މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުން ފާތުމަތު ޒޭނާ ވަކިކުރަން އެމްޑީޕީއިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
ބްރޯޑްކޮމް ގެ މެންބަރުކަމުން ޒޭނާ ވަކި ކުރަން މިއަދު ހުށަހެޅީ، އުމުރުން ދުވަސްވީ މީހުންނާއި ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވަން ރަސްފަންނުގައި ރޭ ބޭއްވި ހަފްލާގެ އިންތިޒާމުތަކުގައި ޒޭނާ އިސްކޮށް އުޅުއްވުމުން، އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އިދިކޮޅު އެމްޑީޕީ އިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ރައީސްގެ ހަފުލާގެ އިންތިޒާމްތަކުގައި ފާޅުގައި ޒޭނާ އުޅުއްވުމުން ޒޭނާގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ އެސިޓީގައި ވިދާޅުވެފައިވަނީ ރައީސް ބައިވެރިވެ ވަޑައިގެންނެވި އެހަފުލާއަކީ ބްރޯޑްކޮމްގެ ހަފުލާއަކަށް ނުވާތީ، އިންތިޒާމުތަކުގައި ޒޭނާގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ.
"ފާތުމަތު ޒޭނާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަނުކުރަން އޭނާގެ ނަން ހުށަހެޅުނުއިރު ވެސް ޕީޕީއެމް ގެ ސިޔާސީ ހަރަކާތްތައް އިންތިޒާމްކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ދިޔަ ފަރާތަކަށްވެފައި އަދި ކޮމިޝަން އައްޔަންވުމަށް ފަހުގައިވެސް އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ މިފަދަ ސިޔާސީ ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވާކަމީ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިދާ ކަމެއް" އެމްޑީޕީ ގެ ސިޓީގައިވެއެވެ.