އަދި بلقيس ވިދާޅުވިއެވެ. އަހަރެން މިއުޅެނީ އެމީހުންނަށް ހަދިޔާއެއް ފޮނުވަން ކަމުގައެވެ. ދެންއޭގެ ފަހުގައި އެހަދިޔާ އާއިގެން ދިޔަމީހުން އެނބުރި އަންނަނީ ކޮން ޖަވާބަކާއިގެންތޯ އަހަރެން ބަލަން ހުންނާނަމެވެ. يعنى, سليمان ގެފާނަކީ ނަބިއްޔެއް ކަމުގައި ވަނީވިއްޔާ އެކަލޭގެފާނާއި ހަނގުރާމަ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަކަށެއް ނުފެނެއެވެ. މިހެންވެ ހަދިޔާ ފޮނުވައިގެން إمتحان ކުރާނީ އެވެ. އެއީ ނަބިއްޔެއް ކަމަށްވާނަމަ غير مسلم އެއްގެ ހަދިޔާއެއް قبول ފުޅެއް ނުކުރައްވާނެއެވެ.
الله تعالى وحى ކުރައްވާފައި ވެއެވެ. وَإنِّىْ مُرْسِلَةٌ إلَيْهِمْ بِهَدِيَّةٍ إتخ (سورة النمل 35)
ދެންފަހެ އެކަމަނާގެ ވަޒީރުން ދެންނެވި އެވެ. بلقيس އެވެ. ކަމަނާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާށެވެ. އޭގެ ފަހުގައި އެކަމަނާ ހަދިޔާ ތައްޔާރު ކުރައްވާ قاصد އަކާއި حوال ކުރައްވައި سليمان عليه السلام ގެ އަރިހަށް ފޮނުއްވާއިފި އެވެ. މީގެ ތެރޭގައި ރަނުގެ ހަތްގަނޑު އީޓް ރިހީގެ ހަތްގަނޑު އީޓު އަދި ޒަރުބަ ފޮތީގެ ހަތް ފަރުދާ ހިމެނިގެންވާ ކަމަށް ބައެއް ޢިލްމު ވެރިން ލިއުއްވާފައި ވެއެވެ.
ފަހެ އެކަމަނާ سليمان ގެފާނަށް ފޮނުއްވި ހަދިޔާތަކާއި މެދު މުފައްސިރުންގެ މެދުގައި خلاف ތައް ވެއެވެ. މިހެން ކަމުން މިވާހަކައާއި މެދު ކީރިތި قرآن ގައި بيان ވެފައިވާ މިންވަރު ފުދެއެވެ. ފަހެ ކީރިތި قرآنން އެނގޭހާވެސް މިންވަރަކީ އެކަމަނާ سليمان ގެފާނަށްހަދިޔާއެއް ފޮނުއްވިކަމާއި އަދި އެކަލޭގެފާނު އެހަދިޔާ قبول ފުޅު ނުކުރައްވައި އެމީހުން ނަށް ނުކުޅެދޭ ވަރުގެ ބޮޑު ލަޝްކަރަކައިގެން އެކަމަނާއާއި مقابلة ކުރެއްވުމަށް ޓަކައި ވަޑައިގަންނަވާނޭ ކަން އެންގެވި ކަމެވެ.
މާތް الله وحى ކުރައްވާފައި ވެއެވެ. فَلَمَّا جَاءَ سُلَيْمَانَ قَالَ أتَمُدُّونَنِ بِمَالٍ إتخ (سورة النمل 37) ފަހެ (އެކަމަނާ ފޮނުއްވި قَاصد) سليمان ގެފާނުގެ އަރިހަށް އަތުވެއްޖެ ހިނދު އެކަލޭގެފާނު އޭނާއަށް ވިދާޅުވި އެވެ. ތިޔަބައިމީހުން އަހަރެންނަށް މުދަލުން މަދަދު ކުރަނީ ހެއްޔެވެ؟ ބަލަ މާތް الله އަހަރެންނަށް ދެއްވާފައިވާ ތަކެތި ތިޔަބައި މީހުންނަށް އެކަލާނގެ ދެއްވާފައިވާ ތަކެއްޗަށްވުރެ މާހެޔޮކަން ބޮޑެވެ. އަދި ކީއްހޭ؟ ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރަންވީ ތިޔަބައި މީހުންނެވެ. (ތިޔަ ހަދިޔާ އާއިގެން) އެމީހުންގެ ގާތަށް (ތިޔަ އައިތަނަކަށް) އެނބުރި ހިނގައިދާށެވެ. ޝައްކެއް ނެތި އެމީހުންނަށް مقابلة ކުރުމަށް ނުކުޅެދޭހައި ލަޝްކަރަކައިގެން އަހަރެން އެމީހުންގެ ގާތަށް ދާހުށީމެވެ. އަދި އަހަރެން އެމީހުން ނިކަމެތިކަމާއި އެކުގައި ދެރަވެގެންވާ حال ގައި ޝަހަރުން ނެރޭނަންމެއެވެ.
سليمان عليه السلام ގެ މިވާހަކަފުޅު އަހާފައި قاصد بلقيس ގެ އަރިހަށް ހިގައްޖެއެވެ. އަދި سليمان ގެފާނުގެ قدرއާއި عزّة ގެ މަތިވެރިކަން އެކަމަނާ އަށް ދެންނެވިއެވެ.
بلقيس އޭނާގެ ވާހަކަ އައްސަވާފައި އެކަމަނާގެ دولة ގެބޮޑުންނަށް ވިދާޅުވިއެވެ. ރަގަޅު ގޮތަކީ އަހަރެން سليمان ގެ ފާނުގެ އަރިހަށް ދިއުމެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރި ވުމެވެ. ދެން ދަތުރުފުޅުގެ ހުރިހައި ކަމެއް إنتظام ކުރެއްވުމަށްފަހު އެކަމަނާގެ عزّة ތެރި تخت އާއި شاهي خزانة އެކަމަނާގެ ގަނޑުވަރުގެ ތެރޭގައި ރައްކާތެރި ކުރައްވައި އެ ދޮރުތަކުގެ ތަޅުދަނޑިތައް ހިއްޕަވައިގެން ސަތޭކަ ކަނީޒުންނާއި އަދި ވަރަށް ބޮޑު ލަޝްކަރަކާއިގެން سليمان ގެފާނުގެ އަރިހަށް ދިއުމަށްޓަކައި ނުކުމެވަޑައި ގަންނަވައިފި އެވެ. ބައެއްބޭކަލުންގެ ރިވާޔަތުގައި ވަނީ އެކަމަނާ އިތުބާރު ކުރައްވާ މީހަކާއި ވެރިކަން ޙަވާލު ކުރެއްވީ ކަމުގައެވެ.
- އަދި ނުނިމޭ