ވިލާ ކޮލެޖުގެ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޤުރުއާން، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގ، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 117 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 61 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 10 ކޯހަކާއި، ޑިގްރީ ފެންވަރުގެ 30 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު، އޭސީސީއޭގެ އެޕްލައިޑް ނޮލެޖް، އެޕްލައިޑް ސްކިލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ސެޕްޓެމްބަރ އިންޓޭކަށް ވަނީ ހުޅުވާލާފައެވެ. ސެޕްޓެމްބަރ އިންޓޭކުގައި މި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން، ބްލެންޑެޑް އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެއެވެ.
ސެޕްޓެމްބަރ 2021 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ކޯސްތައް ހިމެނެއެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 28 އޮގަސްޓް 2021 އެވެ. ކޯސްތަކުގެ ކިޔެވުން، ސެޕްޓެމްބަރ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފެށޭނެއެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
ވިލާ ކޮލެޖުން ސެޕްޓެމްބަރ 2021 ގައި ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތައް އޮފަރ ކުރެވޭ މޮޑާލިޓީސްތައް ހިމެނޭ ލިސްޓެއް މި ޕްރެސް ރިލީޒް އާއިއެކު އެޓޭޗް ކުރެވިފައިއެވަނީއެވެ.