މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.9 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 10 މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ %4 އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް، ނިމިދިޔަ އޮކްޓޫބަރު މަހު ލިބުނު ގްރީން ޓެކުހުގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 172 މިލިޔަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު، މިއަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވަނީ 156 މިލިޔަން ރުފިޔާއެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ގްރީން ޓެކްސް ނަގަނީ އެ ތަންތަނުގެ ގިންތިތަކަށް ބަލައިގެންނެވެ. އެގޮތުން ރިސޯޓުތަކާއި، ސަފާރީތަކާއި އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ 6 ޑޮލަރެވެ. ޢުމުރުން 2 އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.