އެފްއޭއެމްގެ ދައުވަތަށް ރާއްޖެ އައި އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮބަރޓޯ އަޔާލާގެ ޝަރަފުގައި ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.
ރޮބަރޓޯ އަޔާލާ ރާއްޖޭގައި 5 ދުވަސް ހޭދަކުރި ޖުމައިރާ ވެއްޓަވެލި ރިޒޯޓުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ވާދަކުރީ އަޔާލާގެ ނަމުން ނަންދީފައިވާ ޓީމަކާއި ޖުމައިރާ ރިޒޯޓުގެ ޓީމެކެވެ.
މި މެޗްގައި ވެސް ފެނިގެންދިއައީ އަޔާލާގެ މޮޅު ކުޅުމާއި ހުނަރުވެރިކަމެވެ. ކުޑަ ދަނޑަކަށްވެފައި ފެންވަރުގެ ގޮތުން ވަރަށް އާދައިގެ ބައަކާއިއެކު ކުޅެން ޖެހުމުން އަޔާލާގެ ކިބައިން ގިނަ ވަގުތު ފެނުނީ ވަރަށް މަޑުމަޑުން ހުރިތަނެވެ. ނަމަވެސް ލިބޭ ބޯޅަތަކުގެ ބޭނުން ވަރަށް ހުނަރުވެރިކަމާއިއެކު ހިފަމުން ގެންދިއުމުން އަޔަލާގެ ކުޅަދާނަކަން ފެނިގެން ދިއައެވެ.
ގިނަ ވަގުތު ފަހަތުގައި ކުޅުމަށްފަހު މަޑުމަޑުން ކުރިއެރިތަނާ ލިބުނު ބޯޅައެއް ކޮންޓްރޯލްކޮށް ވަރަށް ހުނަރުވެރިގޮތަކަށް ގޯލަށް ވައްދައިލުމުން އެކަނިވެސް އަޔާލާގެ މޮޅުކަން ވަރަށް ރަނގަޅަށް ހާމަވިއެވެ.
ޖުމައިރާ ރިޒޯޓުން ބުނީ މިފަދަ މެޗެއް އިންތިޒާމުކުރީ އަޔާލާ ފަދަ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއަކު އެ ރިޒޯޓުގައި ހުރުމުން އަޔާލާގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
މެޗަށް އަޔާލާ ދަނޑަށް ވެއްދީ ދިވެހިން ސަގާފީ "ހަތްކޮޅު" ނަގައި ބޮޑުބެރާއި ކުރުފަލީގައެވެ. މެޗްގެ އިންޓޯލު ވަގުތު އަޔާލާގެ ޝަރަފުގައި ވަނީ ސަގާފީ ބަނޑިޔާޖެހުމުގެ އައިޓަމެއްވެސް ހުށަހަޅައިދީފައެވެ.
ވަރަށް އެކުވެރިކަމާއިއެކު ކުޅުނު މި މެޗް 5 ލަނޑު 6 ލަނޑުން ކާމިޔާބުކުރީ ޖުމައިރާ ރިޒޯޓުގެ ޓީމެވެ. މެޗަށްފަހު ރިޒޯޓުގެ ފަރާތުން ވަނީ ޚާއްޞަ ހަނދާނީ ލިޔުމެއް އަޔާލާއަށް ދީފައެވެ.