މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާއި ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާއި ޚިލާފުވާނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އެބްރޯޑްކާސްޓަރަކު ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
ބްރޯޑްކޮމް އިން މިއަދު ނެރުނު ސަރކިއުލާ އެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުން ދާކަމަށެވެ.
އޭގެ ތެރޭގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި، އެމުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭނެ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނޭކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު: 2013/1 (ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޚީލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދޭކަން ވެސް އެމިކޮޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ.
"ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް އިސްކަމެއް ދީގެން ބްރޯޑްކާސްޓް ކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށް މިދަނޑިވަޅުގައި ފާހަގަކޮށް، މިފަދަ މައްސަލަތައް މެދުވެރި ނުވާނޭގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް މިކޮމިޝަނުން ގޮވާލަން" ބްރޯޑްކޮމް އިން ބުނެފައިވެއެެވެ.
މީގެއިތުރުން ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލު ކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ "ކޯޑް އޮފް ޕްރެކްޓިސް" ގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށް ދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުމަށް ބްރޯޑްކޮމް އިން އިލްތިމާސް ކުރާ ކަމަށާއި އެއާއި ޚިލާފަށް އަމަލު ކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެކޮމިޝަނުން އަޅާނެ ކަމަށްވެސް އަންގާފައިވެއެވެ.