އޮޅުވެލިފުށި ބަލިކޮށް ޒޯން 3 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް އޭދަފުށިން ހޯދައިފިއެވެ.
ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި އޮޅިވެލިފުށީގެ މައްޗަށް 3-1 ލަނޑުން ކުރިހޯދައިގެންނެވެ.
އޮޅުވެލިފުށީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އޭދަފުށި ޓީމުންނެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން ޢަބްދުލްމަޖީދު (މަޖިއްޓޭ) އެވެ. މި ލަނޑާއެކު އޮޅިވެލިފުށިން ވަނީ އޭދަފުށީގެ ގޯލަށް ނުރައްކާތެރި ޙަމަލާތަކެއް ފޮނުވާލާފައެވެ. އެހެންނަމަވެސް އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ވަނީ އިތުރު ލަނޑެއް ޖަހާ، ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައި އޮޅުވެލިފުށީގެ ކުޅުން އިތުރަށް ރަނގަޅުކުރުމުގެ ނަތީޖާއަކީ އެޓީމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހާ، ނަތީޖާގެ ފަރަގު ކުޑަކުރުމެވެ. ނަމަވެސް އޭދަފުށީގެ ސަޕޯޓަރުންގެ އުއްމީދުތައް ފުރިހަމަކޮށްދިނީ ސައްޓު ޖަހައިދިން ލަނޑުންނެވެ.
މި މެޗުގައި އޮޅުވެލި ޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް މި ޕެނަލްޓީ ވަނީ އޭދަފުށީގެ ކީޕަރ ހުޝިޔާރުކަމާއެކު ދިފާޢު ކޮށްފައެވެ.
މި މެޗު ބަލައިލުމަށް އޭދަފުށީގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން އޮޅިވެލި ފުއްޓަށް ދިޔައެވެ.