އަލްޓްރާ މޭން އާތީ އަޔަން މޭން ފުރިހަމަކޮށް ތާރީޚުގެ ތެރެއަށް..

ކިޔުމަށް ހޭދަވާނީ 1މ 21ސ
އަލްޓްރާ މޭން އާތީ އަޔަން މޭން ފުރިހަމަކޮށް ތާރީޚުގެ ތެރެއަށް..
ރާއްޖޭގެ އެންމެފުރަތަމަ އަލްޓްރާ މޭން އަޙްމަދު އާޠިފް (އާތީ) އަނެއްކާވެސް އިތުރު ފިޔަވަޅެއް ކުރި ޖެހިލާ، ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ.

މިފަހަރު އޭނާ ހޯދި ކާމިޔާބީއަކީ އޮސްޓްރޭލިއާގެ ޕޯޓް މެކިއުރީގައި ބޭއްވި އަޔަން މޭން ޓްރައިތެލޯން އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށް ގިނަބަޔަކު ޤަބޫލު ކުރާ އަޔަންމޭން ޓްރައިތެލޯން އާތީ ފުރިހަމަކޮށްފައިވަނީ 12 ގަޑިއިރާއި 30 މިނެޓް 12 ސިކުންތުންނެވެ.

މި އިވެންޓުގައި 3.8 ކިލޯމީޓަރގެ ފެތުމާއި 180 ކިލޯމީޓަރ ބައިސްކަލް ދުއްވުމާއި 42.4 ކިލޯމީޓަރގެ ދުވުން އާތީ ވަނީ ފުރިހަމަކޮށްފައެވެ.

އަޔަންމޭން ޓްރައިތެލޯން ފުރަތަމަ ފަހަރަށް ފުރިހަމަ ކުރި ދިވެއްސެއްގެ ޝަރަފް ހޯދާފައިވަނީ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ. ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ބޭގައިއޮތް އަޔަންމޭން އެފްރިކަން ޗެމްޕިއަންޝިޕުގައި އޭނާ މި އިވެންޓު ފުރިހަމަކޮށްފައިވަނީ 15 ގަޑިއިރާއި 38 މިނެޓް 23 ސިކުންތުންނެވެ.

އެހެންކަމުން އާތީ މި އިވެންޓު ނިންމާފައި މިވަނީ ޑރ. ޙުސައިން އަށްވުރެ ގާތްގަޑަކަށް ތިންގަޑިއިރު އަވަހަށެވެ. އާތީ މިހޯދި ކާމިޔާބީ ފާހަގަކޮށް ޑރ. ޙުސައިން ޙަލީމް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ "އާތީ ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔާ ކަމަށާއި އޭނާއާއެކު އިތުރު މީހަކު އަޔަންމޭންގެ ޝަރަފް ހޯދީތީ އުފާކުރާ" ކަމަށެވެ. އަދި "އެ ޝަރަފް ހޯދާނެ ތިންވަނަ މީހަކީ ކޮބައިތޯ" ވެސް ވަނީ ސުވާލުކޮށްފައެވެ.

އާތިފް މިހޯދި ކާމިޔާބީއަށް މިއަދުނޫހުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

ޚަބަރާގުޅޭ އިތުރު ލިޔުން: އަޔަންމޭން ޓްރައިތެލޯން ފުރަތަމަ ފަހަރަށް ދިވެއްސަކު ފުރިހަމަކޮށްފި
މިއަދު އޮންލައިން