ދިގު މުއްދަތަކަށް ހުއްޓިފައި އޮތް، ރާއްޖޭގެ ފުރަތަމަ ވޯޓަރ ތީމް ޕާކުގެ މަޝްރޫޢު އަލުން ފަށައި، ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ސައިޓުގައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެޗްޑީސީން މިހާރު މި މަސައްކަތް ޚާއްޞަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް އޮތް 1 އަހަރާއި ދޮޅު އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ނިމިގެންދާއިރު، ފުރިހަމަ ތީމް ޕާކެއްގެ ތަޖުރިބާ ފޯރުކޮށްދިނުމުގެ ގޮތުން ރޭގަނޑު މަޑުކުރެވޭ ގޮތަށް 50 ކޮޓަރީގެ ޒަމާނީ ހޮޓަލެއް އެތަނުގައި ތަރައްޤީކުރެވޭނެއެވެ. މީގެއިތުރުން އެއްގަމާއި މޫދުގައި ކުޅޭ ތަފާތު ކުޅިވަރުތަކުގެ ތެރޭގައި ސްޕައިރަލް ސްލައިޑް، ވޯޓަރ ހައުސް، ވޯޓަރ ރޯލަރސް، ފެމިލީ ސްލައިޑްސް އަދި ފައުންޓެއިން ފަދަ ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ފާޚާނާއާއި، ޗޭންޖިންގ ރޫމްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށާއި ރެސްޓޯރެންޓްތަކަށް ޚާއްޞަ ޖާގަތައްވެސް މި ތަނުގައި ހިމެނެއެވެ.
ހުޅުމާލޭގައި ވޯޓަރ ތީމް ޕާކެއް އެޅުމުގެ މަޝްރޫޢަކީ 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން މެލޭޝިއާގެ ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލޭޝަރ ކުންފުންޏާ ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ. ނަމަވެސް، ޕްރޮޖެކްޓުގެ ބައެއް ކޮންކްރީޓް މަސައްކަތްތަކަށްފަހު، 2018 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި މަޝްރޫޢު ނުނިމި ގިނަ ދުވަސްތަކެއް ވެގެންދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މި މަސައްކަތް އަލުން ފެށިގެން ނިމިގެން ދިއުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެ ސަރަޙައްދުގެ އާއިލާތަކުގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.