އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މެލޭޝިއާގެ ޤައުމީ ޔުނިވަރިސިޓީ ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިއާ (ޔޫކޭއެމް) އާއި ދެމެދު ވަރަށް ތާރީޚީ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއި ކުރެވުނީ މިއަދު ހެނދުނު 10:00 ގައި ޔޫކޭއެމް ގައި މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ޚަފްލާއެއްގައެވެ.
މިއަދު ބޭއްވުނު މިއެއްބަސްވުމުގައި އައިޔޫއެމް ގެ ފަރާތުން ސޮއި ކުރެއްވީ އެޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ޔޫކޭއެމް ގެ ފަރާތުން ސޮއި ކުރެއްވީ އެޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކެޑެމިކް އެންޑް އިންޓަރނޭޝަނަލް އެފެއާރޒް-ޕްރޮފެސަރ ޑާޓޯ،އިރް، ޑރ. ރިޒާ އަތީޤް ޢަބްދުﷲ އޯ.ކޭ ރަހްމަތު އެވެ.
އައިޔޫއެމް އާއި ޔޫކޭއެމް އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ހިމެނެނީ ދެ ޔުނިވަރސިޓީ ދެމެދުގައި ދަރިވަރުން ތަމްރީނާއި ތަޖުރިބާ ލިބިގަތުމަށްޓަކައި ބަދަލުކުރުން، ދެ ޔުނިވަރސިޓީ ދެމެދު ފެކަލްޓީ އެކްސްޗޭންޖް ޕްރޮގްރާމާއި ބެހޭ ފުރުސަތުތައް ތަނަވަސްކޮށް ދިނުން، ދެ ޔުނިވަރސިޓީ ގުޅިގެން ރިސާރޗްގެ ދާއިރާއާއި ގުޅޭ ޕްރޮޖެކްޓްތައް ހިންގުން، ދެ ޔުނިވަރސިޓީ ގުޅިގެން ބޭނުންތެރި ދާއިރާތަކުން ކުރު މުއްދަތުގެ ޢިލްމީ ޕްރޮގްރާމްތައް ހިންގުން، ދެ ޔުނިވަރސިޓީ ގުޅިގެން މުވައްޒަފުން ތަމްރީނާއި ތަޖުރިބާ ލިބިގަތުމުގެ ޕްރޮޖެކްތްތައް ހިންގުން އަދި ދެ ޔުނިވަރސިޓީ ގުޅިގެން އިންޓަރނޭޝަނަލް ކޮންފަރެންސްތަކާއި ސިމްޕޯޒިއަމްތަކާއި ސެމިނާ އަދި ވޯކްޝޮޕްތައް ހިންގުމެވެ.
މިޚަފްލާގައި ވާހަކަފުޅު ދަައްކަވަމުން އައިޔޫއެމްގެ ޗާންސެލޯ ޑރ. ޝަހީމް ވަނީ ޔޫކޭއެމް ފަދަ ކުރިއަރާފައިވާ ޔުނިވަރސިޓީއާއި އެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި، އައިޔޫއެމް ގެ ނަމުގައި ޔޫކޭއެމް ގެ އިސްވެރިންނާއި މުވައްޒަފުންނަށާއި ދަރިވަރުންނަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން، މިވެވުނު އެއްބަސްވުމުގެ ސަބަބުން ދެޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ތަޢުލީމަށާއި، ދެ ޔުނިވަރސިޓީގެ ތަރައްޤީއަށް ވަރަށް ގިނަ ކުރިއެރުންތަކާއި އެހީތެރިކަން ލިބިގެންދާނެކަން ވެސް ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.