މައިލޯ ރޯޑް ޓު ބާސެލޯނާ ކެމްޕެެއިންގެ ދަށުން ރާއްޖޭގެ ހަތަރު ކުއްޖަކު ބާސެލޯނާގެ އެކަޑަމީއަށް
'ރޯޑް ޓު ބާސެލޯނާ' ގެ ނަމުގައި މައިލޯއާއި ފުޓްބޯލް ކްލަބް ބާސެލޯނާއާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިއަށްގެންދާ ކެމްޕެއިން އިއްޔެ ރާއްޖޭގައި އިފްތިތާހުކުރިއިރު، މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ހަތަރު ކުއްޖަކު ބާސެލޯނާގެ އެކަޑަމީން ތަމްރީން ލިބުމުގެ ފުރުސަތު ވަނީ ހަަމަޖެހިފައެވެ.
'ރޯޑު ޓު ބާސެލޯނާ' ކެމްޕެއިން ރާއްޖޭގައި އިފްތިތާހުކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ޚާއްޞަ އީވެންޓެއް ބޭއްވިިއިރު، އެ އީވެންޓްގައި މައިލޯއާއެކު ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި އީވެންޓްގައި ހެންވޭރު ދަނޑުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވިއިރު، އެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.
މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ހަތަރު ކުއްޖަކާއި ދެ އޮފިޝަލަކަށް ބާސެލޯނާގެ އެކަޑަމީން ތަމްރީން ލިބުމުގެ ފުރުސަތު ހަމަޖެހިފައިވާއިރު، އެފްއޭއެމްއިން ބުނީ ތަމްރީނަށް ފޮނުވާނެ ހަތަރު ކުއްޖަކު ހޮވުމަށް ވަރަށް ގިނަ ކަންތައްތަކަށް ބަލާނެކަމަށާއި އެ ކުދިން ހޮވުމުގެ މަސައްކަތްކުރާނީ ހަމެއަކަނި މާލެއިން ނޫންކަމަށާއި އެ މަސައްކަތް މުޅި ރާއްޖޭގައި ކުރާނެކަމަށެވެ.
'ރޯޑް ޓު ބާސެލޯނާ' ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުުރުން 7 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. މައިލޯގެ އުފެއްދުންތައް ގަންނައިރު ލިބޭ ކޫޕަން ނަންބަރު 4411 އަކަށް އެސްއެމްއެސް ކުރުމުން މި ކެމްޕެެއިންގައި ބައިވެރިވެވޭނެއެވެ.
22.5 މިލިއަން ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު ހަރަކާތްތަކުގެ ބިޔަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން ސްޕެއިންގެ ފުޓްބޯލް ކްލަބް ބާސެލޯނާއާއި ނެސްޓަލް މައިލޯ ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ބާސެލޯނާއާއި މައިލޯއާއި ގުޅިގެން މި ކެމްޕެއިންގެ ހަރަކާތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު އަންނަނީ ހިންގަމުންނެވެ. މި ކެމްޕެއިންގެ ދަށުން ބާސެލޯނާގެ އެކަޑަމީން ގިނަ ކުދިންތަކަށް ތަމްރީން ލިބުމުގެ ފުރުސަތު ހަމަޖެހިފައިވާއިރު، ބާސެލޯނާގެ އެކަޑަމީން ވަނީ ދުނިޔޭގެ ވަރުގަދަ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ތަރިންކަމަށްވާ ކާލޮސް ޕުޔޯލާއި، ޖެރާޑް ޕީކޭއާއި، އަންދްރެސް އިނިއެސްޓާއާއި، ޒަވީ ހަނެންޑޭޒްގެ އިތުރުން ފަސް ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ލިއޮނަލް މެސީ ހިމެނެއެވެ.