އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާއަށް

ކިޔުމަށް ހޭދަވާނީ 1މ 12ސ
އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާއަށް
މައިލޯ އިންޓަ ސްކޫލް ފުޓްބޯލް ޓޯނަމެންޓްގެ 18 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއިން ހޯދައިފިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަހުމަދިއްޔާ ސްކޫލް އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ބައްދަލުކުރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ވިލާއިން ލަނޑެއް ޖަހައި ލީޑު ނަގާފައިވާއިރު، އަހުމަދިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނެޓުގައެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައިވާތީ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓް އައުޓްއުން އަހުމަދިއްޔާއިން ވަނީ ވިލާގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެެވެ.

18 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ ހަތަރު ޓީމެކެވެ. އެއީ ފައިނަލުގައި ވާދަކުރި ދެ ޓީމުގެ އިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒާއި، ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. މި އަހަރުގެ މުބާރާތް އަހުމަދިއްޔާ ކާމިޔާބުކޮށްފައިވާއިރު، މި އުމުރުފުރައިގެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ވެސް އަހުމަދިއްޔާއެވެ.

މައިލޯ އިންޓަ ސްކޫލް ފުޓްބޯލް ޓޯނަމެންޓްގެ 14 އަހަރުން ދަށުގެ މުބާރާތް މި އަހަރު ކާމިޔާބުކުރީ މަޖީދިއްޔާ ސްކޫލެވެ. 16 އަހަރުން ދަށުގެ މުބާރާތް ފަށާނީ އަންނަ އާދީއްތަ ދުވަހުގައެވެ. 16 އަހަރުން ދަށުގެ މުބާރާތުގައި މި ފަހަރު 16 ސްކޫލަކުން ބައިވެރިވެފައިވެއެވެ.
މިއަދު އޮންލައިން