ދުނިޔޭގެ ޚަބަރުތައް ބަލާ މީހުންނަށް އެންމެ ގިނައިން ލިބޭނެ އެއް ޚަބަރަކީ ކޮންމެވެސް ޤައުމެއްގެ ރައްޔިތުން ނުވަތަ އަސްކަރީން ނުކުމެ އެ ޤައުމުގެ ވެރިކަމާއި ދެކޮޅަށް އިންޤިލާބެް ގެންނަކަމުގެ ޚަބަރެވެ. ނުވަތަ ބަގާވާތްކޮށްގެން އުޅޭކަމުގެ ޚަބަރެވެ. ސުވާލަކީ އިންޤިލާބް ގެނައުމާއި ބަޣާވާތްކުރުން މިހައި ގިނަވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ވެރިކަމަށް އަންނަނީ ގިނަ ވައުދުތަކަކާއިއެކުގައެވެ. ޤައުމުގެ ކަންކަން އިޞްލާޙްކުރާނެ ކަމުގެ ވަޢުދުތައްކޮށްގެންނެވެ. ނަމަވެސް ވެރިކަމަށް އާދެވުމުން އެ ވަޢުދުތައްމަތިން ހަނދާނެއް ނުހުރެއެވެ. ކުރަނީ ކުރިންވެސް ކުރަމުން އައި ފަދަ ނުބައި ޢަމަލުތަކެވެ. ހިންގަނީ ކޮރަޕްޝަނެވެ. ކުރަނީ ވައްކަމެވެ. ﷲ ގެ ޙުކުމްފުޅުތަކަކަށް ނުބަލައެވެ. އިންޞާފުގެމަތިން ހަނދާނެއްވެސް ނުހުރެއެވެ. އަނިޔާވެރިވެސްވަނީއެވެ.
މިފަދަ ކޮންމެ ކަމެއް ކުރުމަކީ ވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ބަޣާވާތްކުރުމެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ގޮންޖެހުމެވެ. ވީމާ އެހިސާބުން އޭނާގެ ނުވަތަ އެއްގެ ވެރިކަން ﷲ ތަޢާލާ ނިމުމަކަށް ގެންނަވަނީއެވެ. އިންޤިލާބަކުން ކަމަށްވެސް ބަޣާވާތަކުން ކަމަށްވެސް އަދި އެނޫން ގޮތަކުން ކަމަށްވެސް ވެދާނެއެވެ.
ﷲ ތަޢާލާ އާއި ދެކޮޅަށް ކަންކަން ކުރާނަމަ ބަދަލު ހިއްޕަވާނެތެވެ. އެމީހަކު ނިކަމެތިކުރައްވަވާނެތެވެ.
"އެއުރެންނީ ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވަވައިފިނަމަ ނަމާދު ޤާއިމުކޮށް ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ތިމަން ﷲ އަށެވެ." (އަލްޙައްޖު 40)
މުއްމިން ވެރިންގެ ކިބައިގައި ހުންނަން ޖެޭނެ ސިފަތައް ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވަނީ މިފަދައިންނެވެ. މިސިފަތައް ދޫކޮށްލުމުން ނިކަމެތިކުރައްވަވާނެތެވެ.
އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.
"---ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ މީހަކަށް އެކަލާނގެ (ﷲ ތަޢާލާ) ނަޞްރު ދެއްވަވާނެކަން ކަށަވަރެވެ. ހަމަކަށްވަރުން ﷲ އީ ބާރުވެރިވަންތަ، ޢަޒީޒްވަންތަ ރަސްކަލާނގެކަން ކަސަވަރެވެ." (އަލްޙައްޖު: 40)
ވެރިކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ސާބިތުވެއްޖެނަމަ އެމީހަކަށް އެކަލާނގެ ނަޞްރު ދެއްވަވާނެތެވެ. ކާމިޔާބު މިންވަރުކުރައްވަވާނެތެވެ.
- ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާ ޤުރްއާން ތަފްސީރުކޮށްދެއްވަމުން ވިދާޅުވެފައިވާ ބަސްފުޅުތަކެއް
މިބަސްފުޅުތަކަކީ ރާއްޖޭގެ މިއަދުގެ ވެރިކަމުގެ ޙާލަތާއި 100 % ގުޅުންހުރި ބަސްފުޅުތަކެއްކަން ފާހަގަކުރެވެއެވެ. އިސްލާމް ދީން ހިމާޔަތްކުރަން ވެރިކަމުގެ ފަރާތުން ހުރަސް އެޅުމުގެ ވާހަކަ އާއި އެހެން ދީންތަކަށް ފުރުޞަތުދިނުމުގެ ވާހަކަ މިވާހަކަފުޅަށް އިތުރުކޮށްފިނަމަ ރާއްޖޭގެ މިއަދުގެ ޙާލަތަށް 200 % އަށް ފެތިގެންދާނެއެވެ.