ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ވިލާ ކޮލެޖާދެމެދު ތަޢުލީމީ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމައިގާ އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.
މި ފަހުމުނާމައިގެ ދަށުން ދަރިވަރުންނާއި މުއައްޒަފުންގެ ރިސަރޗު މަސައްކަތް ފުޅާކުރުމަށް ދެފަރާތުގެ ދެމެދުގައި ލައިބްރަރީ ރިސޯސަސް ބަދަލުކުރުމާއި ދެފަރާތުގެ ރިސަރޗު ހޯދުންތަކާއި ރިސަރޗު ކުރުމަށް ބޭނުންވާ ވަސީލަތްތައް ބަދަލުކުރުން ހިމެނެއެވެ.
މީގެ އިތުރުން ކޮންފެރެންސްތަކާއި ރިސަރޗު ސެމިނަރސް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކޮންފެރެންސްތަކަށް ހުށަހެޅޭ ލިޔުންތައް ރިވިއުކޮށް ދެފަރާތުގެ އެކަޑެމިކް ޖަރނަލްތަކަށް ކޮންޓްރިބިއުޓްކުރުންވެސް ހިމެނެއެވެ.
ހަމަމިއާއެކު މި ފަހުމުނާމައިގެ ދަށުން ދެފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ދެފަރާތުގެ އެކަޑަމިކް އަދި އެޑްމިން މުއައްޒަފުން ބައިވެރިކުރުމާއި ވޯކްޝޮޕް، ކޮންފެރެންސް އަދި ލެކްޗަރތަކަށް އެކަޑެމިކް ސްޓާފުން ބަދަލުކުރުންވެސް ހިމެނެއެވެ.
މި ފަހުމުނާމައިގެ ސަބަބުން ދެ މުއައްސަސާގެ ދަރިވަރުންނާއި މުއައްޒަފުންގެ ތަޢުލީމަށާއި ދެ މުއައްސަސާގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުންތަކާއި އެހީތެރިކަން ލިބުގެންދާނެކަމަށް އެ ދެ މުއައްސަސާއިން ބުނެއެވެ.