((الله)) : މިއީ މާތްރަސްކަލާނގެ މަތިވެރި ޛާތުފުޅުގެ މުފްރަދު ޚާއްޞަ ނަމެވެ. މިއީ لفظ الجلالة އެވެ. އިލާހީ ހުރިހާ ސިފަފުޅުތަކާއި ފެށުމެއްނެތް ދިރިދެމި ވޮޑިގަތުމާއި، ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަމާއި، އިރާދަފުޅާއި، އައްސަވާ ވޮޑިގެންވުމާއި، ބައްލަވައި ވޮޑިގެންވުމާއި ބަސް ވަޙީކުރެއްވުމާއި، ކަލާނގެވަންތަކަމުގެ ހުރިހާ ސިފަފުޅުތަކެއް މިނަންފުޅުގައި ހިމެނެއެވެ.
މާތްރަސްކަލާނގެ މަތިވެރި ނަންފުޅުތަކުގެ ތެރެއިން އެންމެ ޚާއްޞަ ނަންފުޅަކީ ﷲ އެވެ. މި ނަންފުޅު އެކަލާނގެ ޛާތުފުޅަށް ދެއްވީ ހަމަ އެރަސްކަލާނގެއެވެ. މާތްﷲ ވަޙީކުރައްވަނީ ((إِنِّى أَنَااللَّهُ رَبُّ الْعَالَمِين – سورة القصص: 30)) ’’ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ ޢާލަމްތަކުގެ ވެރި ﷲއެވެ.“
އެކަލާނގެ އަޅުންގެ ތެރެއިން އެއްވެސް މީހަކަށް ﷲއޭ ކިޔާ ނަންދެވިފައެއް ނުވެއެވެ. އަދި އެއީ ހުއްދަކަމެއްވެސް ނުމެނޫންމެއެވެ. މީހަކަށް މިނަންފުޅު ކިޔޭނަމަ ކިޔަންވާނީ އޭގެކުރިއަށް (ފިރިހެނެއްނަމަ) عَبْدُ (އަންހެނެއްނަމަ) أَمَةُ ލައި ގެންނެވެ.
މިނަންފުޅު ފިޔަވައި އެހެން ހުރިހާ ރިވެތި ނަންފުޅުތަކެއް އެކަލާނގެއަށް ލިބިވޮޑިގެންވަނީ ސިފަފުޅުތަކެއްގެ ގޮތުގައެވެ. މާތްﷲ ވަޙީކުރައްވަނީ ((وَلِلَّهِ الأَسْمَاءُ الْحُسْنَى)) ’’ﷲއަށް ރިވެތި ނަންފުޅުތައް ލިބިވޮޑިގެން ވެއެވެ.
އަޅުގަނޑުމެން ދިވެހިންގެ ރިވެތި އަދަބުތަކުގެ ތެރޭގައި އެނަންފުޅުގެ ކުރިޔަށް މާތް އިތުރުކޮށްގެން ބޭނުންކުރުން ވެއެވެ. ނުވަތަ އެނަންފުޅުގެ ފަހަތަށް جَلَّ جَلاَلُهُ ، ނުވަތަ تَعَالى، ނުވަތަ سُبْحَانَهُ وَتَعَالَى އިތުރުކޮށްގެން އެނަންފުޅު ބޭނުންކުރުމަކީވެސް ދިވެހި ޘަޤާފަތުގައި ހިމެނޭ ކަމެކެވެ.
މާތްﷲ އެކަލާނގެ އަޅުންނަށް އަމުރުކުރައްވަނީ ((الله)) ގެ ނަންފުޅުން އެކަލާނގެއަށް ދުޢާ ދެންނެވުމަށެވެ. އެކަލާނގެ އަޅުން އިޚްލާޞްތެރި ކަމާއެކު ދަންނަވާ ދުޢާ އިޖާބަކުރައްވާނެކަން އަންގަވާފައި ވެއެވެ. މާތްﷲ ވަޙީކުރައްވާނީ ((اُدْعُوْنِى أَسْتَجِبْ لَكُمْ)) ’’ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާ ދަންނަވާށެވެ. އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް އިޖާބަ ދެއްވާހުށީމެވެ.“
((الله)) މިނަންފުޅަށް الاسم الأعظم (އެންމެ މަތިވެރި ނަންފުޅު) އޭ ކިޔެއެވެ. ކީރިތި ޤުރްއާނުގައި މާތްރަސްކަލާނގެ ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައިން ވާރިދުވެފައިވާ ނަންފުޅަކީ ﷲއެވެ. ކީރިތި ޤުރްއާނުގެ 22 އާޔަތް މި މަތިވެރި ނަންފުޅުން ފައްޓަވާފައި ވެއެވެ.
لفظ الجلالة ނުވަތަ ((الله)) ގެ އަކުރުތަކަށް ބަލާއިރު އެއިން (އަލިފު) ކަނޑާލައިފިނަމަ ދެން އޮންނާނީ ((لِلَّه)) އެވެ. މާތްﷲ ވަޙީކުރައްވަނީ ((لِلَّه مُلْكُ السَّموَاتِ وَالأَرْض)) ’’އުޑުތަކާއި ބިމުގެ މިލްކުވެރިކަން ވަނީ ﷲއަށެވެ.“
لِلَّهِ އިން (ލާމު) ކަނޑާލައިފިނަމަ ދެން އޮންނާނީ ((لَهُ)) އެވެ. މާތްﷲ ވަޙީކުރައްވަނީ ((لَهُ الْمُلْكُ وَلَهُ الْحَمْدُ)) ’’އެކަލާނގެއަށް ވެރިކަމާއި، ރިވެތި ޘަނާއާއި ތާރީފު ލިބިގެންވެއެވެ.“
’’އަލިފު“ ބާއްވާފައި (ލާމު) ކަނޑާލައިފިނަމަ ދެން އޮންނާނީ ((إله)) އެވެ. އެއީ އަޅުކަން ކުރެވޭ ފަރާތެވެ. ނުވަތަ ކަލާނގެއެވެ.
ﷲގެ ކުރިއަށް ނިދާގެ އަކުރު ((يا)) ވެސް ވަންނާނެއެވެ. އޭރުން ކިޔާނީ ((يااَللَّهُ)) އެވެ. لفظ الجلالة ގައިވާ އަލިފާއި ލާމަކީ ޚާއްޞަނަމަކަށް ހެދުމަށްޓަކައި ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. އެއީ އެމަތިވެރި ނަންފުޅު އަޞްލުގައި އޮންނަ ގޮތެވެ. އެއީ ޚާއްޞަ، މާތް، އިތުރު ނަންފުޅެކެވެ.
ހަމައެފަދައިން ﷲގެ ފަހަތަށް ((م)) އިތުރު ކުރެވިދާނެއެވެ. އެއީ ނިދާގެ ((يا)) ގެ ބަދަލުގައި ބޭނުންކުރެވޭ އަކުރެކެވެ. އޭރުން އޮންނާނީ اللَّهُمَّ އެވެ.
لفظ الجلالة (الله) ކިޔާއިރު އެލަފްޡުގެ ކުރީގައި އޮތީ އުބުފިއްޔެއްނަމަ ނުވަތަ އަބަފިއްޔެއްނަމަ (މިސާލަކަށް رسول الله) لفظ الجلالة ކިޔަވަންވާނީ ތަފްޚީމު ކޮށެވެ. ނުވަތަ ބަރުކޮށެވެ. މިއާ ޚިލާފަށް އެލަފްޡުގެ ކުރީގައި އޮތީ އިބިފިއްޔެއްނަމަ (މިސާލަކަށް بِاللَّهِ) لفظ الجلالة ކިޔާނީ ލުއިކޮށެވެ. ނުވަތަ ތަރުޤީޤު ކޮށެވެ. އޭރުން ކިޔާނީ (ބި-އް-ލާހި) މި ގޮތަށެވެ.
لفظ الجلالة (ނުވަތަ ﷲ) ބޭނުންކޮށްގެން ދުޢާކުރުމުން ދުޢާކުރާ މީހާއަށް ހިތްހަމަ ޖެހުމާއި، އަމާންކަން ދެއްވާނެއެވެ. އަދި އޭނާއަށް އީމާންކަން އިތުރު ކޮށްދެއްވާނެއެވެ. ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި (يَااللَّهُ يَاهُوَ) އެއްހާސް ފަހަރު ކީމީހަކަށް އީމާންކަން ފުރިހަމަ ކޮށްދެއްވާ ހިތްހަމަޖެހުން ދެއްވާނެއެވެ.
(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)