ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި މިއަދު ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އެމަނިކުފާނުގެގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްފަންނަށް ވަޑައިގަތުމުން ޓީޓީ ކުޅުންތެރިންނާއި ގިނަ އަދަދެއްގެ އާންމުރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ފެށީ ރަސްފަންނުގައެވެ. މިރޭ 8:00 އިން ފެށިގެން ކުރިއަށް ގެންދާނީ ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލުގައެވެ. މިގޮތުން މިއަދު ހަވީރުން ފެށިގެން 24 ގަޑީއިރު ވަންދެން މެދުކެނޑުމެއްނެތި ޓީޓީ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ރަސްމިއްޔާތު ފަށްޓަވައިދެއްވީ ދުނިޔޭގެ ޓޭބަލް ޓެނިސް ޗެމްޕިއަން ޖިއާން ޖިއަލިއާންގ އެވެ. މިރަސްމިއްޔާތުގައި ޖިއާން ޖިއަލިއާންގ ވަނީ މިރަސްމިއްޔާތަށް އޭނާއަށް ދައުވަތުދިން ކަމަށްޓަކައި ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖޭގައި ޓޭބަލް ޓެނިސް ކުޅުން އިތުރަށް ކުރިއެރުވުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.