މިނިވަން ޗެމްޕިއަންޝިޕް ރ.އަތޮޅު ބުރުގެ ޗެމްޕިއަންކަން މީދޫއަށް

ކިޔުމަށް ހޭދަވާނީ 1މ 33ސ
މިނިވަން ޗެމްޕިއަންޝިޕް ރ.އަތޮޅު ބުރުގެ ޗެމްޕިއަންކަން މީދޫއަށް
މިނިވަން ޗެމްޕިއަންޝިޕް ރ.އަތޮޅު ބުރުގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އުނގޫފާރު ބަލިކޮށް އެ އަތޮޅު ބުރުގެ ޗެމްޕިއަންކަން މީދޫ ހޯދައިފިއެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ރ.އަތޮޅުން ބައިވެރިވީ ހަތަރު ޓީމެކެވެ. އެއީ ރ.މީދޫއާއި، ރ.އުނގޫފާރާއި، ރ.އަލފުއްޓާއި، ރ.އިންނަމާދޫއެވެ. އެހެންވެ، ރ.އަތޮޅު ބުރު ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖް ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.

ރ.އަތޮޅު ބުރުގެ ފައިނަލަށް މީދޫ ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް މޮޅުވެގެން 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި އުނގޫފާރަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. 3 ޕޮއިންޓާއެކު އަލިފުށި ތިންވަނައަށް ދިޔައިރު، އެންމެ ފުލަށް ދިޔަ އިންނަމާދޫއަށް ޕޮއިންޓެއް ނުލިބެއެވެ.

މީދޫގެ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު މީދޫއާއި އުނގޫފާރު ބައްދަލުކުރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްއުން އުނގޫފާރުގެ މައްޗަށް މީދޫއިން ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ.

ރ.އަތޮޅު ބުރުގެ ޗެމްޕިއަންކަން މީދޫއަށް ލިބުމުން އެ ޓީމު ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. މީދޫ ހިމެނޭ ޒޯން 3 ގައި ދެން ހިމެނެނީ ބ.އަތޮޅު ބުރުގެ ޗެމްޕިއަނުން ފެހެންދޫއާއި، ޅ.އަތޮޅު ބުރުގެ ޗެމްޕިއަނުން ނައިފަރެވެ. ޒޯން 3 ގެ މެޗުތައް ފަށާނީ އަންނަ އާދީއްތަ ދުވަހެވެ.

މިދިޔަ ތިން އަހަރުގައި ވެސް ޒޯން 3 ގެ ޗެމްޕިއަންކަން ހޯދި ބ.އޭދަފުށި މި ފަހަރު ވަނީ ބ.އަތޮޅު ބުރުން ކަޓައި، ޒޯން ބުރަށް ވެސް ދަތުރު ނުކުރެވިފައެވެ.
މިއަދު އޮންލައިން