މުބާރާތުގެ ފުރަތަމަ ފައިނަލް މެޗު ޕޮލިސް ކުލަބު ކާމިޔާބުކޮށްފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީއޭއެމް ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ ފައިނަލުގައި ޕޮލިސް ކުލަބާއި މޯލްޑިވިއަން ވާދަކުރި މެޗު ޕޮލިސް ކުލަބު
ކާމިޔާބުކޮށްފިއެވެ
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބުންނެވެ. މި ދެސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 25-19 އަދި 25-13 ންނެވެ. މެޗުގެ ދެ ސެޓް ކާމިޔާބުކުރުމާއި ގުޅިގެން މެޗުގެ 3 ވަނަ ސެޓްވެސް ޕޮލިސް ކުލަބުން ކާމިޔާބުކުރާނެކަމަށް ބެލެވުނު ނަމަވެސް މޯލްޑިވިއަން އިން ވަނީ ކުޅުން ރަނގަޅުކޮށް 3 ވަނަ ސެޓް ކާމިޔާބުކޮށްފައެވެ.
މިސެޓް އެޓީމުން ކާމިޔާބުކޮށްފައިވަނީ 25-17 ންނެވެ. އަދި މެޗުގެ 4 ވަނަ ސެޓްގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މި ސެޓް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބުންނެވެ. މިސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 25-18 ންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ.
މުބާރާތުގެ ފުރަތަމަ ފައިނަލް ޕޮލިސް ކުލަބުން ކާމިޔާބުކުރުމާއި ގުޅިގެން މިރޭ 20:30 ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ފައިނަލް މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި މިރޭގެ މެޗު މޯލްޑިވިއަން އިން ކާމިޔާބުކޮށްފިނަމަ އެޓީމަށްވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެއެވެ.
ޖުމްލަ 3 ޓީމު ވާދަކުރާ މި މުބާރާތުގައި 3 ފައިނަލެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3 ފައިނަލުގެ ތެރެއިން 2 ފައިނަލެއް ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
ޙަބަރު : ފޮލިސް ލައިފް