ކޮންމެ ހުކުރު ދުވަހަކަށްވެސް އަހުރެންގެ އަމިއްލަ ޢިބާރާތުން ދުޢާއެއް އެކުލަވައިލަމެވެ. ގިނަގިނައިން ﷲ ތަޢާލާއަށް އެދުޢާކުރަމެވެ. އެހެންވެ އަހުރެން މިބަޔާންކުރަނީ މިއަދު އަހުރެން އެންމެ ގިނައިން ކުރާނެ ދުޢާއެވެ.
"ޔާ ﷲ! އިތުރު ހުކުރުދުވަހަކާއި ބައްދަލުވުމުގެ ތައުފީޤް ދެއްވެވިކަމަށްޓަކައި ޙަމްދުކުރަމެވެ. ކިތަންމެ ކުޑަ ނިޢްމަތެއްވެސް ޙާޞިލުވާންއޮތީ އެންމެހައި ނިޢްމަތްތައް މިންވަރުކޮށްދެއްވަވާ އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ.
ޔާ ﷲ! މިއަޅާ އާއި މިއަޅާގެ އަނބިދަރިންނަށް އަދި މައިންބަފައިންނާއި ޢާއިލާއަށް އަދި އެންމެހައި މީސްތަކުންނަށް އީމާންކަމުގައި ޘާބިތުވުމުގެ ހިތްވަރު ދެއްވަވާނދޭވެ! އަދި އަޅަމެންގެ ތަޤްވާވެރިކަން އިތުރުކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަޅަމެން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! ބަލީގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވައި ދެއްވަވާނދޭވެ! އަޅަމެންނަށް ކުރިމަތިވެފައިވާ ދަތިޙާލަތުން އަޅަމެން ސަލާމަތްކުރައްވަވައިދެއްވަވައި ރިޒްޤް ތަނަވަސްކުރައްވަވައި ދެއްވަވާނދޭވެ!
ޠާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! މިއަޅާގެ އަނބިދަރިންނަށް އަދި މައިންބަފައިންނާއި ޢާއިލާއަށް އަދި އެންމެހައި މީސްތަކުންނަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! އަޅަމެން އެންމެން ނަރަކައިން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! ސުވަރުގޭގެ އެންމެ މަތީދަރަޖަ، ޖަންނަތުލްފިރުދައުސްގައި އަޅަމެން އެންމެން ލައްވަވައި ދެއްވަވާނދޭވެ! އާމީން"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން