ބައެއް މީޑިއާތަކުން ބްރޯޑްކާސްޓްކުރަމުން ދަނީ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް: ބްރޯޑްކޮމް

ކިޔުމަށް ހޭދަވާނީ 2މ 40ސ
ބައެއް މީޑިއާތަކުން ބްރޯޑްކާސްޓްކުރަމުން ދަނީ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް: ބްރޯޑްކޮމް
ބައެއް މީޑިއާތަކުން ބްރޯޑްކާސްޓްކުރަމުން ދަނީ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަކަށްކަމަށް ބުނެ ނޫސްވެރިންގެ އަމަލުތައް ވަކި ގޮތަކަށް ބެހެއްޓުމަށް އިލްތިމާސްކޮށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ސާކިއުލާއެއް ނެރެފިއެވެ.

ބްރޯޑްކޮމްއިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ މި ފަހަކަށް އައިސް ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމަންއަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާކަން އެ ކޮމިޝަންގެ މޮނިޓަރިންއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އޭގެ ތެރޭގައި ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތއް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނޭކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ބްރޯޑްކޮމްއިން އެކުލަވާލާފައިވާ 'އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދު' ގައި ބަޔާންކުރާ 'އެކްރެޑިޓޭޝަން ކާޑް' ބޭނުންކުރުމަށާއި 'މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން' އާ އެއްގޮތަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަމަލުކުރުމަށް ބްރޯޑްކޮމްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން ޢަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމަށް ވެސް ބްރޯޑްކޮމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ހަނދާންކޮށްދެން." ބްރޯޑްކޮމްއިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ބްރޯޑްކޮމްއިން ނެރެފައިވާ ސާކިއުލާއާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ ދެކޮޅަށް އެ ކޮމިޝަނުން ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިންގެ އަމަލުތައް ބަހައްޓަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ދިވެހި ފުލުހުން ވެސް ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފައެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެއާއި ރޭ ބޭއްވި ކަވަރުކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ވަނީ ނޫސްވެރިންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަނިޔާވެފައިވާއިރު، އަނިޔާވި ގިނަ ނޫސްވެރިން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުންނާއި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފައެވެ.

މިއަދު އޮންލައިން