ވެލެންސިއާއާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
އެސްޓީއޯ މާލޭ ލީގުގައި ރޭ ކްލަބް ވެލެންސިއާއާއި އީގަލްސް ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއިން ހަމަހަމަވެގެން ނިމިއްޖެއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެލެންސިއާއިންނެވެ. ވެލެންސިއާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 7 ވަނަ މިނެޓުގައި ޑްރައިގާ ސަރްގީއެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޕުރްސިނޯ ލުއިޒު އެޑުއާޑޯ ލަނޑެއް ޖަހައި އީގަލްސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް މަހުރޫސް މުޖުތަބާގެ ލަނޑުން ވެލެންސިއާ ވަނީ އަލުން މެޗުގެ ލީޑު ނަގައިފައެވެ.
،މެޗުގެ ދެވަނަ ހާފު ފަށައިގެން އީގަލްސްގެ ޕުރްސިނޯ ލުއިޒް އެޑުއާޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެ ގޮތުން، މެޗުގެ 59 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަަހައި އީގަލްސްއަށް އަލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ވެލެންސިއާގެ އަންވަރު އިބްރާހިމް ލަނޑެއް ޖަހައި ވެލެންސިއާއަށް އަލުން ލީޑު ނަަގައިދިނެއެވެ. މެޗުގެ 87 ވަނަ މިނެޓުގައި ޕުރްސިނޯ ލުއިޒް އެޑުއާޑޯ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އީގަލްސްއަށް ޕޮއިންޓެއް ކަށަވަރުކޮށްދިނެެވެ.
ރޭގެ މި މެޗާއެކު މާލޭ ލީގުގެ ދެވަނަ ހާފުތާގެ މެޗުތައް ކުޅެ ނިމުނީއެވެ. ދެވަނަ ހަފުތާގެ މެޗުތައް ނިމުނުއިރު، ހަ ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓަރީއެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓަރީއަށް އެއްވަނަ ލިބެނީ ލަނޑު ފަރަޤުން ކުރި ލިބޭތީއެވެ. ހަަތަރު ޕޮއިންޓާއެކު އީގަލްސް ތިންވަނައިގައި އޮތްއިރު، ހަތަރުވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ދެ ޕޮއިންޓާއެކުއެވެ. މާޒިޔާ، ޓީސީ، އަދި ވެލެންސިއާއަށް ޕޮއިންޓެއް ލިބިފައިވާއިރު ވިކްޓަރީއަށް ޕޮއިންޓެއް ނުލިބެއެވެ.
މާލޭ ލީގުގެ ތިންވަނަ ހަފުތާގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ތިންވަނަ ހަފުތާގައި އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާއި އީގަސްލްއެވެ. މާލޭ ލީގުގެ ގަދަ ހަ ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރެވޭނެއެވެ.