ޙަޖަތުލްވަދާޢުގެ ޚުޠުބާގެ 5 ޕެރެގްރާފުން 1 ޕެރެގްރާފް އަންހެނުންނަށް ޚާއްޞަ ކުރެއްވެވި ސަބަބަށް ރައްކާތެރިވެ ބިރުވެތިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 42ސ
ޙަޖަތުލްވަދާޢުގެ ޚުޠުބާގެ 5 ޕެރެގްރާފުން 1 ޕެރެގްރާފް އަންހެނުންނަށް ޚާއްޞަ ކުރެއްވެވި ސަބަބަށް ރައްކާތެރިވެ ބިރުވެތިވާންޖެހޭނެ!

އެންމެ ގިނަ ބައަކާއި މުޚާޠަބް ކުރައްވަވައި ރަސޫލް (ﷺ) ދެއްވެވި ޚުޠުބާއަށް ވިސްނައިލާށެވެ. މިބުނަނީ ޙައްޖަތުލްވަދާއުގެ ޚުޠުބާގެ ވާހަކައެވެ. ޚުޠުބާގައި ވަނީ ޖުމުލަ އެންމެ 5 ޕެރެގްރާފެވެ. އެއިގެ ތެރެއިން އެއް ޕެރެގްރާފް ޚާއްޞަ ކުރެއްވެވީ އަނބިންނަށް އަނިޔާވެރި ނުވުމަށެވެ. 

އެންމެ މާތް ދުވަހު އެންމެ މާތް ބިމުގައި ހުންނަވައި ދެއްވެވި އެ މުހިންމު ޚުޠުބާގައިވެސް ފިރިހެނުންނަށް އަމާޒުކުރައްވަވައި ޚުޠުބާ ދެއްވެވީ މިކަމުގައި ފިރިހެނުންގެ ޒިންމާ ބޮޑުކަމުންނެވެ. 

އަންހެނުންގެ މައްސަލަތަކުގައި ﷲ ތަޢާލާއަށް ބިރުވެތިވުމަށް އަމުރުފުޅު ކުރެއްވެވިއެވެ. "ފިރިހެނުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެ ކަމަށް ބިރުވެތިވާށެވެ! އަންހެނުންގެ މައްޗަށް ތިއަބައިމީހުންނަށް ބާރުތަކެއް ލިބިގެންވާ ކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ ތިބާގެ މައްޗަށް ﷲ ތައާލާގެ ބާރުފުޅު މާގަދައެވެ. ތިބާގެ އަނބިމީހާ އާއިމެދު އަމަލުކުރި ގޮތާއިމެދު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ދަރިންނާއިމެދު އަމަލުކުރި ގޮތާއިމެދު ސުވާލުކުރައްވަވާނެތެވެ."

އަނބިންނާއިމެދު އަމަލުކުރުމުގައި ﷲ ތައާލާއަށް ބިރުވެތިވުމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ ނަންފުޅު މެދުވެރިކޮށް ކައިވެނިކޮށްފައިވާތީއެވެ. އެމީހުން ތިއަމީހުން ޙަލާލުކުރީ ﷲ ތަޢާލާގެ އިޒުނަ އާއިއެކުގައި ކަމަށްވާތީއެވެ. ކައިވެންޏަކީ ﷲ ތަޢާލާގެ ނަންފުޅު މެދުވެރިކޮށް ހަދާފައިވާ އެއްބަސްވުމަކަށްވާތީއެވެ. 

ދެމަފިރިއަކަށް އެކަކު އަނެކަކަށް ކުރެވޭނެ އެންމެ ބޮޑު އަނިޔާއަކީ އޭނާއަކީ އެއްވެސް އަގެއް ނެތް، އަދި އެއްވެސް ބޭނުމެއް ނުހިފޭ މީހެއް ކަމަށް ބުނެ އަނެކާގެ އަގުވައްޓައިލުމެވެ. މިފަދަ ކަންކަމުން ލިބޭ އަނިޔާއަކީ ހަށިގަނޑުގައި ތަޅައި އަނިޔާކުރުމުން ލިބޭ އަނިޔާއަށްވުރެ މާބޮޑު އަނިޔާއެކެވެ. 

މިކަމުގައި ފިރިހެނުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. އެހެނީ މިބާވަތުގެ އަމަލުތައް ގިނައިން ކުރެވެނީ ފިރިހެނުންނަށް ކަމުގައިވާތީ އެވެ. ވީމާ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވާށެވެ! ފުރަތަމަ ކަމަކީ ޖިސްމާނީ އަނިޔާ ނުކުރުމެވެ. ދެވަނަ ކަމަކީ ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ އެއްވެސް އަމަލެއް ނުކުރުމެވެ. 

އެފަދަ ނުބައި ބަސްތައް ދުލުން ބުނާ އަނބިންވެސް އުޅެއެވެ. އެފަދަ އަންހެނުން އެމީހުންގެ ފިރިންގެ އަގު ދޮރުމަތީގައި އަޅާފައި އޮންނަ ފައިފުއްސާއި އެއްފަދަކުރެއެވެ. އަދި ލަދެއް ނެތި ފިރިމީހާ ނިކަމެތިކޮށލުމުގެ ގޮތުން އޭނާގެ ޖިންސީ ގުނަވަނުގެ ބަލިކަށިކަމުގެ ވާހަކަތައްވެސް ދައްކައެވެ. މިފަދަ ކަންކަމުގެ ވާހަކަ ދެއްކުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. 

މިފަދަ ކަންކަން ކޮންމެ މީހަކު ނަމަވެސް ކޮށްފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ނަފްސާނީ ގޮތުން ވަރަށް ގިނަ އަނިޔާތައް ލިބެއެވެ. އެމީހަކީ ދުނިޔޭގައި އެއްވެސް އަގެއް ނެތް މީހެއް ކަމަށް އަމިއްލައަށް އިޙްޞާޞް ކުރެވެއެވެ. އެއީ އެމީހެއްގެ ޙަޔާތުގެ ބައިވެރިޔާގެ ކިބައިން މިފަދަ ބަސްތައް އަޑު އިވުމުން ކުރާ އަސަރު ބޮޑުކަމުންނެވެ. މިއީ އިނގިރޭސި ބަހުންނަމަ އެމޯޝަނަލް އެބިޔުސް އެވެ. މިއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. 

ވިސްނާށެވެ! އެހައިވަރަށް ތިބާ ނިކަމެތި ތިއަ ކޮށްލަނީ ތިބާގެ ހަޔާތުގެ ބައިވެރިޔާއެވެ. ތިމާގެ ދަރިންގެ މަންމައެވެ. ނުވަތަ ބައްޕައެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަކީ މުނާފިޤުންކަމުގައި ބުނެވެން އެބައޮތެވެ. ސަބަބަކީ އެފަދަ މީހުން މީސްތަކުންގެ ކުރިމައްޗަށް ނުކުމެ އުޅޭނީ ވަރަށް މާތް މީހުން ކަމުގައި ހެދިގެންނެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި އޭނާ އެގެންދަނީ އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރަމުންނެވެ. ޙަޔާތުގެ ބައިވެރިޔާ ނިކަމެތިކޮށް އޭނާއަށް އަނިޔާވެރިވަމުންނެވެ. "އެމީހުން މީސްތަކުންގެ ތެރޭގައި އުޅެނީ، މިސްކިތަށް ގޮސް އުޅެނީ މާމުއިހައި ޠޯހިރު މީހަކަށް ހެދިގެން. ނަމަވެސް ނަމަވެސް އަމިއްލަ ޢާއިލާއަށް އެމީހުން އެވަނީ ބޮޑެތި އަނިޔާވެރިންނަށް. މިއީ މުނާފިޤް ކަމުގެ ސިފަތައް."  

އެމީހަކު ދެކެ އެންމެ ލޯބިވާ، އެމީހަކަށް އެންމެ އިޙްތިރާމްކުރަންޖެހޭ މީހުންނަށް އެމީހަކީ އެންމެ ބޮޑު ބިރުކަމުގައި ވެއްޖެ މީހާގެ ހާލަތަކީ ކޮބައިހެއްޔެވެ؟ އެފަދަ މީހެއްގެ ކިބައިގައި އޮތީ ކޮން ރަނގަޅު ކަމެއް ހެއްޔެވެ؟ 

މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހެއްގެ އަނބިދަރިންނަށް އެންމެ ހެޔޮ މީހާ ކަމުގައި ރަސޫލް (ﷺ) ކުރެއްވެވި ހަދީޘްފުޅު އެމީހުންގެ ހަނދާނުގައި ނުވެސް ހުންނަނީއެވެ. އެމީހެއްގެ އަމިއްލަ އަނބި ދަރިންނަށް ނުބައި މީހަކަށް އެހެން މީހަކަށް ރަނގަޅު މީހަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު އެކަން އެގޮތަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރާނެއެވެ. 

ތިބާއަކީ އިހްތިރާމް ލިބިގެންވާ މީހެއް ކަމަށް ކަނޑައަޅަން އެންމެ ޙައްޤު މީހަކީ ތިބާގެ އަނބިމީހާއެވެ. ނުވަތަ ފިރިމީހާއެވެ. އެހެނީ މީހާގެ ހުރިހާ ސިއްރުތަކާއި މީހާގެ ޚަޞީލަތް އެންމެ ރަނގަޅަސް އެނގޭނީ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށެވެ. ރަސޫލް (ޞޢވ)ގެ 9 އަނބިކަނބަލުން ތިއްބެވިއެވެ. 9 އަނބިކަނބަލުންވެސް އިންތިހާއަށް ރަސޫލް (ޞޢވ)އަށް ލޯބިފުޅު ކުރެއްވެވިއެވެ. އެއީ އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ޚަޞީލަތް ރަނގަޅުފުޅުވުމުންނެވެ. 

ތިބާގެ ޚަޞީލަތް ނުބައިކަމުން ތިބާއަކީ ނުބައި މީހެއްކަމަށް އަނބިމިހާ ނުވަތަ ފިރިމީހާ ކަނޑައަޅައިފިނަމަ ތިބާއަކީ ނުބައި މީހެކެވެ. ޚަޞީލަތް ނުއެނގޭ ކިތަންމެ ގިނަ ބައަކު އެނޫން ގޮތަކަށް ޤަބޫލުކުރި ނަމަވެސް ތިބާ ވާނީ ހަމަ ނުބައި މީހަކަށެވެ. 

އަނިޔާވެރިވުމުގެ ވާހަކަ ދެކެވޭއިރު އަނބިންނަށް އަނިޔާ ނުކުރަން ގިނައިން ބުނަން ޖެހެނީ އަނިޔާވެރިވާ ގިނަ މީހުންނަކީ ފިރިހެނުން ކަމުގައިވާތީއެވެ. ނަމަވެސް އަންހެނުންވެސް ފިރިހެނުންނަށް އަނިޔާކުރެއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އަނިޔާކުރެއެވެ. އަނބިން އަނިޔާކުރާއިރު ﷲ ތައާލާއަށް ބިރުވެތިވެ އަތް އުފުލައި ނުލާ ފިރިންނަކީ އެންމެ ވަރުގަދަ ކެތްތެރިންގެ ދަރަޖައިގައިވާ މީހުންނެވެ. އެކަން އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަނބިންނަށް އަނިޔާވެރިވުން ހަރާމްވެގެންވާ ފަދައިން ފިރިންނަސް އަނިޔާވެރިވުންވެސް ވަނީ ހަރާމްވެގެންނެވެ. 

- ޝައިޚް ޔާސިރް ޤާދީގެ ޚުޠުބާއަކުން

މިއަދު އޮންލައިން