ބަލިމީހާ ނިޔަވީ ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުން ކަމަށް އާއިލާއިން ބުނިބުނުން އެޗްއާރްއެޗް އިން ދޮގުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
ބަލިމީހާ ނިޔަވީ ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުން ކަމަށް އާއިލާއިން ބުނިބުނުން އެޗްއާރްއެޗް އިން ދޮގުކޮށްފި
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮތް އުމުރުން ދުވަސްވީ ބަލިމީހަކު ނިޔާވީ، އެމީހާއަށް ގުޅާފައި އޮތް ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން ހާލު ސީރިއަށް ވެގެން ކަމަށް އާއިލާއިން ބުނި ބުނުން އެހޮސްޕިޓަލުން ދޮގު ކޮށްފިއެވެ.

ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވާކަން އެނގުނީ، އޭގެން އެއްވެސް ބޮތްކެއް ދިއްލިފައި ނެތުމުން އެކަން އާއިލަގެ މީހަކު ނަރުހުންގެ ސަމާލުކަމަށް ގެނައުމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އުމުރުން 75 އަހަރުގެ އެއަންހެން މީހާ ނިޔާވީ މިއަދު ކަމަށް އެޗްއާރްއެޗް އިން ބުނެފައިވެއެވެ.

ނަމަވެސް އާއިލާއިން ވާހަކ ދެއްކި މީހަކު ބުނި ގޮތުގައި އެމީހާ ނިޔާވީ ވެންޓިލޭޓަރުން ކަރަންޓު ކެނޑުމަށްފަހު، ހާލު ސީރިއަސް ވެގެނެވެ. އެވެންޓިލޭޓަރަކީ "ވައިޖެހިފަ ކަރަންޓު ދާ އެއްޗެއް" ކަމަށް ހޮސްޕިޓަލުން އާއިލާއަށް މައުލޫމާތު ދިން ކަމަށް ވެސް ނިޔާވި އަންހެން މީހާގެ އާއިލާއިން ބުނެފައިވެއެވެ. އެހެންކަމުގައިވާނަމަ، އެއީ ހޮސްޕިޓަލުގެ ނަރުހުންނާއި މުވައްޒަފުންގެ އިހުމާލެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ނަޖީބު ވިދާޅުވީ، އެހޮސްޕިޓަލަށް ގެންދެވުނު ހާލު ބޮޑު ބަލިމީހަކަށް ގުޅާފައި އޮތް ވެންޓިލޭޓަރަކުން ކަރަންޓު ކެނޑުނު ކަމަށާއި ނަމަވެސް ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން މީހަކު މަރުވެފައި ނުވާ ކަމަށެވެ.

"ކަރަންޓު ކެނޑުނީ އިއްޔެ އިރުއޮއްސި 18:00 ގައި، ބަލިމީހާ މަރުވެފައިވަނީ މިއަދު ހެނދުނު. ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން އެއްވެސް މީހަކު މަރެއް ނުވޭ" ނަޖީބު ވިދާޅުވިއެވެ.

މިއަދު އޮންލައިން