ހުކުރު ދުވަހުގެ މަތިވެރިކަން ސޯޝަލް މީޑިއާގަ ހާމަކުރަމުން ޢަމަލުނުކުރާނަމަ ނަރަކައިގަ ގޮހޮރު ނެރެގެން އުޑިއެއްހެން އެނބުރެން ޖެހިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހުކުރު ދުވަހުގެ މަތިވެރިކަން ސޯޝަލް މީޑިއާގަ ހާމަކުރަމުން ޢަމަލުނުކުރާނަމަ ނަރަކައިގަ ގޮހޮރު ނެރެގެން އުޑިއެއްހެން އެނބުރެން ޖެހިދާނެ!

މިހާރަކަށް އައިސް ގިނަ ބައަކު އަވަދިނެތި އުޅެނީ ހުކުރު ދުވަހުގެ މާތްކަން އެހެން މީހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކިޔައިދޭށެވެ. އެއީ އިތުރު ޘަވާބު ހޯދަން ކުރަން ހަމަ ވަރަށް ރަނގަޅު ކަމެކެވެ.  އެހެން މީހުންނަށް ކަންކަން ހަނދާންކޮށްދިނުމަކީ ވަރަށް މަތިވެރި އަޅުކަމަކަށްވާތީއެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރެވޭ މަސައްކަތަކަށްވާތީއެވެ. 

ހިތާމައަކީ ތިމާ ހެޔޮ އަމަލުކުރާ މިންވަރު މަދުކަމެވެ. ކުރަންވީ ކަންކަން އެހެން މީހުންނަށް ބުނެދިން ނަމަވެސް ތިމާއަށް ނުކުރެވޭ ކަމެވެ. ރަނގަޅު ވާހަކައެކެވެ. އެހެން މީހުންނަށް ނަޞޭހަތްތެރިވުމަކީވެސް ކުރަން އޮތް ވަރަށް ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް ތިމާ ދޭ ނަޞޭހަތަށް ތިމާ އަމަލު ނުކުރާނަމަ ދެން އެވީ ކިހިނެއް ހެއްޔެވެ؟ 

އެހެން މީހުންނަށް ޤާނޫނު ކިޔައިދޭއިރު ތިމާ އަމަލު ނުކުރާނަމަ އަބަދުވެސް ތިމާ ހުންނާނީ ފޭލްވެ ކުށްވެރިވެފައި ނޫން ހެއްޔެވެ؟ އަބަދުވެސް ހުންނަން ޖެހޭނީ ކުށްވެރިވެ އަދަބެއްގައި ނޫން ހެއްޔެވެ؟ އެއިރުން އެވީ ކިހިނެއް ހެއްޔެވެ؟ އެހެން ވިއަ ނުދޭށެވެ. އެހެން މީހުންނަށް ނަޞޭޙަތްދޭއިރު ތިމާ އަކީ ޙައްޤަށް އަމަލުކުރާ މީހަކަށްވާށެވެ! 

ހުކުރު ދުވަހު ކުރަން އޮތް އެންމެ މުހިންމު އަޅުކަމަކީ ޖަމާޢަތުގައި ކުރާ ފަތިސްނަމާދުގައި ބައިވެރިވުމެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދަކީ އެއީއެވެ.  އެއަށްފަހު އޮތީ ވީހައި ކުރިން ހުކުރު ނަމާދަށް ދިއުމެވެ. 

ކޮންމެހެންވެސް ކަހްފި ސޫރަތް ކިޔަވަންވާނެއެވެ. ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުން ގިނަކުރަންވާނެއެވެ. އަދި ތިމާ އެދޭކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުންވެސް ގިނަކުރަންވާނެއެވެ. 

މިކަންކަން ކުރަން އެހެން މީހުންނަށް ހަނދާންކޮށްދޭ ފަދައިން ތިމާވެސް ކުރާށެވެ! ކުރާ ހެޔޮ ޢަމަލުގެ ނަތީޖާ ފެންނާނީ އެއިރުންނެވެ. ހެޔޮ އަމަލުކުރަން މީހުންނަށް ބުނެދިނުމަށްފަހު ޢަމަލުނުކުރާ މީހުންނަށް ހުރި ޢަޛާބަށް ބިރުވެތިވާށެވެ! އެމީހުންނަކީ އެމީހުންގެ ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގައި އުޑިއެއް ފަދައިން އެނބުރޭނޭ ބައެއްކަން ޙަދީޘުން އެނގެން އެބައޮތެވެ. 

- ޝައިޚް އަޙްމަދު ތާރިމް

މިއަދު އޮންލައިން