މިނިވަން ޗެމްޕިއަންޝިޕް ތ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް

ކިޔުމަށް ހޭދަވާނީ 1މ 33ސ
މިނިވަން ޗެމްޕިއަންޝިޕް ތ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ތ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދައިފިއެވެ.
މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ތ.އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ތިމަރަފުއްޓާއި ވަންދޫއެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އަތޮޅަކުން ދެ ޓީމު ބައިވެރިވުމުން ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެވެ.

ވަންދޫ ފުޓުބޯޅަ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި ތިމަރަފުށިން ވަންދޫ ބަލިކުރީ 2-4 ގެ ނަތީޖާއިންނެވެ. ތިމަރަފުށީގެ ދަނޑުގައި އިއްޔެ ހަވީރު މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން މެޗު އެއްވަރުވެގެންނެވެ. އެހެންވުމުން ތިމަރަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދީ، ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 3-5 އުން ވަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.

ތިމަރަފުށީގެ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ތިމަރަފުށިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ތިމަރަފުށީގެ އަހުމަދު ތޯހިރު މި ލަނޑު ކާމިޔާބުކޮށްދިންއިރު، ވަންދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 85 ވަނަ މިނެޓުގައި ވަންދޫގެ އަހުމަދު ޝާބިން ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

ތ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް ލިބުމުން ތިމަރަފުށި ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ތިމަރަފުށި ހިމެނޭ ޒޯން 6 ގައި ދެން ހިމެނެނީ ލ.އަތޮޅުގެ ޗެމްޕިއަނުން މާބައިދޫއެެވެ. މާބައިދޫއިން ލ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދީ ކުނަހަންދޫއާ ވާދަކޮށް ދެ ލެގުން ވެސް ކުނަހަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މިދިޔަ ދެ އަހަރުގައި ވެސް ތ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ތިމަރަފުށިންނެވެ. ތިމަރަފުށި ވަނީ 2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އެ ފަހަރުގެ ފައިނަލް މެޗުގައި ބ.އޭދަފުށި އަތުން ތިމަރަފުށި ބަލިވަނީ 0-1 ގެ ނަތީޖާއިންނެވެ.
މިއަދު އޮންލައިން