ފުލުހުންގެ ތަހުޤީޤު ޑިޕާޓްމަންޓްތަކާއި ތަހުޤީޤު ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކާއި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ފުލުުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ބާއްވާ ސީއިސީ ކަޕް ފަށައިގެން ކުރިއަށް އެބަދެއެވެ.
މި އޮގަސްޓް މަހުގެ 19 ން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތް ފައްޓަވާދެއްވީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ. މި ރަސްމިއްޔާތުައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ޓީމްތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުންވެސް ބައިވެރިވެފައިވެއެވެ.
ސީއައިސީ ކަޕަކީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގައި ހިމެނޭ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ހުނަރުވެރި ކުޅުންތެރިން އުފައްދައި މުވައްޒަފުންގެ މެދުގައި އޮތް ގުޅުން މިހާރަށްވު ބަދަހިކުރުމުގެ އިތުރުން ފުލުހުންގެ ތަހުޤީޤު ޑިޕާޓްމަންޓްތަކާއި ތަހުޤީޤު އިދާރާއާ ގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ކޭ ނައިން ޓީމާއި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ސޮކޮޑިއަންސް އެވެ. މިމެޗު ފޯރިގަދަ ކުޅުމަށްފަހު ކާމިޔާބުކޮށްފައިވަނީ ސޮކޮޑިއަންސް އެވެ. މި މުބާރާތުގެ ދެވަނަ މެޗުގައި ސީއައިސީ އޮފިސަރުންގެ ޓީމާއި ޕީޖީ އޮފީސް ވާދަކުރިއިރު މިމެޗު 7-0 ން ކާމިޔާބުކޮށްފައިވަނީ ޕީޖީ އޮފީސްގެ ޓީމެވެ.
ސީއައިސީ ކަޕްގައި ފުލުހުންގެ ތަހުޤީޤު ޑިޕާޓްމަންޓަކާއި ތަހުޤީޤު ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކުން ޖުމްލަ 12 ޓީމެއް ބައިވެރިވެފައިވާއިރު މި މުބާރާތް ކުރިއަށްދަނީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ.