އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.
މާލޭ ލީގުގައި ޔޫވީއިން ކުޅުނު ފުރަތަމަ މެޗުން ކްލަބް ވެލެންސިއާގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރިހޯދައިގެން ޔޫވީ މޮޅުވެފައިވާއިރު، މިއަދު ހަވީރު ކުޅުނު މެޗުން ޔޫވީ މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ މި ހާފުގައި ޔޫވީގެ ޢަލީ ހައިޝަން (ޗުމްޕު) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ޗުމްޕުގެ ބޮލުން ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ވިކްޓަރީގެ ބިދޭސީ ފޯވާޑު ސައިމަން ޓިބޯ ސޯޑާސް ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިދިނެވެ. ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ވިކްޓަރީ ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މި ހާފުގެ ވަރަށް ކުރީކޮޅު ވިކްޓަރީގެ ސައިމަންއަށް ލީޑު ފުޅާކުރަން ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުކޮށްލައިފައެވެ. ޔޫވީއަށް މެޗުގެ ނަތީޖާ ހަަމަހަމަކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސޯސާ ރިބެއިރޯއެވެ. ޔޫވީއަށް މެޗު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގައި ޢަލީ ހައިޝަމެވެ.
މާލޭ ލީގުގައި މިރޭ ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މާދަމާ ރޭ ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ކްލަބް ވެލެންސިއާއެވެ.
ދިވެހި ފުޓުބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލަށްފަހު ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާނީ މާލޭގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ މާލޭ ލީގުގެ ގަދަ ހަ ޓީމާއި އަތޮޅުތެރޭގެ ޓީމުތަކުގެ ތެރޭގައި ކުޅެވޭ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.