސްކޫލުން ދަރިންގެ ކަންކަމު ގުޅަންވީމާ ގުޅެއެވެ. އިތުރު ކަންކަން ކުރާކަށް ބޭނުމެއް ނުވެއެވެ. 

ދެން ކަންތައްވީގޮތް އެނގޭހެއްޔެވެ؟ މީހަކު ބައުވެގެން އެއްލާލަން އުޅުނު ބޮއްކުރައެއް ފިރިމީހާ ހޯދިއެވެ. ފިރިމީހާއަކީ އަމިއްލައަށް ކޮންމެވެސް ވަރަކަށް ވަޑާމުގެ މަސައްކަތް ވެސް ކުރަން އެނގޭ މީހަކަށްވާތީ މަރާމާތުކޮށްލައިގެން ގެންގުޅުނީއެވެ. ދޯނި މަހަށް ނުދާ ދުވަސްދުވަހު މަސްބާނަން ދެއެވެ. 

އެގޮތަށް ހަވީރު މަސްބާނަން ފިރިމީހާ އެކަނި ބޮއްކުރާގައި ނުކުމެ އުޅެނިކޮށް އަނެއްކާވެސް ކުޑަކުޑަ މާވަހަރެއް ހޮވިއްޖެއެވެ. ވިއްކާލަމުން 150،000 ލިބުނެވެ. އެފައިސާއިން ކުޑަ ވިޔަފާރިއެއް ފެށީ މީގެ 12 އަހަރުކުރިންނެވެ. މިހާރު އަހަރެމެންނަކީ ރަށުގައި އެންމެ ތަނަވަސް މީހުން ނޫން ނަމަވެސް ފަޤީރުންނެއް ނޫނެވެ. ފުދިގެން ދިރިއުޅޭ ޢާއިލާއެކެވެ. މިހާރު މިގެންގުޅެނީވެސް އެންމެ ފަހުގެ ނޫން ނަމަވެސް ސްމާޓް ފޯނެވެ.

މިހާރުވެސް ފިރިމީހާ މަސްވެރިކަން ކުރެއެވެ. ނަމަވެސް އަމިއްލަ ކުޑަ ދޯންޏެއްގައެވެ. 

އަހަރެމެން ދެމަފިރިންވެސް މިއަދުނޫސް ޤަވާއިދުކޮށް ކިޔަމެވެ. މީސްމީހުން އެމީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ހިއްޞާކުރާ ވާހަކަތައްވެސް ކިޔަމެވެ. އެހެންވެ އަހަރެމެން ދެމަފިރިންގެ ފަރާތުންވެސް މިވާހަކަކޮޅު ހަދިޔާކޮށްލީއެވެ. 

- ޝަރީފާ/ މޫސާމަނިކު، މިއަދުނޫހުގެ ކިޔުންތެރިން 

 

މިއަދުނޫހުގެ ބަސް: ކިޔުންތެރިން އިތުރަށް ހިއްޞާ ނުކުރާތީ މިއަދުނޫހަށް ފާހަގަކުރެވުނު ކަންކަން ހާމަކޮށްލާނަމެވެ. 

- ކިތަންމެ ފަޤީރު ނަމަވެސް ލޯބިން ތަޤްވާވެރިކަމާއިއެކު ދިރިއުޅޭނަމަ އުފާވެރިކަން ދެއްވަވާނެކަން

- ތަނަވަސްކަމެއް ލިބުމުން ދަހިވެތިނުވުމުން ނިޢްމަތް އިތުރުކުރައްވަވާނެކަން

މިއަދު އޮންލައިން