ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ އަންހެން އަދި ފިރިހެން އިވެންޓުގެ ޗެމްޕިއަންކަންވެސް އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) އިން ހޯދައިފިއެވެ.
އަންހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އޭބީސީގެ ސީ ޓީމެވެ. އެ ޓީން ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ފެނަކަ ކޯޕަރޭޝަނާ ބައްދަލުކޮށް 5 މެޗު ތިން މެޗުން މޮޅުވެގެންނެވެ.
ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އޭބީސީގެ ސީޓީމެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ އޭބީސީގެ ބީ ޓީމާ ބައްދަލުކޮށް ސީދާ 4 މެޗުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗު ކުޅުނީ ރޭގައެވެ.
މުބާރާތަށްފަހު ޗެމްޕިއަންޓީމާއި ރަނަރއަޕް ޓީމަށް ތަށްޓާއި، ފައިސާގެ އިނާމާއި، މެޑަލް ހަވާލުކޮށް ދެއްވީ ޝަރަފުވެރި މެހުމާން ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފެވެ.
އަންހެން ޗެމްޕިއަންޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދީފައިވަނީ ފަސް ހާސްރުފިޔާއެވެ. ދެވަނަ ޓީމަށް ދީފައިވަނީ ދެހާސް ފަސް ސަތޭކަ ރުފިޔާއެވެ. ފިރިހެން ޗެމްޕިއަންޓީމަށްދީފައިވަނީ ދިހަހާސް ރުފިޔާއެވެ. ދެވަނަ ޓީމަށް ދީފައިވަނީ ދެހާސް ފަސްސަތޭކަ ރުފިޔާއެވެ.
މިމުބާރާތަކީ ބެޑުމިންޓަން އެސޯސިއޭޝަނާއި، ހޮރައިޒަން އެކަޑަމީއާ ގުޅިގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގެ މަގުސަދަކީ ސައުތު ރީޖަންގެ އޮފީސްތަކުގެ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމާއި، އޮފީސް އަދި ފަރުދީ ފެންވަރުގައި ބެޑުމިންޓަން ކުޅުންތެރިން އުފެއްދުމެވެ. އަދި އެކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި، ދެކުނު ސަރަހައްދުގައި ބެޑުމިންޓަންގެ މަގުބޫލްކަން އިތުރު ކުރުމެވެ.