ޗެނަލް 13 އިން ރިޔާސީ އިންތިހާބާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންގެ ނަޒާހާތްތެރި ކަމާމެދު ޝައްކު އުފެދޭ ސައްޙަ ނޫން ޚަބަރު ފަތުރާ ކަމަށް ބުނެ، އީސީން އެސްޓޭޝަންގެ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅައިފިއެވެ.
އީސީން މިއަދު ބުނެފައިވާ ގޮތުގައި، ޗެނަލް 13 ގެ މައްސަލައެއް ބްރޯޑްކޮމް އަށް ހުށަހެޅީ، އެކޮމިޝަންގެ މެމްބަރުން ފިލައިގެން އުޅޭކަމުގެ ތުހުމަތު ކުރެވޭކަމަށް ޚަބަރު ފަތުރަމުންދާތީއާއި އެކަން ހުއްޓުވައި ޤާނޫނާ ޤަވާއިދާއި އެއްގޮތަށް ފިޔަވަޅު އަޅައި ދެއްވުމަށް އެދިއެވެ.
އެނގިފައިވާ ގޮތުގައި އެސްޓޭޝަނުން ދަނީ، އީސީގެ މެމްބަރުންނަކީ ފިއްލަވައިގެން އުޅޭ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެމެމްބަރުންގެ ފޮޓޯތައްވެސް ދައްކައި، އީސީގެ މެމްބަރުންނާއި ރައީސް އަހުމަދު ޝަރީފްގެ އަބުރަށް ވަރަށް ބޮޑަށް އަރައިގަންނަމުންނެވެ.