އިންތިޚާބަކާއި ގުޅިގެން ސަލާމަތީކަންކަން ބެލެހެއްޓުން ނޫން ދައުރެއް ފުލުހުންނަކަށް ނުއޮންނާނެ: އަސްލަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އިންތިޚާބަކާއި ގުޅިގެން ސަލާމަތީކަންކަން ބެލެހެއްޓުން ނޫން ދައުރެއް ފުލުހުންނަކަށް ނުއޮންނާނެ: އަސްލަމް
އިންތިޚާބަކާއި ގުޅިގެން ސަލާމަތީކަންކަން ބެލެހެއްޓުން ނޫން ދައުރެއް ފުލުހުންނަށް ނުއޮންނާނެ ކަމަށާއި އެނޫން އެއްވެސް ދައުރެއް އަދާކުރަން މަސައްކަތް ނުކުރުމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ދިވެހި ފުލުހުންނަށް ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ މަންދޫބުންނާއި ވަކިވަކިން ގުޅަން ފުލުހުންނަށް ނުޖެހޭނެ ކަމަށާއި ގުޅަންޖެހޭނީ ސިޔާސީ ޕާޓީތަކަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ވަކިވަކިން މަންދޫބަށް ގުޅުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑަށްވެސް ފުލުހުން ގުޅި. މިއި ބިރުދައްކަން ކުރާ ކަމެއް. ކީއްކުރަންތޯ ފުލުހުން އަޅުގަނޑަށް ގުޅަންވީ؟"

އަސްލަމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލާ އާބާދީ އަކީ 263،000 ކަމަށާއި އެއިގެ ތެރެއިން 100،000 އެއްހައި މީހުން ރީރަޖިސްޓްރީ ކުރަން ހުށަހަޅައިފިނަމަ އެއީ ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ރީރަޖިސްޓްރީ ކުރާ މީހުންގެ ލިސްޓް ހާމަކުރަން ޖެހޭނެ ކަމަށާއި އެލިސްޓް ޗެކުކުރުމުގެ ފުރުޞަތު ލިބެންޖެހޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ކުންފުނިތަކުން ރީރަޖިސްޓްރީ ކުރުވިއިރު އިނާމަކަށް ބައެއް ކުންފުނިތަކުން ސިންގަޕޫރު ޓިކެޓްވެސް ދީފައިވާ ކަމަށާއި އެފަދަ ކަމެއް ކުރަންޖެހުނު ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ފުރުވި ފޯމްތައް އިލެކްޝަންސް ކޮމިޝަނާއި ހަވާލުކުރި ބައަކު ވެސް އެނގެންޖެހޭ ކަމަށެވެ. "ހާމަވި ވީޑިއޯ އެބަ އެނގޭ އެފޯމްތައް ޕީޕީއެމް އޮފީހަށް ގެންދެވުނުކަން. ކީއްކުރަންތޯ އެ ފޯމްތައް ޕީޕީއެމް އޮފީހަށް ގެންދަން ޖެހުނީ؟" އަސްލަމް ވަނީ ސުވާލުކުރައްވައިފައެވެ.
މިއަދު އޮންލައިން