އިތުރުކަންބޮޑު މިދުވަސްތަކުގަ ޢާއިލާގެ ޙާލުބަލައި އެހީތެރިވުމަކީވެސް ކުރެވެން އޮތް މަތިވެރި އަޅުކަމެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އިތުރުކަންބޮޑު މިދުވަސްތަކުގަ ޢާއިލާގެ ޙާލުބަލައި އެހީތެރިވުމަކީވެސް ކުރެވެން އޮތް މަތިވެރި އަޅުކަމެއް!

ދިވެހިންގެ ތެރޭގައި ހެޔޮ އަމަލުކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ރަމަޟާން މަހުގެ ފަހު ދިހައިގައެވެ. ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުކުރުމަށް ދޭން ޖެހޭ ސަމާލުކަން ދިނުމަށް ވަރަށް ގިނަ ބައަކު ވަނީ އިހްމާލްވެފައެވެ. އެއީ އެކަމަށް ހޭލުންތެރިކަން ކުޑަކަމުންނެވެ. ހޭލުންތެރިކަން އިތުރުވާ ވަރަކަށް ސަމާލުކަން ދޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރެވެއެވެ.

ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް، އެންމެ ޙާލަތެއްގައި މެނުވީ މި ދިހަ ދުވަހު ހެޔޮކަން ބޮޑީ އަޅުކަން ކުރުމުގައި ދެމިތިބުމެވެ. އިސްތިސްނާކުރައްވަވާފައިވާ ހަމައެކަނި ޙާލަތަކީ އެމީހެއްގެ ހުރިހާ މުދައު ހިފައިގެން ޖިހާދަށް ނުކުމެ ހުރިހާ މުދައުތައްވެސް ގެއްލި އެމީހަކަށްވެސް އެނބުރި ނާދެވުނު މީހާއެވެ. މާނައަކީ އެމީހެއްގެ ހުރިހާ މުދައުތައްވެސް ގެއްލި އަދި އެމީހަކު ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވެ ދިއުމެވެ.

ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޢަރުޝީގެ ޙިޔާވަހިކަން ދެއްވަވާނެ 7 މީހުންގެ ތެރޭގައި އެމީހެއްގެ ކަނައަތުން ދޭ ޞަދަޤާތް ވައަތަށް ވެސް ނުއެނގޭހައި ސިއްރުން ޞަދަޤާތްކުރި މީހާ ހިމެނެއެވެ.

މިޒަމާނުގައި ނުބައި އަމަލުތައް ކުރުމަށް މަގުފަހިވި ފަދައިން ހެޔޮ އަމަލުތައް ކުރުމަށްވެސް ވަނީ މަގުފަހިވެފައެވެ. ވީމާ ރައްޓެއްސެއްގެ ފޯނަށް ނުދަންނަ މީހެއްގެ ފޯނަށް ނަމަވެސް އެމީހާއަށް ނުއެނގި ރީޗާޖެއް ކޮށްލައި ދިނުމަކީވެސް ސިއްރުން ކުރެވިދާނެ ޞަދަޤާތެކެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ވިހައި ގިނަ ހެޔޮކަންތައްތައް ކުރުމުން އެކަމުގެ ސަވާބު އިތުރުވެގެންދާ 10 ދުވަސް ކަމަށްވުމުން އެކަމަށް ނިޔަތް ގަނެގެން ޢާއިލާގެ މީހަކަށް ހެޔޮ ކަމެއް ކޮށްދިން ނަމަވެސް ހެޔޮ ބަހެއް ބުނެލި ނަމަވެސް އެކަންތައް ވެގެންދާނީ ތިމާކުރި ހެޔޮ އަމަލަކަށެވެ. ހެޔޮ އަމަލުގެ ތެރޭގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޒިޔާރަތެއް ކޮށްލުންވެސް ހިމެނެއެވެ.

ވީމާ މި ދިހަ ދުވަހު ހެޔޮ އަމަލުކުރުން ވީހައި ގިނަކުރާށެވެ! ޢަރަފާތު ދުވަހު ރޯދަ ހިފުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެހެން ދުވަސްތަކުގައި ރޯދަ ހިފުމަކީވެސް މަތިވެރި އަޅުކަމެކެވެ.

ހެޔޮ އަމަލު ކުރަން ޛުލްޙައްޖާ މަހުގެ ފުރަތަމަ 10 ދުވަހަށްވުރެ ހެޔޮ އަމަލުތައް ކުރަން އިތުރުކަން ބޮޑު ދުވަސްތަކެއް ނުވެއެވެ. -- ޝައިޚް ޢަޒްމަތު ޖަމީލްގެ ދަރުސަކުން

މިއަދު އޮންލައިން